ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ނައިބު މިނިސްޓަރު ހަސަން ޒަމީލުގެ މައްޗަށް ދައުވާކޮށްދޭން މަޖިލީހުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން އެދިއްޖެ އެވެ.
ޒަމީލަށް ދައުވާކޮށްދޭން އެދި މަޖިލީހުގެ ފަރާތުން ޕީޖީއަށް އޮފީހަށް ވަނީ ސިޓީއެއް ފޮނުވާފައެވެ.
ރައްޔިތުންގެ މަޖިލީހުން ފޮނުވި މި ސިޓީގައި އެދިފައިވަނީ މަޖިލީހުގެ އިމްތިޔާޒާ ބެހޭ ގާނޫނުގެ ދަށުން ޒަމީލުގެ މައްޗަށް ދައުވާކޮށް ދިނުމަށެވެ.
ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅޭ އިންކުއަރީއެއް މަޖިލީހުގެ 241 ކޮމިޓީން ކުރަމުންދާއިރު، އެ ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރުކުރުމަށް ނިންމާފައިވަނިކޮށް ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ވަނީ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ސޮއި ކުރައްވާފައިވަނީ ޒަމީލެވެ.
މި ސިޓީގައި ބުނެފައިވާ ގޮތުގައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާއި ސިފައިންގެ ”ޗެއިން އޮފް ކޮމާންޑް“އާއި ”ކޮމާންޑް އެންޑް ކޮންޓްރޯލް“ އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ގާއިމްކުރެވިފައި އޮތް އުސޫލުތަކާއި ހިލާފް ކަމަކަށްވާތީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ މުޅި މުއައްސަސާއިންކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.
ނަމަވެސް، މިހާރު ވެސް މަޖިލީހުން އަންނަނީ ވަކިވަކި ސިފައިންގެ ގާތްގަޑަކަށް 40 ހަކަށް ފަރާތް ކޮމިޓީއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް މިއަދު ވަނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެހެން ބައެއް އިސް އޮފިސަރުން ހާޒިރުކޮށް ސުވާލުކޮށްފައެވެ.