އެއާޕޯޓެއްގެ އެއާ ޓްރެފިކް ކޮންޓްރޯލް ބޭރުގެ ބަޔަކަށް ނުދޭނެ: ފައްޔާޒު

Loading

Facebook
Twitter
WhatsApp

ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓު ޕޮލިސީއަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުގެ ދަށުން އެއާޕޯޓެއްގެ އެއާރ ޓްރެފިކްގެ ކޮންޓްރޯލް ބޭރު ބަޔަކަށް ނުދޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އުސޫލަށް ގެނައި ބަދަލުގެ ތެރެއިން ރާއްޖޭގެ އެއަރޕޯޓެއްގެ އެއާ ޓްރެފިކް އޮޕަރޭޝަން ރާއްޖޭގެ އަމިއްލަ ފަރާތަކަށް ނޫނީ ބޭރު ފަރާތަކަށްވެސް ދޭން ނިންމާފައިނުވާކަމަށާ
ރާއްޖޭގެ އެއާޕޯޓް ތައް ކޮންޓްރޯލް ކުރާނީ ދައުލަތުންކަމަށެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓު ޕޮލިސީއަށް ބަދަލުގެނެސް އިއްޔެ އެ އުސޫލު ގެޒެޓްކުރީ ހދ އަތޮޅުގައި އޮންނަ ހަނިމާދޫ އެއާޕޯޓް އިންޑިއާއަށް ދިނުމަށް އެޅި ފިޔަވަޅެއްގެ ގޮތުންކަމަށް އަޑުފެތުރިފައި ވަނިކޮށް މިއަދު ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ދޮގުކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ކަމުގައިވީ ނަމަވެސް އެ އެއާޕޯޓު ހިންގާނީ ދިވެހި ސަރުކާރުން ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏަކުންކަމަށެވެ.

ސަރުކާރުން އިއްޔެ ވަނީ ރާއްޖޭގައި ފޮރިން ޑައިރެކްޓް އިންވެސްޓްކުރުމާއިބެހޭ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އުސޫލަށް ގެނައި ބަދަލުގެ ދަށުން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެއެވެ.

އިއްޔެ ގެޒެޓުކުރި އިސްލާހުގައި ވާގޮތުން ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ އެވެ.

މީގެ އިތުރުން އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުމާއި، އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތް އަދި ގްރައުންޑް ސާވިސް ހިދުމަތް ދިނުމަށްވެސް 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށް މި އިސްލާހުގައި ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް