މީޑިއާތަކުން ފެންނަ ލިއުންތައް ކިޔާފާ އަޅުގަނޑު ހިތަށްއަރަނީ...

Loading

Facebook
Twitter
WhatsApp

މިފަހަކަށް މީޑިއާތަކުން ފެންނަ ލިއުންތައް ކިޔާފާ އެތައްބައިވަރު ކަންތައްތަކެއް އަޅުގަނޑު ހިތަށް އަރާ ފައިބައިގެންދެއެވެ. އެންމެފުރަތަމަ އަޅުގަނޑު ހިތަށްއަރަނީ އެފަދަ ބައެއް ލިއުންތަކާ އެއްފެންވަރަކަށް އަޅުގަނޑަށްވެސް ލިއެވޭނެނަމައެވެ! އެހެން ލިއުންތެރިންނަށް ކުޑައިމިސް ބަހަކަށްނުވާގޮތަށް ބައެއް ލިޔުންތެރިކަމުގެ ގޮތުން ފުންނާބު އުސް ކޮލަމްނިސްޓުން ފަދައިން އަޅުގަނޑަށްވެސް ލިއެވޭނެ ބާވައޭ ހިތަށްއަރައެވެ.

ނުލިޔެވުނަސް ލިޔަންމަސައްކަތްކުރާނަމޭ ހިތަށް އަރައެވެ.

ދިވެހި މުޖުތަމާއަށް މިހާރު ދިމާވެފައިވާ ކަންތައްތަކާދޭތެރޭ އަޅުގަނޑުވެސް ލިޔަންބޭނުމެވެ. އެހުރިހާ ކަންތައްތަކާބެހޭގޮތުން ލިއުމަކީ ވެސް ކުޅަދާނަކަމެއްނޫނޭ ހިތަށްއަރައެވެ. އަޅުގަނޑެކޭ އެއްފަދައިން ކޮންމެދިވެއްސަކަށްވެސް އެކަހަލަ އިޙުސާސްތަކެއް ކުރެވޭނެއެވެ. ބައެއްބޭފުޅުން ވަރަށް ފުރިހަމައަށް ބައެއްކަންތައްތަކުގައި އެބޭފުޅުންގެ ވިސްނުން ހާމަކޮށްފާވެސް އެބަހުރެއެވެ. އަޅުގަނޑު ހިތައްއަރާއެއްޗެހިވެސް އެހާ ފުރިހަމަކޮށް ހާމަކުރެވޭނެނަމައޭ ހިތަށް އަރައެެވެ.

ކިޔާމީހުންނަށް ވިސްނޭގޮތަށް ހަމަހަމަކަމާއެކު ހިނގަމުންދާ ޙާދިސާތައް ގެނެސްދެވިދާނެބާއޭ ހިތަށްއަރައެވެ. ތެދާއި ދޮގު މައުލޫމާތު ވަކިކުރާނީ ކިހެނެއްހެއްޔޭ ހިތަށްއަރައެވެ. ހުރިހާމީހުންވެސް ހަދަނީ ތެދު ކަމަށް ގަބޫލުކުރާނީ ކިހެނެއްހެއްޔޭ ހިތަށް އަރައެވެ.

މިހާރަކަށް އައިސް ނޫސްތަކުގައި ލިޔެފައިހުންނަ ޚަބަރުތަކަށް ކިއުންތެރިން ދީފައިހުންނަ ރައްދުތަކަށްބަލާލާއިރު ކޮންމެކަމެއްގައިވެސް ދެ ވިސްނުމަކާއި ފިކުރެއްގެ މައްޗަށް ބުރަވެގެންތިބެ ރައްދުދެނީ ކީއްވެގެންބާއޭ ހިތަށް އަރައެވެ. އެއްފަރާތެއްގެ ވިސްނުމަށް ތަބާވެގެން ތިބޭ ބަޔަކަށް އަނެއް ވިސްނުމަކަށް ބުރަވެގެންތިބޭ ބަޔަކު ބުނާއެއްޗެއް ކަމުނުދަނީ ކީއްވެގެން ބާއޭ ހިތަށް އަރައެވެ. ކިތަންމެ ރަނގަޅަށް ކުރެވޭ ކަމަކަށްވިޔަސް އެކަމަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ކުނިގޮވަނީ ކީއްވެގެން ބާއޭ ހިތަށް އަރައެވެ. ހުރިހާ މީހުންނަށް ރަނގަޅުވާގޮތަށް އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރެވިދާނެއެވެ. އެހިނދުގައި ކުނިގޮވުމުގެ ބަދަލުގައި ހަމަހިމޭނުން ހުރުން އިޚްތިޔާރު ނުކުރަނީ ކީއްވެގެންބާއޭ ހިތަށް އަރައެވެ. ގިނަ ޢާންމު ރައްޔިތުންވެސް ތިބެނީ ވަކިމީހެއްގެ ނުވަތަ ވަކި ބައެއްގެ ފަހަތުގައެވެ، އެހެންކަމުން އެމީހަކު ނުވަތަ އެބަޔަކު ބުނާއެއްޗެއް ގަބޫލުކުރަނީ މާބޮޑު ފިކުރަކާ ނުލައެވެ. ތިމާ ހެއްދެވި ފަރާތާއި މެދުވެސް މާކަންބޮޑު ވިސްނުމެއް ގެންގުޅޭ ހިން ހިއެއްނުވެއެވެ.

ޙަގީގަތުގައި މިގޮތަށް އަޅުގަނޑުމެންގެ ވިސްނުމާ ފިކުރުކުރުން ބައްޓަންވެފާ މިހުރީ އިއްޔެއަކު މިއަދަކު ނޫނެވެ، ރަންނަމާރީގެ ޒަމާނުންސުރެން އަޅުގަނޑުމެންގެ ވިސްނުމާއިފިކުރު ހުރީ އެގޮތަށް ބައްޓަންކޮށްފައެވެ. ކޮންމެވެސް މީހަކު ނުވަތަ ބަޔަކު ބުނާއެއްޗެއް އެއީ އެކަންއޮތްގޮތްކަމަށް ގަބޫލުކުރުމުގެ އާދައޮތީ އަށަގަންނުވާފައެވެ. ތަފާތަކީ އެޒަމާނުގައި އެއޮތީ ދިވެހިންގެ ވިސްނުމާއި ފިކުރެކެވެ. ދުނިޔެއަށް ހުޅުވިފައިނެތް ދުނިޔޭގައި ކަންތައް ހިނގަމުންދާގޮތް ނޭންގޭ ބަޔަކުގެ ވިސްނުމާއި ފިކުރު ހުންނާނެގޮތަށެވެ. ނަމަވެސް މިއަދު އެހެންބުނެވޭކަށްނެތެވެ. ދިވެހިންނަކީ ޒަމާނުގެ ތަހުޒީބަށް ލޯހުޅުވިފައިތިބި ބައެކެވެ. ދުނިޔޭގައި ކަންތައް ހިނަމުންދާގޮތާއި ހިންގަމުންގެންދާގޮތް ވަރަށްރަނގަޅަށް ދިވެހިންނަށްވެސް އެނގެއެވެ.

ހިތާމައަކީ މިއީއެވެ. ތަޢުލީމާއި ތަމައްދުނާއި ތަހްޒީބާއި މި ހުރިހާކަމެއް ލިބިގަނެވިފައިތިބެމެ، އަޑުގަދަ ދެތިންމީހަކު ކިޔާހާ ލަވައަކަށް ދިވެހިން ނަށަން މިތިބީ ކީއްވެގެން ބާވައޭ އަޅުގަނޑު ހިތަށްއަރައެވެ. އެއްބަޔަކު ލާދީނީއޭ ގޮވާނެއެވެ. އަނެއްބަޔަކު ވައްކަންކުރަނީއޭ ގޮވާނެއެވެ، އަނެއްކާއެހެންބަޔަކު އިންސާފެއްނެތޭވެސް ގޮވާނެއެވެ. އެކަމަކުވެސް އަނެއްކާވެސް ގައުމު ހިންގަން ހަވާލުކުރަނީ އެއްކަލަ މީހުންނަށެވެ. ދިވެހިންގެތެރޭގައި ބޭނުންކުރާ ހަރުބަސްތައްވެސް ހަނދާންނެތުނީ ބާވައޭ އަޅުގަނޑު ހިތަށް އަރައެވެ. އެއްފުޅައްމަތިން ފުންމާލި ބަކަރިއާއި އެއްގަލުންފެހިކޭ ލަނޑަޔާއި އަލަގަހަކުން ނުފަޅާނެ ކެޔޮނިރެއްގެ ވާހަކަ ހަނދާންނެތުނީ ބާވައޭ ހިތަށްއަރައެވެ.

އެހެންނާފަހެ، ކަންތައްތައް ހިންގަމުންގެންދާގޮތް ކަމުނުދަންޏާއި އިތުރު ފުރުސަތުނުދީ އެހެންބަޔަކު ދިވެހިންނަށްޓަކައި ޚިދުމަތް ކުރަންފުރުސަތު ދޭކަށް ނުވޭހެއްޔެވެ. ހަމައެކަނި އިންސާފެއްނެތޭ ވައްކަންކުރަނިއްޔޭ ލާދީނީއޭ ގޮވުމަކުންނުފުދެއެވެ. ބޮޑުތަކުރުުފާނުގެ ނަމޫނާއިން މިސާލު ނަގަންޖެހޭވަގުތު ފައިތުވެގެން ދަނީއެވެ. އިންޑިއާއިން މިގައުމު ބިނާކޮށްދޭނެ ދުވަހަކަށް އިންތިޒާރު ނުކުރާށެވެ. އެމެރިކާއިން މިގައުމު ދިފާއުކުރާނެކަމަށް ބަރޯސާވެ ނުތިބޭށެވެ. ޗައިނާއިން މިގައުމު ތަރައްގީކޮށް ސަރަޙައްދުގެ އިސްސަފަށް ނެރެދެންދެން މަޑުނުކުރާށެވެ.

މި ގައުމުގައި ދުލެއް އޮތްނަމަ މިހެންގޮވާނެއެވެ. މި ގައުމުގައި ހުރި އެއްޗަކުން ފުއްދައިގެން ފުދުންތެރިކަން އިތުރުކުރެވޭތޯ ބަލާށޭވެސް ގޮވާނެއެވެ. ލިބޭއެއްޗަކަށްވުރެން ޚަރަދުބޮޑުވީމާ އެއީ އިސްރާފުކުރުންކަން އެނގޭ ބަޔަކާ ގައުމު ހިންގުން ހަވާލު ކޮށްދޭށޭވެސް ގޮވާނެއެވެ. އަވަށްޓެރިންނާއި ރައްޓެހިންވެސް ބޭނުންވާނީ އެގޮތްކަމުގައި ދެކެން ވެއްޖެނޫންހޭ ގޮވާނެއެވެ. އަބަދާއަބަދު ސަލާންޖަހަން ފެށީމާ ނަފްރަތު ކުރެވެން ފަށާނެއޭވެސް ގޮވާނެއެވެ. މި ގައުމުގައި އަޑުއަހާނެ ކަންފަތެއް ހުރިނަމަ މިއަޑުތައް އިވޭނެވެސް މެއެވެ.

މީޑިއާގެ ޒަރީޢާއިން ގެނެސްދީފައިހުންނަ މަޢުލޫމާތުތަކަށްބަލާއިރު އަޅުގަނޑުމެންދިރިއުޅޭ މިސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭމީހުންގެ ބޮލަކަށްލިބޭ ފައިސާގެ އަދަދު ހާމަކޮށްފައިވާއިރު 1979 ވަނައަހަރާހަމަޔަށް އައި އިރު ދިވެހިރާއްޖޭގެ ނަންވެސް ފެންނާކަށްނޯވެއެވެ. އެހެންނަމަވެސް އޭރުވެސް ދިވެހިންތިބީ ކައިބޯއި ހަދައި އުނު އަނދެގެންނެވެ. އެ ޗާޓުން ފުރަތަމަފަހަރަށް ދިވެހިރާއްޖެ ދައްކާލީވެސް 1979 ވަނައަހަރުގައެވެ.

ބޮލަކަށް ލިބޭ އާމްދަނީގެ ނިސްބަތް އޮތީ ސަރަހައްދުގެ އެންމެ ފުލުގައެވެ. ނަމަވެސް ހައިރާން ކުރުވީ 1983 ވަނައަހަރު ފެށުނުއިރު މި ސަރަޙްދުގެ މީހުންނަށް ލިބޭ އާމްދަނީ ބޮލަކަށްޖެހޭވަރު އެންމެ މަތީގައި އޮތީ ދިވެހިރާއްޖެއެވެ. އެންމެ ހަތަރު އަހަރުދުވަހުގެތެރޭގައި އެހާބޮޑު ބަދަލެއް ގެނެވިފައިވަނީ ހަމަގައިމުވެސް މި ގައުމު ތަރައްގީކުރަން 1970 އިންފެށިގެން އެޅުނު ބިނާކުރެވެނިވި ރަނގަޅު މަޝްރޫޢުތަކެއްގެ ނަތީޖާ ކަމުގައި ގަބޫލުކުރަންޖެހެއެވެ. އަދި އެކަމުގައި ވަރަށްވަރުގަދަ ބިންގަލެއްވެސް އޮތީ އެޅިފައެވެ. އެކަންއެނގެނީ ކޮވިޑްގެ ބޮޑު މުސީބާތާއެކުގައިވެސް 2021 ވަނައަހަރުގެ މިހާ ހިސާބަށް އައި އިރުވެސް ދިވެހިރާއްޖެއޮތީ މިސަރަހައްދުގެ އެހެން އެއްވެސްގައުމެއް އަތްނުފޯރާ ހިސާބު ކުރީގައެވެ. ބޮލަކަށްޖެހޭ އާމްދަނީގެ ނިސްބަތުން ދިވެހިރާއްޖެއާއި އެންމެ ވާދަކުރަމުންގެންދާ އަވަށްޓެރި ސްރީލަންކާވެސް އުޅެނީ ނިސްބަތުން ބޮލަކަށް އަޅުގަނޑުމެންނަށްވުރެން ގާތްގަނޑަކަށް 8000 އެމެރިކާޑޮލަރ ދަށުގައެވެ. އަޅުގަނޑުމެންނަށް އެންމެ ބޮޑެތި އެހީތަކާއި ދަރަނިތައް ދެމުން އަންނަ އަވަށްޓެރި އިންޑިއާގެ ނިސްބަތް އުޅެނީ ބޮލަކަށް ގާތްގަނޑަކަށް 10000 ޑޮލަރަށްވުރެން މަދުންނެވެ.

މިގޮތަށް މިކަން މިހެންއޮތްކަމަށްވާނަމަ އަޅުގަނޑުމެންގެ ގައުމަށް ލިބޭ އާމްދަނީ މި އަޅަމުންގެންދަނީ ސިޔާސީ ބައެއް ބޮޑުން ވިދާޅުވާތީވެސް އަޑުއިވޭފަދައިން ފޫގޮއްސާއޮތް ތިޖޫރީއަކަށް ބާވައޭ ހިތަށްއަރައެވެ. އަދިވެސް ހިތަށްއަރާ އެހެންވާހަކައެކެވެ. އަޑުއިވޭގޮތުގައި 1970 ގެ އަހަރުތަކުގައި ދިވެހިރާއްޖޭގެ ބޭރުގެ ދަރަނިތައް އަތުގެ އިނގިލިތަކުން ހިސާބު ކޮށްލެވޭވަރު ވެއެވެ. އެހެނަސް މިހާރު އެދަރަނިތައް ހިސާބުކުރަން ބޮޑު މެގަރ ކޮމްޕިއުޓަރެއް ބޭނުންވެޔޯލައެވެ.

މިކަންތައް މިހެންހުރުމާއެކު އަޅުގަނޑުމެންގެ ގައުމުގެ ވެރިކަންކުރަން މިހަވާލުކުރެވެނީ ހަމަ އެންމެ ރަނގަޅުމީހުންނަށް ބާވައޭ ހިތައްއަރައެވެ. ހަމަ ކޮންމެ މީހަކަށް ގައުމުގެ ވެރިކަން ޙަވާލުކުރަންވާނެ ހެއްޔެވެ؟

 

Loading

2 Responses

  1. އަޅުގަނޑު ހިތަށްއަރަނީ 1970 ކުރީގެ އަހަރުތަކުގައިވެސް ރާއްޖެ އައީ ކިތަންމެ މަޑުންނަމަވެސް ގިނަގޮތްގޮތުން ކުރިއަށް ޖެހެމުންނެވެ. ލިބޭމިންވަރުން ކުރެވުނީ އެވަރުކަމަށް ވެދާނެއެވެ. އެގޮތް ރައްޔިތުންވެސް ގަބޫލުކުރިކަހަލައެވެ. 1970 ގެ އަހަރުތަކުގައި ވެރިކަން ކުރިމީހުންނަށްވެސް ވަގަށްގޮވާފައި ނޫސްތަކުގައިލިޔެފައިހުރި ލިއުންތައް ދުށީމެވެ. ތެދަކަށްވެސް ވެދާނެއެވެ. އެކަމަކު ރައްޔިތުންގެ ދަރިންގެ ދަރިންނަށް ދާންދެން ގައުމުދަރުވާލަިފިއެކޭ ލިއެފާއޮއްވައެއް ނުދެކެމެވެ. ބަރުމާޕީސް މުންޑު އަނދެގެން ގެރިކާ ހަނޑޫ ކައިގެންވެސް ދިވެހިންގެ ޢިއްޒަތުންނަފްސް އޮތީ ރައްކާކޮށްފައެވެ. ހަނދާންވާގޮތުގައި 1980 އާހަމަޔަށް އައިއިރުވެސް ދިވެހިކޮންމެ ރައްޔިތަކުގެ މިލްކަކީވެސް އޭނާގެ އެއްޗެއްކަމުގެ ޔަގީންކަންއޮތެވެ. އެކަމަކު މިހާރު އެއިންވެސް ސަރުކާރަށް ކޮންމެ ހަމަހަކުންކަހަލަގޮތަކަށް ބައިކުޅަބައި ދޭން އެބަޖެހެއެވެ. ގިނަ ހިންދީ ފިލްމުތަކެއްގައި އަވަށުގެ ބާރުގަދަމީހުން މަސައްކަތުމީހުންގެ މުސާރައިން ހަފްތާ ނަގާއުސޫލުންނޭވެސް ބުނެވިދާނެއެވެ.

  2. މިލިއުންކިޔާފައި އަޅުގަނޑު ހިތަށްއަރަނީ ބޭންކުތަކުން މީސްމީހުންނަށް ދަރަންޏަށް ފައިސާ ދޭއިރު އެމީހުންގެ މުދާ ރަހުނު ކުރަނީ ކީއްވެގެންބާވައެވެ ! ގަބޫލުކުރެވޭގޮތުގައި އެއީ އެފައިސާ ނުދައިކައިފި ހިނދެއްގައި އެ މުދާ ބޭނުންކޮށްގެން ދަރަނި އަތުލުމުގެ ބޭނުމުގައެވެ. އަޅުގަނޑަކީ އިގްތިޞާދީ އިލްމު އެނގޭމީހަކީމެއް ނޫނެވެ. އަޅުގަނޑަށް ހީވާ އެތި ބުނެލީއެވެ. އެހެންވީމާ އެއްގައުމުން އަނެއް ގައުމަށް ދަރަނިދޭއިރުވެސް ދަރަނި އަތުލެވޭނެ ކޮންމެވެސް ދަންތުރައެއް ޖަހާނެތާއެވެ. 1988 ގެ ފަހުކޮޅުގައި އަވަށްޓެރި ގައުމެއްގެ އަސްކަރީ ބޮޑު ފައުޖަކަށް ދައުވަތުދީގެން ދިވެހިރާއްޖެއަށް އެހީވެދޭން ގެނެސްފައި ތިބީ އަޅުގަނޑުމެންގެ ޒުވާން ފުރާވަރުގައެވެ. އޭރުވެސް އެމީހުން ދެނެއް ނުފައިބާނެއޭ ކިޔާ ކޮންމެވެސް ވަރަކަށް އަޑު ފެތުރުނެވެ. އެހެންނަމަވެސް އެ ފައުޖު ގެނައި ބޭނުން ނެތިދިއުމުން އެމީހުން މިގައުމު ދޫކޮށްދިޔައީ ވަރަށްރީތި ނަމޫނާއެއް ދައްކާފައެވެ. މިހާރަކަށްއައިސް އަވަށްޓެރި ގައުމެއްގެ ސިފައިން މި ގައުމުގައި ތިބެގެން ރައްޔިތުން ރަތަށް އަރައިގެންދާ ކަމަށް މިފެންނަނީ ވެރިކަންކުރަންތިބިބަޔަކު ވެރިކަންކުރަން ބީރައްޓެހިކަމުންބާވައޭ އަޅުގަނޑު ހިތަށް އަރައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް