ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ހާއްސަ އޮަޕަރޭޝަނުގެ ތެރެއިން އައްޑޫ ސީޓީން ހައްޔަރު ކުރި ފަސް މީހަކު ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުން ބާތިލުކޮށްފި އެވެ.
ފުލުހުންގެ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ބަންދަށް ފުރަތަމަ 15 ދުވަސް ދިން ނަމަވެސް، މެއި 30 ވަނަ ދުވަހު އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން އެމީހުންގެ ތެރެއިން ފަސް މީހަކު ވަނީ ދޫކޮށްލައިފަ އެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި ފަސް މީހުންނަކީ:
އިއުތިސާމް މުހައްމަދު ސައީދު، ގަމަރީ، ގދ. މަޑަވެލި
މަފްތޫހް ސައީދު، ވިކްޓްރީ، ގއ. ކޮލަމާފުށި
ހަސަން ޝިހާނު އިބްރާހީމް، ކާކީގެ، ސ. ހިތަދޫ
އަބްދުﷲ ހައިޝަމް، ސައީދާމަންޒިލް، ސ. މީދޫ
އާއި މުހައްމަދު ތަސްލީމް، އަލަނާސިގެ، ހއ. ހޯރަފުށި
އެމީހުން ދޫކޮށްލަން އަމުރުކުރީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވަނީ އެ ފަސް އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
މީގެ ތެރޭގައި ހިމެނޭ މުހައްމަދު ތަސްލީމް ހައްޔަރުކުރީ ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް އަމަލީ ގޮތުން މަސައްކަތް ކޮށް ހަރުކަށި ފިކުރު ފެތުރުމަށާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ހިތްވަރުދީ އަދި ގޮވާތަކެތި ހެދުމުގެ މައުލޫމާތު އެހެން މީހުންނަށް ފޯރުކޮށްދީ، ހަރުކަށި ފިކުރުގެ ފަރާތްތަކާ ގާތް ގުޅުމެއް ބާއްވާ ކަމުގެ ތުހުމަތުގައި މެއި 17 ވަނަ ދުވަހު އެވެ. ހަމަ އެދުވަހު އިއުތިސާމް މުހައްމަދު ސައީދު ހައްޔަރުކުރީ ތަސްލީމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާގެ ވެސް ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވިގެންނެވެ.
އަބްދުﷲ ހައިޝަމް އާއި މަފްތޫހް ސައީދު އާއި ހަސަން ޝިހާނު އިބްރާހީމް ހައްޔަރުކުރީ އައްޑޫ ސިޓީގައި ވަކި ޖަމާއަތެއްގެ ގޮތުގައި ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އައިއީޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށް ގެންގުޅެ، އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުން ދީފާނެ ކަމަށް ތުހުމަތު ކުރެވިގެން މެއި 15 ވަނަ ދުވަހު އެވެ.
އެ ފަސް މީހުން ވެސް ބަންދުކުރަން ދެ ފަހަރެއްގެ މަތިން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ ފުލުހުން ހޯދާފައިވާ ހެއްކާއި ގަރީނާ އާއި އިންޓެލިޖެންސް ރިޕޯޓަށް ބެލުމަށްފަހު އެވެ. ނަމަވެސް ބަންދުގެ އިތުރުކުރަން ތިން ވަނަ ފަހަރަށް ހުށަހެޅުމުން، އެއްވެސް ޝަރުތަކާ ނުލައި ދަށު ކޯޓުން ވަނީ އެމީހުން ދޫކޮށްލައިފަ އެވެ.
އެމީހުން ދޫކޮށްލަން އަމުރުކުރި ސަބަބެއް ކަމުގައި ބުނެފައި ވަނީ އެކަށީގެންވާ ހެކި ގަރީނާ ހުށަހަޅާފައި ނުވާތީ އެމީހުން ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.
ހައިކޯޓުން ބުނެފައިވަނީ އެ ފަސް މީހުންގެ މަށްޗަށް ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް ބަލާއިރު ތުހުމަތު ކުރެވުނު މައްސަލައިގައި ތުހުމަތު ކުރެވޭ ކޮންމެވެސް ވަރެއްގެ ހެކި ފުރަތަމަވެސް ލިބިފައިވާ ކަން އެނގޭ ކަމަށެވެ. އަދި ތުހުމަތު ކުރެވޭ ކުށްތަކަކީ ޖިނާއި ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށްތައް ކަމަށާ، މިދަފަދަ ކުށްތަކަކީ އޭގެ ޒާތުގައި ގައުމީ ސަލާމަތާއި ގައުމުގެ އަމަންއމާން ކަމާއި ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ ހަމަޖެހުން ނެތި ބިރުވެރިކަން ފެތުރިގެންދާފަދަ ނުރައްކާތެރިކަން ބޮޑު ކުށްތަކެއް ކަމަށެވެ. އަދި އެފަދަ މީހުންނާ މެދު ހުށަހެޅިފައިވާ ހެކިތަކާއި ގަރީނާ ތަކުގެ މަށްޗަށް ބުރަވެ ގޮތް ކަނޑައަޅަން ޖެހޭނީ އެ ފަދަ ކުށްތަކުގެ ބުރަަދަން ދެވިގެން ކަމަށް ހައިކޯޓުގެ ނިންމުމުގައި ވެއެވެ.
އެ މައްސަލައިގައި ހައިކޯޓުން ނެރުނު ހުކުމުގައި ބުނެފައިވަނީ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރު ނެރެފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ނުވާތީ އެ އަމުރު ބާތިލް ކޮށް އެ އަމުރުގެ ދަށުން ދޫކޮށްފައިވާ އިސްތިއުނާފު ރައްދުވާ އެ ފަސް މީހުން 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށެވެ.