މިއީކީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ދާންވީ ވަގުތެއްނޫން: ރައީސް

111

މިއީކީ ސިޔާސީ ހަލަބޮލިކަމެއްގެތެރެއަށް ދާންވީ ވަގުތެއްނޫންކަމުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީގެ ބައެއް ޕާލަމެންޓު މެންބަރުގެ ފާޑުކިއުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއީ މިގައުމު ސަލާމަތްކުރަން ލިބިފައިއޮތް ވަރަށް ރަނގަޅު ފުރުސަތެއްކަމުގައެވެ.

“ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި އެކީގައި މަސައްކަތްކޮށްގެން، ގައުމު ވެއްޓިފައި މި އޮތް ބިރުވެރި އަނދަވަޅުން ސަލާމަތް ކުރުމަށް ކުރެވެން ހުރި ވަރަށް ބައިވަރު މަސައްކަތްތަކެއް އެބަހުރި.” ރައީސް ވިދާޅުވިއެވެ. “ރާއްޖޭގައި އެބަހުރި، ގައުމުގައި އެބަހުރި، އެއަށްވުރެ މާ ބޮޑެތި މަސައްކަތްތައް ކުރަން. މާގިނަ ކަންތައްތައް ހައްލުކުރަންޖެހިފައި. އަޅުގަނޑުގެ އެދުމަކީ މިއަށް އަމާޒު ހިފައިގެން ހުރިހާ ބޭފުޅުން ކުރިއަށް ވަޑައިގަތުމަށް.”

ރައީސް ނަޝީދަށް އަމާޒުކޮށް މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ހަމަލާ ދިންތާ މާގިނަ އިރެއް ނުވަނީސް އެމްޑީޕީގެ ބައެއް މީހުން ވަނީ ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް ރައީސް ޞާލިޙާއި ދިފާއީ ވަޒީރު އޭޑީކޭއަށް ވަޑައިގަތުމުން އެ ދެބޭފުޅުންގެ އިސްތިއުފާއަށް ގޮވާފައެވެ. އަދި އޭގެ ފަހުން ވެސް ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގާ ގުޅޭގޮތުން ރައީސް ޞާލިޙާއި މިނިސްޓަރ މާރިޔާއަށް ތުހުމަތުކޮށް ތަފާތު ވާހަކަތައް ވަނީ ފެތުރިފައެވެ. ހަމައެޔާއެކު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރަމުންދާ “އިންކްއަރީ”އަށް ރައީސް ޞާލިޙާއި މިނިސްޓަރ މާރިޔާ ހުރަސް އަޅުއްވަމުން ގެންދަވާކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުން ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި އެކަމަށް ތުހުމަތު ކުރައްވައި ރައީސް ނަޝީދުވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

“241 ކޮމިޓީގެ މުގައްރިރު އެކަމާ ގުޅޭ ގޮތުން އިއްޔެ (ހޯމަދުވަހު) ވެސް ވަނީ ޕްރެސްއެއް ދެއްވާފައި. ވަރަށް ތަފުސީލުކޮށް ވިދާޅުވި އެއްވެސް ފަރާތަކުން ސަރުކާރުން ވެސް އަދި އަޅުގަނޑުވެސް، ސަރުކާރުގެ އެއްވެސް މުއައްސިސާއަކުން ވެސް އެއްވެސް ހުރަހެއް އެއަށް ނާޅާކަމަށް. ފުރި ހަމަ އެއްބާރުލުން ލިބޭކަމަށް ވިދާޅުވި. އެހެންވީމާ 241 ކޮމެޓީން އިންކްއަރީ ގެންދަން ބޭނުންވާ ގޮތަށް ކުރިއަށްދާކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ.” ނޫސްވެރިއަކު ދެންނެވި ސުއާލެއްގެ ޖަވާބުގައި ރައީސް ޞާލިޙު ވިދާޅުވިއެވެ. “އެމްއެންޑީއެފުން ވަކިވަކި ސިފައިން ގެންދިއުމާ ބެހޭގޮތުން ނެރެފައިއޮތް ބަޔާނަކީ ސިފައިންގެ ގާނޫނާ ހަވާލާދީ، ނެރެފައި އޮތް ބަޔާނެއް. އެބޭފުޅުން ނެރުއްވާފައިއޮތް ބަޔާނާއެކީގައި ކޮމިޓީއަށް އެއްބާރުލުން ދެމުން ގެންދާކަމަށް އެވަނީ 241 ކޮމިޓީގެ މުގައްރިރު ވިދާޅުވެފައި. އޭގެ އިތުރަށް ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެއަށް ހުރަސް ނާޅާނެކަން އެމަނިކުފާނު އެހެން ވިދާޅުވެފައި އޮތްނަމަވެސް.”

ވާޗުއަލްކޮށް ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރައީސް ނަޝީދަށް ދެވުނު ނުރައްކާތެރި ހަމަލާގެ ވަށައިގެން ހުރި ކަންތައްތަކަށް އަމާޒުކޮށްގެން އެކި ދިމަދިމާއިން ވާހަކަ ދައްކަމުންގޮސް މުޅި މައްސަލައިގެ އަސްލު ގެއްލޭ ހިސާބަށް އެބަދާކަމަށެވެ.

“އެހެން ނެހެއްދެވުން އެދެން އަޅުގަނޑު ހުރިހާ ބޭފުޅުންގެ ކިބައިންވެސް.” ރައީސް ވިދާޅުވިއެވެ. “އަޅުގަނޑުމެން އެންމެންގެ އަމާޒަކަށްވާންވީ ރާއްޖޭގައި އެފަދަކަންތައްތައް ހިނގިޔަ ނުދިނުމަށް އެންމެން އެކީގައި ކުރެވެން ހުރި މަސައްކަތްތަކެއް ކުރުން. ކާކުތޯ އެކަންކުރީ؟ ކޮންބަޔަކު ބުނެގެންތޯ؟ އަދި އޭގައި ޚަރަދުކޮށް، ފައިސާ އޭގައި އެކުލެވޭތޯ؟ އެހެން ބަޔަކު އެހެން މަގުސަދެއްގައި ކޮށްފައި އޮތް ކަމެއްތޯ ބަލައި އެކަން ހޯދުން. އަދި މުޅި ގައުމު އެކަމުން ސަލާމަތްކުރުމަށް ކުރަން ހުރިކަންތައްތައް އަޅުގަނޑުމެން ކުރުން. އެއާ ޚިލާފަށް އަޅުގަނޑަށް މިފެންނަނީ ވަރަށް ބޮޑަށް އޭގެން ނެއްޓި މުޅިން އެހެންދިމާއަކަށް އަމާޒުހިފައިގެން ދާތަން. އެހެން ނެހެއްދެވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ތިޔަ ހުރިހާ ބޭފުޅުންގެ ކިބައިންވެސް.”

ރައީސް ނަޝީދަށް ޓެރަރިސްޓު ހަމަލާއެއް ދިނުމުގެ ކުރިން ވެސް އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ދެބައި ވެފައިވާކަމަށް ބުނެ މަޖިލިސްތެރޭގައި ވަރަށް ބޮޑަށް ފާޑުކިޔަމުން ގޮސްފައިވެއެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއަށްފަހު އެމްޑީޕީގެ ބައެއް ފަރާތްތަކުން ދަނީ ރައީސް ޞާލިޙަށާއި މިނިސްޓަރ މާރިޔާއަށާއި ސިފައިންނަށާއި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެއްކޮޅުން ކޮވިޑް-19ގެ ނުރައްކަލުގައި ގައުމުގެ އިގުތިސާދު ފުނޑިގެންގޮސް ގައުމާއި ރައްޔިތުން ބަނގުރޫޓު ވެފައިވާއިރު، އަނެއްކޮޅުން ފެންނަމުންދަނީ ވެރިކަން ހިންގާ ކޯލިޝަންގެ ތެރޭގައި ކޯޅުން އުފެދި ބައިބައި ވަމުންދާތަނެވެ.

 

2 ހިޔާލުތައް

  1. ސިޔާސީ ހަލަބޮލި ކަމުގެ ތެރެއަށް ވެސްދާނެތާ ތިބުނަނީ ވެކުސިން ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް ދެވިއްޖެއޭ.އެއީ ދޮގެއް.ބޭރު މީހުންނަށް ދެވުނީ.ރާއްޖޭގެ އާބާދީ މިފަހަރު އޮޅިގެން ތިބުނެވުނީ ގޯސްކޮށް.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ