މެލޭޝިއާގެ ކޯވިޑް-19އާ ބެހޭ ތަރުޖަމާނު، ޑަތުކް ސެރީ މަސީޑީ މަންޖޫން ބުދަދުވަހު ވިދާޅުވި ގޮތުގައި އެ ގައުމުގެ ހޮސްޕިޓަލުތަކުން ބޭރުގައި މަރުވާ ކޮންމެ މީހަކާ މެދުވެސް ދެން އަމަލު ކުރެވޭނީ ކޯވިޑަށް ފައްސިވެގެން މަރުވާ މީހުންނާ މެދު އަމަލުކުރަމުންދާ ގޮތަށެވެ.
އެކަން ހާމަކުރެއްވުމަށްފަހު އިތުރު ތަފްސީލު ދެއްވަމުން މަސީޑީ މަންޖޫން ވިދާޅުވީ ހޮސްޕިޓަލުން ބޭރުގައި މަރުވިކަމަށް ރިޕޯޓުކުރާ ކޮންމެ މީހަކާ ބެހޭ މައުލޫމާތު މީގެފަހުން ފުލުހުންނާއި ކަމާބެހޭ ފަރާތްތަކަށް އަންގަން ޖެހޭނެއެވެ. އަދި މަރުވާ މީހުންގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައުމަށްފަހު ޕީސީއާރް ޓެސްޓު ހަދައި އޭގެ ނަތީޖާ ލިބުމުން މެނުވީ ޖަނާޒާއާ ބެހޭ އެއްވެސް ކަމެއް ނުކުރެވޭނެއެވެ. މަރުވި މީހާ ފައްސި ނުވާނަމަ އާއިލާއިން ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔުމުގެ ހުއްދަ ދެވޭނެއެވެ. ނަމަވެސް މައްޔިތާ ކޯވިޑް-19އަށް ފައްސިވެފައި ވާނަމަ ޖަނާޒާގެ ކަންކަމާ ހަވާލުވާނީ ކަމާބެހޭ އިދާރާތަކުންނެވެ.