ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅޭ ޑެންމާކާއި ބެލްޖިއަމް މެޗުގެ ތެރޭގައި ޑެންމާކުގެ ކްރިސްޓިއަން އެރިކްސަންއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ވަގުތު ކޮޅެއް ހޭދަކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
އެ ވަގުތު ކޮޅު ގެނައުމަށް ހަމަޖައްސާފައި ވަނީ 9.00ގައި ފަށާ މެޗުގެ 10 ވަނަ މިނިޓުގެ ތެރޭގައެވެ. އެ ވަގުތުކޮޅު ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ބެލުން ތެރިންވެސް ބައިވެރިވާނެއެވެ. މެޗު ކުޅޭނީ ކޯޕަންހޭގަންގައެވެ.
ފިންލޭންޑާއި ޑެންމާކު މިމަހު 12 ވަނަ ދުވަހުގެރޭ ބައްދަކުރި މެޗުގެ 43 ވަނަ މިނިޓުގައި ޑެންމާކުގެ މުހިންމު ކުޅުންތެރިއެއްކަމުގައިވާ އެރިކްސަން ހޭނެތިގެން ދަނޑުމައްޗަށް ވެއްޓުނެވެ. އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީ ދަނޑުމަތީގައި ދިން އަވަސްފަރުވާއަށްފަހު ހޮސްޕިޓަލަށް އަވަހަށް ގެންގޮސް އިތުރު ފަރުވާ ދިނުމުގެ ސަބަބުންނެވެ.
އެރިކްސަންގެ ހާލު މިހާރު ދަނީ ރަނގަޅުވަމުންނެވެ. ނަމަވެސް ޔޫރޯގައި އޭނާގެ ޓީމު އޮތީ ފުރަތަމަ މެޗުން ބަލިވުމުގެ އިތުރަށް ވަރަށް ބޮޑަށް ނަފުސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ގެންބިފައެވެ.
މިރޭގެ މެޗުގެ ތެރޭގައި އެރިކްސަންއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ޚާއްޞަ ވަގުތުކޮޅެއް ގެނައުމަށް އެންމެ ބޮޑަށް އިސްނަގައި މަސައްކަތް ކުރީ އެރިކްސަންއާއެކު އިޓަލީގެ އިންޓަމިލާނަށް މިއަހަރު ކުޅެ ލީގު ހޯދުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ބެލްޖިއަމްގެ ފޯވާޑު ކުޅުންތެރިއާ ރޮމެލޫ ލުކާކޫއެވެ.
ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ތިން ޕޮއިންޓު ހޯދާފައިވާއިރު ޑެންމާކު ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެ ތިން ޕޮއިންޓު ގެއްލިފައެވެ.
މިރޭގެ މެޗުން ޑެންމާކު ބަލިވެއްޖެނަމަ އެޓީމަށް ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ގެއްލޭނެއެވެ. އަދި ބެލްޖިއަމް ދެވަނަ ބުރަށް ހޮވޭނެއެވެ.
ޔޫރޯގައި މިއަދު ކުޅޭ ފުރަތަމަ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 6.00 ގައެވެ. މެޗުގައި ބައްދަލުކުރާނީ ނޯތު މެސެޑޯނިއާއާއި ޔޫކްރޭންއެވެ. މެޗު ކުޅޭނީ ބުކަރެސްޓުގެ ނެޝަނަލް އެރީނާގައެވެ. މި ދެޓީމަކީ ވެސް ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާ ދެ ޓީމެވެ. އެހެންވެ ދެވަނަ ބުރުން ޖާގައެއް ހޯދުމަށް ކޮންމެ ޓީކަމަކަށް ވެސް މޮޅުވުން މަޖުބޫރެވެ.
މިރޭ ކުޅޭ ފަހު މެޗުގައި ވާދަކުރާނީ ނެދަލޭންޑާއި އޮސްޓްރިއާއެވެ. މި ދެޓީމަކީ ވެސް ފުރަތަމަ ކުޅުނު މެޗުން މޮޅުވެ ތިން ޕޮއިންޓު ހޯދާފައިވާ ދެ ޓީމެވެ. މެޗު ފަށާނީ މެންދަމު 12.00 ގައެވެ. މެޗު ކުޅޭނީ އަމްސްޓަޑަމްގެ ޖޯން ކްރައިފް އެރީނާގައެވެ.
ގިނަ ބަޔަކު ލަފާކުރާ ގޮތުގައި މިރޭގެ މެޗުން އޮސްޓްރިއާ ބަލިކޮށް ނެދަލޭންޑް ދެވަނަ ބުރުން ޖާގައެއް ހޯދާނެއެވެ.