އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ކެންޕޭން މެނޭޖަރު ބްރާޑް ޕާސްކޭލް މަގާމުން ދުރުކޮށް ބިލް ސްޓެޕިއެން އެމަގާމަށް އައްޔަން ކުރައްވައިފި އެވެ. ސްޓެޕިއެން މިހާތަނަށް ހުންނެވީ ކެންޕޭން މެނޭޖަރުގެ ނައިބުގެ މަގާމުގައެވެ.
ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާސްކޭލްގެ ބަދަލުގައި ކެންޕޭން މެނޭޖަރަކަށް ސްޓެޕިއެން ހަމަޖައްސާފައިވާ ކަމަށާއި މިއީ ސްޓެޕިއެން އަށް ދިން ޕްރޮމޯޝަނެއް ކަމުގަ އެވެ. މިބަދަލު ގެނައިކަމަށް ވިޔަސް ޓްރަމްޕްގެ ކެންޕޭން ޓީމުގެ އިސް ސަފުގައި ޕާސްކޭލް އަދި ވެސް ދެމިހުންނަވާނެކަން ޓްރަމްޕް ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ. ނަމަވެސް މިބަދަލު ގެންނަންޖެހުނު ސަބަބު ޓްރަމްޕް ހާމަކުރައްވާފައެއް ނުވެ އެވެ.
ޕާސްކޭލް އަކީ ޑިޖިޓަލް އެންޑް ގްރެފިކްސް ދާއިރާގެ ތަޖްރިބާކާރެކެވެ. މިބަދަލާއެކު ޕާސްކޭލް އާ ހަވާލުކޮށްފައި ވަނީ ޓްރަމްޕްގެ ކޭންޕޭންގެ ފަންނީ ބައިކަމަށްވާ ”ގްރޭޓް ޑިޖިޓަލް އެންޑް ގްރެފިކަލް ސްޓްރެޓެޖީސް“ އާ ބެހޭ ކަންތައްތަކެވެ.
ޓްރަމްޕް ރިޔާސީ ކްނޭޕޭން ކުރިޔަށް ގެންދަވާއިރު ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. މީގެތެރެއިން އެންމެ ބޮޑުގޮންޖެހުމަކީ ކޮވިޑް-19 އެމެރިކާގައި ކޮންޓްރޯލް ނުވެ ބާރަށް ފެތުރެމުންދާތީ ކެންޕޭންގެ ހަރަކާތްތަކަށް އޭގެ ހިޔަނި އެޅިފައިވުމެވެ. މީގެއިތުރުން ކޭންޕޭން އެއްވުންތަކަށް ސަޕޯޓަރުން ހާޒިރުވާ މިންވަރު މަދުވުމުގެ މައްސަލަ ވެސް ވަނީ ޓްރަމްޕްގެ ބޮލުގެ ރިހުމަކަށް ވެފަ އެވެ.