ޔޫރޯގައި މިރޭ ފްރާންސް- ޖާމަން: ފައިނަލެއް ފަދަ ވަރުގަދަ މެޗެއް

Loading

Facebook
Twitter
WhatsApp

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ މެންދަމު 12.00ގައި ކުޅޭ ފުޓްބޯޅަ މެޗަކީ ފުޓްބޯޅަ ދިރާސާ ކުރާ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މުބާރާތުގެ ފައިނަލް މެޗު ފަދަ ވަރުގަދަ މެޗެކެވެ.

ޖަރުމަންވިލާތުގެ މިއުނިކުގެ އެލިއަންޒް އެރީނާގައި ކުޅޭ މެޗަށް ދެ ޓީމުން ވެސް ވަނީ ރަނގަޅަށް ތައްޔާރުވެފައެވެ. ދެ ޓީމުގެ 15 ހާހެއްހާ ބެލުންތެރިންނަށް ސްޓޭޑިއަމަށް ކުޅިބަލަން ވަނުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ރަށު ޓީމު ރަށަށް ގަދަވާނެއޭ ބުނާ އުސޫލުން މެޗު ޖަރުމަނުގައި ކުޅުމުން އެ ގައުމުގެ ޓީމަށް ލިބޭ ހިތްވަރާއި ތަރުހީބު ބޮޑުވާނެކަމަށް ބެލެވެއެވެ.

ޔޫރަޕްގެ އެންމެ ވަރުގަދަ ދެ ޓީމު ފޯރީގަދަ ކުރިމަތިލުމަކަށް ނިކުންނައިރު، ދެޓީމުން ކުރެ ޓީމަކަށް އަނިޔާގެ ބޮޑު މައްސަލައެއް ނެތެވެ. ދެ ޓީމުގެ ގަދަ 11 ގައި ވެސް ހިމެނެނީ ގައުމުގެ މުހިންމު ޓީމުތަކުގެ އިތުރަށް ދުނިޔޭގެ މުހިންމު ލީގުތަކުގައި ކުޅެމުންދާ އެންމެ މޮޅު ކުޅުންތެރިންނެވެ.

ކޮންމެ ޓީމެއްގެ މުހިންމު ތިން ޑިޕާޓުމަންޓަށް ބަލާއިރު ޖަރުމަނަށް ވުރެ ފަރަންސޭސި ޓީމުގެ ކުރިއާއި މެދުތެރެ ވަރުގަދައެވެ. ކަން އެހެން އޮތުމުން ލަނޑު ޖެހުމުގެ ފުރުސަތު ބޮޑީ ފަރަންސޭސި ޓީމަށެވެ.

ޖަރުމަން ޓީމުގެ ތަޖުރިބާކާރު ކޯޗު ޖޯޚިމް ލޯގެ 15 އަހަރުގެ ޚިދުމަތުގައި ޖަރުމަނަށް ކާމިޔާބީތަކެއް ހޯދައިދީފައި ވިޔަސް ފަހަކަށް އައިސް ގައުމީ ޓީމަށް އާދިރުމެއް އޭނާއަށް ހޯދައި ދެވިފައެއްނުވެއެވެ. އެހެންވެ އޭނާ ވަނީ ޔޫރޯއަށްފަހު ގައުމީ ޓީމުގެ ކޯޗުކަމުން ވަކިވާން އަމިއްލައަށް ނިންމާފައެވެ.

އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފްރާންސް ހޯދުމުން ދުނިޔޭގެ ވަރަށް ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި ވަނީ ދުނިޔޭގެ އެންމެ މޮޅު ޓީމަކީ އަދިވެސް ފްރާންސް ކަމަށެވެ. އެއީ ހަގީގަތެއްކަން ނުވަތަ ނޫންކަން މިރޭގެ މެޗުގެ ނަތީޖާއިން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްއަށް ދުނިޔެއަށް ދެއްކުމުގެ ފުރުސަތު އޮންނާނެއެވެ.

މިރޭގެ މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް އަދި ދެރަވިޔަސް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ.

ބެލުންތެރިންނަށް މިރޭގެ ބޮޑު މެޗުން ލިބޭ އުފަލަކީ އަރާމުގައި ގޭގައި ތިބެ ވަރުގަދަ މެޗެއް ބަލާލެވުމެވެ.

މިރޭ ކުޅޭ ޔޫރޯގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްއާއި ހަންގޭރީއެވެ. އެ މެޗު ފަށާނީ މިރޭ 9.00 ގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް