ޓެރަރިޒަމާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި އައްޑޫސިޓީން ހައްޔަރު ކުރި އަށް މީހުންގެ ތެރެއިން ދޫކޮށްލި ފަސް މީހުން އަލުން ހައްޔަރުކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
އެމީހުން ހައްޔަރުކޮށް، ބަންދުކުރަން ހައިކޯޓުން އަމުރުކުރީ ފަސް މީހުން ދޫކޮށްލި މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެ ކޯޓުގައި އިސްތިއުނާފުކުރުމުންނެވެ.
ހައިކޯޓުން ހައްޔަރުކުރަން އަމުރުކޮށްފައިވަނީ، އިއުތިސާމް މުހައްމަދު ސައީދު، ގަމަރީ، ގދ. މަޑަވެލި އާއި އަބްދުﷲ ހައިޝަމް، ސައީދާމަންޒިލް، ސ. މީދޫ އާއި މަފްތޫހް ސައީދު، ވިކްޓްރީ، ގއ. ކޮލަމާފުށި އާއި މުހައްމަދު ތަސްލީމް، އަލަނާސިގެ، ހއ. ހޯރަފުށި އަދި ހަސަން ޝިހާނު އިބްރާހީމް، ކާކީގެ، ސ. ހިތަދޫ އެވެ.
މި މީހުންނަކީ ހަރުކަށި ފިކުރަށް ތަބާވާ ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާމީހުންކަމަށް ފުލުހުން ތުހުމަތު ކުރާ މީހުންނެވެ.
ފުލުހުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޓެރަރިޒމާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ހިންގަންފެށީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާ އާ ގުޅިގެންނެވެ. މި އޮޕަރޭޝަނުގެ ތެރެއިން މާލެ އިންނާއި އައްޑޫން ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާއިރު މާލެ ޖަލާއި މާފުށީ ޖަލުގައި ވެސް ވަނީ ހާއްސަ އޮޕަރޭޝަން ތަކެއް ހިންގާފައެވެ.