ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ބިމެއް އިތުރު ކުރަން ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ރަށުގެ ރައްޔިތުން ސޮއިކުރަން ފަށައިފިއެވެ.
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ކަމަށް ބުނެ މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.
ސަރުކާރުގެ އެ ނިންމުން ޕްލޭނިން މިނިސްޓްރީގެ ފަރާތުން ދެ ފަހަރެއްގެ މަތިން އެ ރަށު ކައުންސިލަށް ވަނީ އަންގާފަ އެވެ. ޕްލޭނިންގެ އެސިސްޓެންޑް ޑިރެކްޓަރު ނިހާޒާ އަނީސް ސޮއި ކުރައްވާ ފޮނުއްވި ސިޓީގައި އެއާޕޯޓަށް އިތުރު ކުރާ ބިމުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ނޯދާން އޭރިއާގެ ހެޑްކުއާޑާސް ގާއިމު ކުރަން ބޭނުންވާ ބިން ވެސް އެ ސަރަހައްދުގެ ތެރެއިން ކަނޑައަޅަން ނިންމާފައިވާ ކަމަށާއި ލޭންޑް ޔޫސް ޕްލޭންއާއެކު ކައުންސިލަށް ފެންނަ ގޮތެއް އަންގުމަށް އެދިފައި ވެއެވެ.
އެގޮތުން ސިޓީގައި ބުނެފައި ވަނީއެއާޕޯޓް ތަރައްގީ ކުރަން މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރަން ނިންމާފައިވާތީ އެ ބިން ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ހިމަނަން ހުށައަޅާ ކަމަށެވެ.
އެއާޕޯޓް ތަރައްގީ ކުރަން ކަމަށް ބުނެ އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ބިން އިތުރުކުރަން ނިންމުމުމުން ރަށުގެ ޒުވާނުން އިސްވެގެން މި ބިން ދިނުމާ ދެކޮޅަށް އެކަމާ ދެކޮޅު ނެކެމެ، ޕެޓިޝަނެއްގައި ސޮއިކުރަމުންދާއިރު އެ ރަށުގެ ޖަމިއްޔާތަކުން ވަނީ ރައީސް ސޯލިހަށް ސިޓީއެއް ފޮނުވާފަ އެވެ.
އެއާޕޯޓް އެކްސްޓެންޝަނަށް ޒޯން ކޮށްފައިވާ ބިމުގެ ތެރެއަށް އެރަށު ރައްޔިތުންގެ ބަޖެޓުން ހަރަދުކޮށްގެން ހަދާފައިވާ ބާބަކިއު ސަރަހައްދާއި ޕިކުނިކް ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ބިން ވެސް ހިމެނެއެވެ. ރަށުގެ ޒުވާނުންގެ އެދުމަކީ އެ ބިން ރަށުގެ އެހެން ސަރަހައްދަކުން ފާހަގަ ކުރުމަށް ފަހު ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ހިމެނުމެއެވެ.
ހަނިމާދޫގެ ޖަމިއްޔާތަކުން އެއްވެގެން ރައީސް ސޯލިހަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވާ ގޮތުގައި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އަދި އެ ރަށުގެ ކުދިބޮޑު އެންމެންގެ ވެސް އުންމީދެއް ކަމަށާއި އެ އުންމީދުގައި ތިއްބާ އެއާޕޯޓް ތަރައްގީ ކުރަން ކަމަށް ބުނެ މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރަން ސަރުކާރުން ނިންމުމަކީ ހަދާ ގޯހެއް އަދި ހިތާމައެއް ކަމަށެވެ.