ކަނޑައިގެން ގޮސްފައިވާ ދެ ކަނދުފައްޗެއް ހަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

ކަނޑައިގެން ގޮސްފައިވާ ދެ އޮއިވާލި ކަނދުފައްޗެއް ފިޝަރީޒް މިނިސްޓްރީން އަލުން ހަރުކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ކަނޑައިގެން ދިއުމުގެ ސަބަބުން އަލުން ހަރުކުރީ ކ.ދިއްފުށި ކަނދުފައްޗާއި، ށ. ފުނަދޫ ކަނދުފައްޗެވެ.

ދިއްފުށި ކަނދުފައްޗަކީ ދިއްފުށީގެ އިރުން 13 މޭލު ބޭރުގައި އަޅާފައިވާ ކަނދުފައްޗެކެވެ. އަދި ފުނަދޫ ކަނދުފައްޗަކީ ފުނަދޫ އިރުން 11.5 މޭލު ބޭރު ގައި އަޅާފައިވާ ކަނދުފައްޗެއްކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިޝަރީޒް މިނިސްޓްރީން ވަނީ 55 ކަނދުފަތި އަޅާފައެވެ.

އެކި ސަބަބުތަކާހުރެ ދޭތެރެދޭތެރެއިން ކަނދުފަތިތައް ކަނޑައިގެން ދިއުމުގެ މައްސަލަތައް ދިމާވެވެއެވެ. މަސްވެރިކަން ކުރަން ފަސޭހަ ކުރުމަށް ހަރުކޮށްފަ ހުންނަ މި ކަނދުފަތިތައް އެންމެ ފުރަތަމަ ހަރުކުރީ 1980 ވަނަ އަހަރުގައެވެ.

ގަވައިދާއި ހލާފަށް ކަނދުފަތިތައް ހުންނަ ސަރަހައްދުތަކުގައި މަސްވެރިކަންކުރުމަކީ މަނާކަމެކެވެ. އެގޮތުންއެއްވެސް ކަނދުފައްޗަކާއި ތިން މޭލު ކައިރީގައި ދިރޭ އެންޖަހައި، އަޑިއަށް ފެއްތުމާއި، މިޔަރު ނެގުމާއި، ލޭނު އެޅުމާއި، އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުމަކީ ގާނޫނީގޮތުން މަނާކަމެކެވެ. އަދި ކަނދުފަތީގެ ބޮލަށް ވާ އައްސައި، އޭގައި ދޯނިފަހަރު އަޅައިގެން ތިބުންފަދަ، އޮއިވާލި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާ އެއްވެސް އަމަލެއް ކުރުމަކީވެސް މަނާކަމެއްކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް