ރާއްޖޭގައި ތިމާވެއްޓަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތައި ނުލެވުން: ރައީސް

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ތިމާވެއްޓަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތައި ނުލެވުން ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނެރުއްވި ޚިޠާބުގައި ރާއްޖޭގައި ތިމާވެއްޓަށް ކުރިމަތިވެފައިވާ ދެވަނައަށް އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ބާވަތުގެ ޕްލާސްޓިކް، ބޭނުންކުރެވޭ މިންވަރު އިތުރުވުމާއި، އެބާވަތުގެ ޕްލާސްޓިކުން، ރާއްޖޭގެ ޤުދުރަތީ ދިރުންތަކުގެ ނިޒާމަށް ލިބޭ ގެއްލުންތަކެވެ.

”ހަމައެފަދައިން، ހަކަތަ އުފެއްދުމަށްޓަކައި ޑީސަލް އަންދަންޖެހުމަކީވެސް، ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބުމުގެ އިތުރުން، އަޅުގަނޑުމެންގެ ޞިއްޙަތަށް ކުރިމަތިވެފައިވާ ނުރައްކަލެއްވެސްމެއެވެ.“ ރައީށްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ. ”ރާއްޖޭގެ މާޙައުލީ ނިޒާމަށް ގެއްލުން ލިބޭ މި މައްސަލަތައް ޙައްލުކުރުމަށް، ވަރަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ސަރުކާރުން މިއަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.“

ރައީސްގެ ޚިޠާބުގައި ވިދާޅުވެފައި ވަނީ ރައްކާތެރި ގޮތުގައި ކުނި އެއްކޮށް ނައްތައިލާނެ ނިޒާމުތައް، ރަށު ފެންވަރުގަޔާއި ސަރަޙައްދީ ފެންވަރުގައި ޤާއިމުކުރުމުގެ މަޝްރޫޢުތައް މިހާރުވެސް ކުރިއަށް އެބަދާކަމަށެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކްގެ 8 ބާވަތެއްގެ އުފެއްދުންތައް އެތެރެކުރުން މިހާރު މަނާކޮށްފައިވާ ކަމަށާއި އިތުރު ބާވަތްތައް މަނާކުރާ ވަގުތު ތާވަލެއް މިހާރުވާނީ އިޢުލާންކޮށްފައިކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ހަކަތަ އުފެއްދުމަށް ޑީސަލް އަންދާ މިންވަރު މަދުކުރުމަށްޓަކައި، އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން، މުޅި ރާއްޖޭގައި މިހާރު 31.5 މެގަވޮޓްގެ ސޯލާ ޕީވި ހައިބްރިޑް ނިޒާމުތައް ޤާއިމުކުރެވިއްޖެ ކަމަށް ވެސް ރައީސްގެ ޚިޔާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި އިތުރު ރަށްރަށުގައި އެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވެސް ހާމަކުރައްވާފައިވެއެވެ.

”ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ރާއްޖެއަށް ފޯރަމުންދާ ނިސްބަތާއި ފޯރަމުންދާ ހަލުވިމިނަށް ބަލާއިރު، އަޅުގަނޑުމެންނަކީ، މިދެންނެވި ގެއްލުންތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުޞަތު ލިބޭ، އެންމެ ފަހު ޖީލު ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ.“ ރައީސްގެ ޚިޠާބުގައި ވެއެވެ. “ އަޅުގަނޑުމެންގެ ހަލާކުވަމުންދާ މާޙައުލީ ނިޒާމު އިޢާދަކުރުމަށްޓަކައި، މިއަދު މިތިބަ ޙާލަތުގައިވެސް، އާވިސްނުންތަކާއެކު އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އަޅުގަނޑުމެންގެ އަތްތަކުން ދިން ގެއްލުންތަކުގައި ހަލާކުވެފައިވާ، ކުޅިތަކާއި، ފާތަކާއި، ޗަސްބިންތަކާއި، ފަރުތަކާއި ގޮނޑުދޮށްތައް، އޭގެ ޠަބީޢީ ޙާލަތަށް އިޢާދަކޮށްދެވޭތޯ ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމާއިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް އަޅަންވާނީ، ޤުދުރަތީ ނިޒާމަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކުރުމާ އެކުގައެވެ.“

ދުނިޔޭގެ ތިމާވެށި ދުވަހަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހަށް، އ.ދ.ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމްގެ ފަރާތުން ކަނޑައަޅާފައިވާ ޝިޢާރަކީ ”މާޙައުލީ ނިޒާމު އިޢާދަކުރުން“ އެވެ.

ރައީސް ވިދާޅުވިގޮތުގައި މާޙައުލީ ނިޒާމު އިޢާދަކުރުމަކީ، ގެއްލުން ލިބިފައިވާ ނުވަތަ ހަލާކުވެފައިވާ މާޙައުލީ ނިޒާމު، އަލުން އޭގެ ޠަބީޢީ ޙާލަތަށް އެނބުރި އިޢާދަކުރުމުގައި އެހީތެރިވުމެވެ. ހަމައެފަދައިން، ގެއްލުމެއް ނުލިބި ހުރި މާޙައުލީ ނިޒާމުތަކަށް، އިތުރު ގެއްލުމެއް ލިބުނަ ނުދީ ޙިމާޔަތްކޮށް ރައްކައުތެރިކުރުމެވެ.

ދިވެހިރާއްޖެއަކީ ތަރައްގީގެ ނަމުގައި މާހައުލީ ނިޒާމަށް ބޮޑެތި ގެއްލުން ދެމުންދާ ގައުމެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް