ރާއްޖެއަށް އެތެރެކުރާ ކެމިކަލްތަކުގެ މައުލޫމާތުތައް ބެލެހެއްޓުމާއި، ކެމިކަލްތައް އެތެރެކުރާ ފަރާތްތަކަށް އޮންލައިންކޮށް ހުއްދަ ދޫކުރުމުގެ ކަންތައްތައް ކުރިއަށްގެންދާ ”މަކުޑި“ ޕޯޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މަކުޑި އަކީ ނޭޝަނަލް ސިންގަލް ވިންޑޯގެ ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ ސިސްޓަމެކެވެ.
މި ޕޯޓަލް އަޕްގްރޭޑް ކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އެމްއެންޑީއެފާ ދެމެދު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ނަސީރުއެވެ. އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސްގެ ނައިބު ހަސަން ޒަމީލެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިއެއްބަސްވުމުގެ ދަށުން ޑިފެންސް މިނިސްޓްރީން ގާއިމުކޮށްފައިވާ ’މަކުޑި‘ ސިސްޓަމް އޮޕަރޭޓްކުރުން އިތުރަށް ހަރުދަނާ ކުރުމަށް ހާޑްވެއަރ ފޯރުކޮށްދޭނެކަމަށެވެ.
އަދި މިއީ ސަރުކާރު އޮފީސްތަކުގެ ޚިދުމަތް އޮންލައިންކޮށް ދޭ މިދަނޑިވަޅުގައި 24 ގަޑިއިރު މެދުނުކެނޑި ހިދުމަތް ފޯރުކޮށްދިނުމާއި ރައްކާތެރިކަމާއެކު ޑާޓާ މެނޭޖްކުރުމާއި ޑާޓާގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ލިބޭ އިތުރު ބާރަކަށްވާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އަދި މީގެ އިތުރުން އެ ސިސްޓަމް ބޭނުންކުރާ އެކިއެކި ފަރާތްތަކަށް ޓްރެއިނިންގ ދިނުމުގައި މިހާރު ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބޭނެކަމަށް މިނިސްޓްރީން ދެކެއެވެ.
މިމަސައްކަތަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް)ގެ މާލީ އެހީތެރިކަމާއި އެކު 2020 ވަނަ އަހަރު ފަށާފައިވާ މަޝްރޫއެއްގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.