ގައުމުގެ ކަންކަން މިހާރު ކުރިއަށް ދަނީ ބޭރުގެ ގައުމުތަކުން ބޭނުންވާ ގޮތަށް: މާލޭގެ މޭޔަރު ޑރ. މުޢިއްޒު

Loading

Facebook
Twitter
WhatsApp

މި ގައުމުގެ ކަންކަން މިހާރު ކުރިއަށްދަނީ ބޭރުގެ ގައުމުތަކުން ބޭނުންވާ ގޮތަށް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޓީވީ ޗެނަލް-13ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު އާދީއްތަ ދުވަހުގެ ރޭ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވިއިރު، އިންޑިއާއިން ރާއްޖޭގެ ބައެއް ކަންތައްތަކަށް އަތް ގަދަކުރަމުންދާކަމަށް ބުނެ ވަރަށް ގިނަ ފަރާތްތަކުން ގެންދަނީ މީޑިއާގެ އެކި ގުނަވަންތަކުގައި އެކަމަށް ފާޑުކިޔައި ދެކޮޅުހަދަމުންނެވެ. އެގޮތުން އައްޑުއާއި ހައްދުން މައްޗާއި ހަނިމާދޫއާއި މާލެއަތޮޅުގައި ތަރައްގީގެ ނަމުގައި އިންޑިއާއިން ހިންގާ އަދި ހިންގަން ރާވަމުންދާ ”ޢަސްކަރީ އެހީ“ގެ ކަންތަކާ ދެކޮޅަށް ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ.

ރައްޔިތުންނަށް ބޭނުންވެފައިވާ ގިނަ ކަންތައްތައް، މާލެ ސިޓީގެ މޭޔަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ހަލުއި މިނެއްގައި ކުރައްވަމުން ގެންދަވާ، ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ދަރަނި އެތައް ގުނައަކަށް ބޮޑުވެފައި ވާކަމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓް ވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. މުޢިއްޒުގެ ވާހަކަފުޅުގައި ގައުމު ކުރިން އޮތް ހާލަތަށް ގެންދިއުމަށާއި ގައުމަށް އަލުން ތަރައްގީ ގެންނަން ރައީސް ޔާމީން އަލުން ވެރިކަމަށް ގެންނަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެދުވަސް އޮތީ މާދުރުގައި ނޫން ކަމަށާއި ރައީސް ޔާމީން ވެރިކަމަށް އަލުން ވަޑައިގަންނަވާނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. މުޢިއްޒަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަމުގެ އިތުރަށް ރާއްޖޭގެ ތަރައްގީއަށް ރައީސް ޔާމީން ކުރެއްވި މަސައްކަތްތަކުގައި މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އިންޑިއާއިން ލޯނުނަގައިގެން އިންޑިއާގެ ކުންފުނިތަކާއި ހަވާލުކޮށްގެން ބައެއް މަޝްރޫޢުތައް ހިންގަން ކަނޑައަޅާފައިވިޔަސް އެމަޝްރޫޢުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދާތަނެއް ނުފެނެއެވެ.

ގައުމުގެ ވަރަށް ގިނަ ކަންތައްތައް ތަރައްގީކުރަން ސަރުކާރުން ބައިވެރިއެއްގެ ގޮތުގައި ހޮވާފައިވާ އިންޑިއާއަށް ސުނާމީއެއްހެން ކޮވިޑް-19 ފެތުރި އިންޑިއާގެ އިގުތިސާދީ ހާލަތު ވަނީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައެވެ.

ފޮޓޯ: އަވަސް

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް