އާ މުހާވިރާ ބަހަކާއި އޭގެ މާނަ: ސީނު ތާކިހާ އެޅުން : ހަގީގަތް އޮޅުވާލަން އުޅުން

528
news

އަނެއްކާވެސް ބަހަކާ ބެހޭ ވާހަކައެކެވެ. އަލަށް ދިވެހި ބަހަށް އިތުރުކުރެވިދާނޭ މުހާވިރާ ބަހެކެވެ. މިބަހުގެ މާނައިގެ ތަފްސީލު ހުށަހަޅާލުމުގެ ކުރިން، މުހާވިރާ ބަހާ ބެހޭ ގޮތުން އެއްޗެއް ބުނެލަން ޖެހެއެވެ. މުހާވިރާ ބަހަކީ އޭގެ، މިސާލު ބަހާއި ހަރުބަސް ފަދައިން ވާހަކަ ދައްކައި ލިޔެއުޅުމުގައި ބޭނުން ކުރާ އަދަބިއްޔާތުގެ ތެރޭގައި ހިމެނޭ އިބާރާތެކެވެ.

ހަރުބަހާއި މިސާލު ބަސް، އޭގެ ބޭރު ފުށުގެ މާނައަށް ބަލައި، އެއިން ގަސްދުކުރެވޭ މާނަ އެނގިގަނެވެއެވެ. މިސާލަކަށް ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނޭ ބުނާ ބަހާ މެދު ވިސްނާލާށެވެ. އޭގެ ބޭރުފުށުގެ މާނައަށް ބަލާއިރު، އެއީ ހަގީގަތެކެވެ. ހުސް ދަޅަކަށް ބާރުކޮށް ވެލިއަޅައި ހަލުވާލައިފި ނަމަ އެ ވެލި ދަޅުތެރޭގައި ހެލޭ އަޑެއް ނީވޭނެއެވެ. ނަމަވެސް، ދަޅަށް، ގާ ފުކެއް ލާފައި ހަލުވާލައިފި ނަމަ އެގާކޮޅު ދަޅުގެ ތެރެގައި ހެލޭ އަޑު އިވޭނެއެވެ. މި ހަރުބަހުން ގަސްދުކުރެވޭ ހަގީގީ މާނަ، އޭގެ ބޭރުފުށުގެ މާނައާ މެދު ވިސްނާލުމުން އެނގެއެވެ. އެއީ އޭގެ ބޭރުފުށުގެ މާނަ މެދުވެރިކޮށް، އެއިން ގަސްދުކުރެވޭ ހަގީގީ މާނައާ ހަމައަށް ވާސިލުވެވޭތީއެވެ. ކަންކަން ރަނގަޅަށް އެނގި ދަންނަ މީހުން، އެމީހުންނަށް ކަންކަން އެނގޭކަން ދައްކަން، އަބަދުމެ އަބަދު، ވާހަކަދައްކައެއް ނޫޅޭނެއެވެ. އޭގެ ހަގީގީ މި މާނައަށެވެ.

ހަމަ އެހެންމެ، މިވެނި މީހެއްގެ ދުލަކީ ހަރުފައެއްހާ ވިހަގަދަ ދުލެކޭ ބުނުމުން، ބޭރު ފުށުގެ މާނައަށް ބަލައި، މި މިސާލު ބަހުން ގަސްދުކުރެވޭ ހަގީގީ މާނަ ދެނެގަނެ ވެއެވެ. މީހެއްގެ ދުލުގެ ނުބައިކަމުން، އޭނާ ދައްކާ، ބޭ އަދަބީ، ނުވަތަ ހަގީގާތާ ޚިލާފު، ނުރަނގަޅު ވާހަކަތަކުން، އެއިން ކުރާ ނުބައި އަސަރު ބަޔާންކޮށް ދިނުން، އެއީ މި މިސާލު ބަހުން ގަސްދުކުރެވޭ މާނަކަން، ސީދާ އެބަހުގެ ބޭރުފުށަށް ބަލައި ވިސްނައިގަނެވެއެވެ.

މިއާ ޚިލާފަށް މުހާވިރާ ބަހަކީ އޭގެ ބޭރު ފުށަށް ބަލައި، އެއިން ގަސްދުކުރާ ހަގީގީ މާނަ ދެނެ ނުގަނެވޭ ބަސްބަހެވެ. މިސާލަކަށް އިނގިރޭސި މި މުހާވިރާ ބަހަށް، ‘އިޑިއަމް’އަށް، ބަލާލާށެވެ. ‘ބުޅަލާ ކުއްތާގެ ވާރޭ ވެހެނީއެވެ’! މި މުހާވިރާ ބަހުގެ ބޭރުފުށަށް ބަލައި، ކިތަންމެ ގޮތަކަށް މާނަކުރެވިދާނެއެވެ. ބޮޑު ތިކި ވާރޭ ވެހުމެވެ. ވަކި ކުލައެއްގެ ވާރޭ ވެހުމެވެ. ދޭތެރެ ދޭތެރެއިން ވާރޭ ވެހުމެވެ. ނަމަވެސް މި މުހާވިރާއިން ގަސްދުކުރެވޭ މާނައަކީ މިއިން އެއްވެސް މާނައެއް ކަމުގައި ނުވެއެވެ. އެ މުހާވިރާ ބަހުން، ގަސްދުކުރެވޭ މާނައަކީ ވަރަށް ބޯކޮށް ވާރޭ ވެހޭކަމެވެ.

ދެން އޮތީ މިއަދުގެ މުހާވިރާ ބަހެވެ. އާދެ، ސީނު ތާކިހާ އެޅުމުގެ ވާހަކައެވެ. މި މުހާވިރާ ބަސް އެކުލެވިފައިވަނީ އަޅުގަނޑުމެން ދަންނަ ދެބަހުންނެވެ. ފުރަތަމަ ބަހަކީ ސީނު އެވެ. އާދެ، ސީނުތަށި އެއީ ވަރަށް ކުރިއްސުރެން އިވޭ ލަފަޒެކެވެ. ޗައިނާއިން ހަދައިގެން ގެންނަ ތައްޓެވެ. ސީނު އެއީ އަރަބި ބަހުން ޗައިނާއަށް ކިޔާ ނަމެވެ. ސީދާ އަރަބި ބަހުން ނޫނީ ހިންދީ ބަސް ތެރެއިންލާފައި ދިވެހި ބަހަށް ވަދެފައި އޮތް ބަހެކެވެ. ދެން އޮތީ ތާކިހާއެވެ. ވަކިގޮތަކަށް، ފޮތިން ނޫނީ ރޮދިން ނޫނީ ކެހެރިން ފަހައިގެން ނޫނީ ވިޔެގެން، އާންމު ގޮތެއްގައި ފިރިހެނުންގެ ބޯ ނިވާކުރުމައްޓަކައި އަޅާ އެއްޗެކެވެ   ތާކިހާގެ ވެސް އަސްލުގުޅުނީ އަރަބި ބަހާއެވެ. އާދެ، ތޯޤިޔާ މި ލަފްޒާއެވެ. މިލަފްޒު ވެސް ސީދާ އަރަބި ބަހުން ނޫނީ އުރުދޫ ފަދަ ކޮންމެވެސް އެހެން ބަހެއްގެ ތެރެއިން ދިވެހި ބަހަށް ވަދެފައި އޮތް ބަހެކެވެ.

ކޮންމެ އަކަސް، ސީން މި ލަފުޒާއި އަދި ތާކިހާ މި ދެލފްޒު އެއްކޮށްލައިގެން ސީނު ތާކިހާ އުފެދުނީއެވެ. މީގެ މާނައަކީ ކޮބާ ހެއްޔެވެ؟ މީގެ މާނަ ދެނެ ގަތުމައްޓަކައި މަގެއް ކޮށާލުމުގެ ގޮތުން، އިތުރު އެހެން ވާހަކައެއް ގެންނަންޖެހެއެވެ. އަޅުގަނޑުމެންގެ ރައީސްންގެ ރައީސްގެ ވާހަކަ ފުޅެކެވެ. ރައީސުންގެ ރައީސްގެ ޗާބޫކީ ދޫފުޅުން ބޭރުވި ވާހަކަފުޅެކެވެ.

ވާހަކައާއިގެން ކުރިއަށް ދެވެނީ ބޭނުންކުރާ ލަފްޒުތަކުގެ މާނަ ކަނޑައަޅައި ސާފުވެގެންނެވެ. އެގޮތުން އެންމެ ފުރަތަ އޮތީ ‘ރައީސުންގެ ރައީސު’ގެ ވާހަކައެވެ. އިހުގައި، ހަތްދިހައިގެ އަހަރުތައް ނިމުމަކާ ހަމައަށް އައި އިރު ރާއްޖޭގައި ތިން ރައީސަކު ތިބޭ ވާހަކަ ކިޔައެވެ. އެއީ ރައީސުލް ޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖުލިހުގެ ރައީސާއި އަދި ޖަމިއްޔަތުލް ފަލާހުގެ ރައީސެވެ. ދެހާހުގެ އަހަރުތައް ފެށި ފުރަތަމަ ދިހައަހަރު ނިމުނު އިރު އިތުރު ރައީސްތަކެއްގެ ވާހަކަ އިވެން ފެށިއެވެ. ޕާޓީތަކުގެ ރައީހުންނެވެ. ޖުޑީޝިއަރީގެ ރައީސެވެ. ކުރީގެ ރައީހުންނެވެ. އެކި އެކި މަރުކަޒުތަކުގެ ރައީސުންނެވެ. އަދިވެސް އިތުރު ރައީސުންނެވެ. މިހާރު ދެން އިވެނީ، ގާނޫނީ ސިފައެއް ނެތަސް، މިހުރިހާ ރައީސުންގެ މައްޗަށް ހުންނަ ރައީސެއްގެ ވާހަކައެވެ. ރައީސުންގެ ރައީސޭ ބުނެ އިޝާރަތްކުރަނީ މި ރައީސަށެވެ. ގާނޫނީ ގޮތުން ގައުމު ހިންގުމުގެ ބާރު ލިބިގެންވީ ރައީސުލް ޖުމްހޫރިއްޔާއަށް ވުރެވެސް ބާރުވެރި، އެބަހީ، ހުރިހާ ބާރުތަކެއްގެ ވެރި، ބާރުގަދަ، ކޮންމެ ދާއިރާއެއްގެ މައްޗަށް އަމުރު ހިންގޭ، ރައީސެކެވެ.

ދެން އޮތީ ޗާބޫކީ ދުލުގެ ވާހަކައެވެ. ޗާބޫކަކީ ތަޅަން ގެންގުޅޭ އެއްޗެއްތާއެވެ. އިންސާނުން އެއްތަނުން އަނެއް ތަނަށް ދަތުރުކުރާށާއި ދަނޑު ގޮވާންކުރަން ބޭނުންކުރާ ޖަނަވާރުގެ ބުރިކަށީގައްޔާއި ފުލުގައި ތެޅުމަށެވެ. އަދި އިހުގައި އަޅުން ގެންގުޅުނު މުޖުތަމައުތަކުގައި، އަޅުންގައިގައި ތަޅަން ވެސް ބޭނުން ކުރެވުނެވެ. މިހާރު ވެސް، ބައެއް ފަހަރު، ސިޔާސީ މަސްރަހުން، ސާހިބުން، އެމީހުންގެ އަޅުން ބޭނުންކޮށްގެން، އެމީހުން ބޭނުންވާ ބައެއްގެ ގައިގައި، މަޖާޒީ ސިފައެއްގައި ޗާބޫކުން ތަޅާތަން ފެނެއެވެ. ޗާބޫކީ ދޫ، މި އިބާރާތް ގުޅެނީ މިފަދަ މަންޒަރު މަންޒަރާއެވެ. މި މަންޒަރު ދެނެގަތުމަށް ދެ ގައުމެއްގެ ކޯޅުމުގެ ވާހަކަ ނަންގަނެލަން ޖެހެއެވެ

މިސާލެއްގެ ގޮތުން މިތާ ނަންގަނެލަން ބޭނުންވަނީ އިންޑިޔާއާއި ޗައިނާގެ ކޯޅުމުގެ ވާހަކައެވެ. މީހުން ބުނެ އުޅޭ ވާހަކައެއް އޮވެއެވެ. އެއްވެސް ގުޅުމެއް ނެތް، ނުދަންނަ ދުރު ހިލޭ ބީރައްޓެހިންގެ ކުރިމަތީ ހިނިތުންވެލުމަކީ ދާދި ފަސޭހަ ކަމެކެވެ. ނަމަވެސް، ދަންނަ، ދެކެ ފަރިތަ، ގާތް ތިމާގެ މީހުންގެ ކުރިމަތީ އަބަދު ހީލުން އޮންނަނީ، ބައެއް ފަހަރު، ވަރަށް ވެސް އުނދަގޫ ކަމަކަށް ވެފައެވެ. ހަމަ އެހެންމެ، އަވައްޓެރިންނާ ވެސް، ހުރިހާ އިރެއްގައި، ގާތް ގުޅުން ދެމެހެއްޓުން އޮންނަނީ އުނދަގޫ ކަމަކަށް ވެފައެވެ. މި އުސޫލުގެ މަތިން، އަވައްޓެރި ގައުމުތަކުގެ މެދުގައި ވެސް، ރަނގަޅު ގުޅުމެއް އުފައްދައި، ދަމަހައްޓަން އޮންނަނީ އުނދަގޫވެފައެވެ. މީގެ އަސްލު ސަބަބު ގުޅެނީ، އިންސާނުންގެ މެދުގައި ވެސް، ހަސަދައާއި ރުޅިވެރިކަމުގެ އަސްލު ސަބަބު ކަމުގައިވާ ދަހިވެތިކަމާއި ހުރިހާ މޮޅާއި ހެވެއް، އަމިއްލަ ނަފްސަށް އެދެވޭ އެދުމާއެވެ. ދޭދޭ ގައުމުގެ ގުޅުމުގެ ވާހަކަ ދައްކާ އިރު، މި ދަހިވެތިކަމާއި އަމިއްލަ އެދުމަށް، ރީތި ކޮށްލުމުގެ ގޮތުން، ގައުމީ މަސްލަހަތޭ ކިޔެއެވެ.

އިންޑިޔާއާއި ޗައިނާއަކީ ވެސް މިފަދަ، އެކަކު އަނެކަކަށް ހިނިތުން ވެލުން އުނދަގޫ ދެގައުމެވެ. ދެގައުމުގެ ދެމެދުގެ ސަރަހައްދު ކަނޑައެޅުމާ ބެހޭ ގޮތުން ދެބަސްވުންތައް އުފެދި، ހަނގުރާމަކޮށް، ދެގައުމުގެ ދެމެދުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ކިލަނބުވެފައެވެ. މީގެ އިތުރުން، ދެ ގައުމު ދެމެދުގައި އޮތް އިގުތިސާދީ ވާދަވެރިކަން ވެސް، ދެ ގައުމުގެ ގުޅުން އިތުރަށް ކިލަބުކޮށްލައެވެ. އަސްކަރީ ގޮތުންނާއި އަދި އިގުތިސާދީން ގޮތުން ވެސް، އިންޑިޔާއާ އަޅާބަލާއިރު، މިވަގުތު، ކުރިލިބެނީ ޗައިނާއަށެވެ. އެހެންވެ، އެ ދެ މައިދާނުގައި އިންޑިޔާއަކަށް ޗައިނާއާ ވާދަކޮށް ކުރިއެރުމުގެ ގާބިލުކަމެއް އަދި ނެތެވެ. އެހެންވެ، ޗައިނާގައިގައި ތަޅާނެ ކޮންމެ ވެސް، އެހެން ޗާބޫކެއް އިންޑިޔާ ބޭނުން ވެއެވެ. އެފަދަ އެއް ޗާބޫކު، އިންޑިޔާއަށް އަދު ލިބިފައި އޮތީ ރާއްޖެއިންނެވެ. އާދެ، އަޅުގަނޑުމެންގެ ރައީސުންގެ ރައީސްގެ ފަރާތްޕުޅުންނެވެ. އޭނާގެ ދޫ ފުޅުންނެވެ. އެ ދޫ ފުޅު މިއަދު އޮތީ އިންޑިޔާއިން ޗައިނާގައިގައި ތަޅަން ބޭނުންކުރާ ޗާބޫކީ ދޫފުޅަކަށް ވެފައެވެ.

ސީނީ ތާކިހާގެ ވާހަކައާއިގެން ކުރިއަށް ދިޔުމުގެ ކުރިން އަދި ވެސް އެއް ވާހަކަ ބުނެލަން ޖެހެއެވެ. މި މައްސަލަ- އިންޑިޔާއާއި ޗައިނާގެ ގުޅުމުގެ މައްސަލައާއި ރައީސުންގެ ރައީސްގެ ޗާބޫކީ ދޫފުޅުގެ މައްސަލަ – ވިސްނައިގަތުމައްޓަކައި، ވަރަށް މުހިއްމު، އިތުރު އެހެން ކަމެއް ވެސް، ހަނދާނުގައި ބަހައްޓަން ޖެހެއެވެ. މި މައްސަލައާއި އެމެރިކާއާ އޮތް ގުޅުމެވެ. އެންމެންނަށްހެން ވެސް އެނގޭނޭ ފަދައިން، އެމެރިކާއާއި ޗައިނާގެ ދެމެދުގައި އޮތް އިގުތިސާދީ ވާދަވެރިކަމުގެ ސަބަބުން، އެދެ ގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މިކަމުގެ އަސްލު ގުޅެނީ ދެގައުމުގެ މާލީ ބާރާއި އެކަމާ ގުޅިފައި އޮންނަ ނުފޫޒާއެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން، މާލީ ގޮތުން، މިވަގުތު ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ގައުމަކީ ޗައިނާއެވެ. މީގެ މާނައަކީ، ޗައިނާގެ އިގުތިސާދީ ނުފޫޒުގެ އަތް ދިގުވެ، ސިޔާސީ ބާރަކާއި ނުފޫޒެއް ވެސް ލިބުމެވެ. އަދި، މި ސިޔާސީ ނުފޫޒުގެ ބާރު ގަދަވެ ދިޔުމުގެ އެކަށޭނަކަން އިތުރުވެގެން ދިޔުމެވެ. މިކަމުގެ ހެކި އެކި ދިމަދިމާއިން ފެނެއެވެ. އޭޝިޔާގެ ގައުމުތަކުންނާއި އެފްރިކާގެ ގައުމުތަކުންނާއި އަދި ދެކުނު އެމެރިކާގެ ގައުމުތަކުންނެވެ. މި ގައުމުތަކުގައި ޗައިނާ ހިންގާ އިގުތިސާދީ ބިޔަ ބޮޑެތި މަޝްރޫއުތަކުންނެވެ. އިގްތިސާދީ ބޮޑު ބާރަކަށް ޗައިނާވެ، އަދި، މި ރޮނގުން އެމެރިކާއާ ވާދަކުރެވި، މުޅި ދުނިޔެއަށް ނުފޫޒު ފޯރުވުމުގެ އެކަށޭނަކަން ޗައިނާއަށް ލިބުމަކީ އެމެރިކާ ވެސް ރުހޭ ކަމެއް ނޫނެވެ. އެހެންވެ، އެމެރިކާއަށް ވެސް، ޗައިނާގައިގައި ތަޅާނެ ޗާބޫކުތަކެއް ބޭނުންވެއެވެ. އިގުތިސާދީ ދަތިކުރުން މިއީ އެ ގޮތުން އެމެރިކާ ގެން ގުޅޭ އެންމެ ބޮޑު ޗާބޫކެވެ. ޓައިވާންއާއި އޮސްޓުމުރޭލިޔާ ފަދަ ގައުމުތަކަކީ ވެސް މިގޮތުން އެމެރިކާއަށް ލިބިފައިވާ ދެ ޗާބޫކެވެ. އަދި، އިންޑިޔާވެސް މިއީ ޗައިނާގައިގައި ތަޅަން އެމެރިކާއަށް ލިބިފައި އޮތް ވަރަށް މުހިއްމު ޗާބޫކެކެވެ.

ޗައިނާގައިގައި ތަޅަން، އެމެރިކާ ގެންގުޅޭ ޗާބޫކަކަށް އިންޑިޔާ ވުމުން، އިންޑިއާއަށް ލިބޭ ފައިދާތަކެއް ވެސް އޮވެއެވެ. އެއީ، ސީދާ އެމެރިކާގެ މަސްލަހަތާ ފުށުނާރާ ނަމަ، އިންޑިޔާ ކުރާ ކަންކަމާ، އެމެރިކާއިން ކަނު ލޮލެއް ދީ އަޅާނުލުމެވެ. މިސާލަކަށް، ކަޝްމީރުގެ މައްސަލައަށް ބަލާލާށެވެ. ކޮންމެ ފަދަ، ކަމެއް، އިންޑިޔާގެ ސިފައިން ކަޝްމީރުގައި ކުރިޔަސް، މިކަމާ މެދު، މާ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށް، އެމެރިކާއިން އިންޑިޔާ ކުށްވެރި ނުކުރުމެވެ. ރާއްޖޭގެ ރަސްމީ ފަރާތްތަކަށް ވެސް، އެކަން، މައްސަލައަކަށް، މިހާރު، ނުވާ ފަދައިންނެވެ. ނަމަވެސް، ހޮންކޮންގުގައި ގާނޫނެއް ނެރުމުގެ ސަބަބުން، ހޮންކޮންގުގެ ރައްޔިތުންނަށް ކުރިމަތިވެދާނެ އުނދަގޫތަކަކާ މެދު އެމެރިކާ ކަންބޮޑުވެއެވެ. އެއްކޮޅުން ކަޝްމީރުގައި މީހުން މަރުވަނީއެވެ. އެއީ މާ ކަންބޮޑުވާން ޖެހޭ މައްސަލައެއް ނޫނެވެ. ‘ދާޚިލީ’ މައްސަލައަކަށްވީމައެވެ. އަނެއްކޮޅުން، ހޮންކޮންގުގެ މައްސަލަ ދާޚިލީ މައްސަލައަކަށް ނުވެއެވެ! ކޮންމެ އަކަސް، އިންސާނީ ހައްގޭ، މަދަނީ ހައްގޭ، މިނިވަންކަމޭ، މިހުރިހާ ކަމެއް ގުޅިފައި އޮންނަނީ ގައުމުތަކުގެ އަމިއްލަ އެދުމާއެވެ. ގައުމީ މަސްލަހާތާއެވެ. އެއްވެސް ބަޔަކަށް، އެ ބަޔެއްގެ ގައުމީ މަސްލަހަތާ ފުށުއެރާ ނަމަ، އެހެން ބަޔެއްގެ އިންސާނީ ހައްގުތަކާއި މަދަނީ ހައްގުތަކާއި އަދި މިނިވަންކަމަކީ ވެސް މުހިއްމު ކަމަކަށް ނުވެއެވެ. މި އުސޫލުގެ މަތިން، ޗައިނާއާއި އެމެރިކާގެ ދެމެދުގައި އޮތް ވާދަވެރިކަމުގެ ސަބަބުން، އިންޑިޔާއަށް ލިބޭ ފައިދާއަކީ އިންޑިޔާގެ ސަރަހައްދަށް ޗައިނާ އަޔަ ނުދިނުމަށް ކުރެވެން އޮތް ކަމެއް ކުރުމުގެ މިނިވަންކަމެވެ. އެއީ ގާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފުވި ކަމަކަށް ވިޔަސް ވެހެވެ. ރާއްޖެ ފަދަ ގައުމެއްގެ މިނިވަންކަމަށް ބުރޫ އެރި ކަމުގައި ވިޔަސް ވެހެވެ. މި މައްސަލައަށް އަލި އަޅުވާލަމުން، ލިޔުންތެރިޔަކު ލިޔުއްވާފައިވާ ފަދައިންނެވެ. ޗައިނާއާއި އެމެރިކާގެ ދެމެދުގައި އޮތް ދެކޮޅުވެރިކަން ނިޔާކުރަނީ، އެމެރިކާގެ ފަރާތުން، އިންޑިޔާއަށް ‘މިނިވަން ލަގަނެއް’ (ފްރީ ރެއިން އެއް) ދިނުމަށެވެ. އިންޑިޔާ އެދޭ ގޮތަކަށް އިންޑިޔާގެ ސަރަހައްދުގައި ކަންތައް ކުރުމަށެވެ. މި މިނިވަންކަން ނިޔާކުރާ ގޮތުން، އިންޑިޔާގެ ސަރަހައްދުގެ ގައުމުތަކަށް އިންޑިޔާއަށް ވަދެވޭނެ ނަމަ، ވަނުން ވެސް އެންމެ ރަނގަޅެވެ. އަދި، މި ލިޔުންތެރިޔާ ލިޔުއްވާ ގޮތުގައި، މި ވާދަވެރިކަމުގެ ރޭހުގައި، ޗައިނާ ހިފެހެއްޓުމުގެ ގޮތުން، ރާއްޖެ ފަދަ ކުދި ގައުމުތަކުގެ މިނިވަންކަން ގުރުބާންކޮށްލުމަކީ ވެސް މައްސަލައެއް ނޫނެވެ. ހަމަ އެންމެ ރަނގަޅު ކަމެކެވެ.

މިނަންގަތް ވާހަކަތަކުގެ އަލީގައި – ޗައިނާއާއި އިންޑިޔާގެ ވާދަވެރިކަމާއި އަދި ޗައިނާއާއި އެމެރިކާގެ ވާދަވެރިކަމުގެ އަލީގައި – އަޅުގަނޑުމެންގެ ރައީސުންގެ ރައީސް، ޗައިނާއާ ބެހޭ ގޮތުން ދައްކަވާ ވާހަކަފުޅު ފަހުމްކޮށްގަންނަން ފަސޭހަވާނެއެވެ. އޭނާގެ ޗާބުކީ ދޫފުޅުން ޗައިނާއަށް ދޫކޮށްލާ އެތި ފަހަރު ވިސްނައިގަންނަން ފަސޭހަވާނެއެވެ. މިފަދަ ބައެއް އެތިފަހަރުތަކަށް ބަލައިލަމާ ހެއްޔެވެ؟ އޭނގެ މާނަ ވިސްނައިގަނެ އަޅުގަނޑުމެން ދެނެގަންނަން މަސައްކަތް މިކުރާ ‘ސީނީ ތާކިހާ އެޅުމުގެ’ މުހާވިރާ ބަހުގެ މާނަ ވެސް ވިސްނި ދިޔުމައްޓަކައެވެ.

އިންޑިޔާގެ އެދުމާ އެއްގޮތްވާ ގޮތުގެ މަތިން، އަޅުގަނޑުމެންގެ ރައީންސުންގެ ރައީސްގެ ޗާބޫކީ ދޫފޫޅުން ޗައިނާއަށް ވިހެލުއްވައި އަޅުއްވާ އެތި ފަހަރު ގޮސް ޖެހެނީ އެއް ކަމަކާއެވެ. ޗައިނާއިން ރާއްޖެ އަޅުވެތިކުރާ ކުރުމާއެވެ. މި އަޅުވެތިވުން ގުޅެނީ، ޗައިނާއިން ރާއްޖެއަށް ދީފައި އޮތް ލޯނުތަކުގެ ސަބަބުންނެވެ. މިލޯނުތައް ނުދެއްކި، ޗައިނާގެ ބާރުގެ ދަށަށް ގޮސް ރާއްޖެ އަޅުވެތިވާ ވާހަކައެވެ. މިކަން ސާބިތުކޮށް ދިނުމުގެ ގޮތުން، ބޮޑުތި އަދަދުތަކެއްގެ ވާހަކަ ރައީސުންގެ ރައީސް ދައްކަވައެވެ. މިވާހަކަތައް ދައްކަވަނީ، ކޮން ހައިސިއްޔަތެއްގެ ގޮތުން ކަމެއް ނޭނގެއެވެ. މިފަދަ ވާހަކަތައް ދެއްކުމުގެ އިޚުތިޔާރު (އޯތޯރިޓީ) އޮންނަނީ ކާކަށް ބާވައެވެ؟ ރައީސުލް ޖުމްހޫރިއްޔާއަށް ބާވައެވެ؟ ނުވަތަ ކުރީގެ ރައީސުންނަށް ބާވައެވެ؟ ނުވަތަ މަޖުލީހުގެ ރައީސަށް ބާވައެވެ؟ ނުވަތަ ޕާޓީތަކުގެ ރައީސުންނަށް ބާވައެވެ؟ ނުވަތަ ޖަމިއްޔަތުލް ފަލާހު ފަދަ، ޖަމިއްޔާތަކުގެ ރައީސުންނަށް ބާވައެވެ؟ މިފަދަ ވާހަކަތައް ދައްކާއިރު، ތަފާސް ހިސާބުތަކަށް ރިއާޔަތް ކުރަން ޖެހޭނެ ހެއްޔެވެ؟ މިއިން އެއްވެސް ކަމަކީ ސާފުވާ ކަމެއް ނޫނެވެ. ރައީސުންގެ ރައީސަށްވެ، ހުރިހާ ބާރަކާ އިޚުތިޔާރެއް އަމިއްލައަށް ލިބިގަނެ، ތަފާސް ހިސާބުތަކަށް ވެސް ބެލުމެއް ނެތި، ހިތު ހުރި އެއްޗެއް ކިޔުމުގެ ބާރު، ލިޔެވިފައި ނެތް، ޕާޓީގެ ޑިމޮކުރަސީގެ ގާނޫނުގައި ލިބިފައި އޮންނަ ކަހަލައެވެ. ކޮންމެ އަކަސް، މިފަދަ ނާ ތަހުޒީބީ ސިފައެއްގައި، ގާނޫނުތަކާއި ގަވާއިދުތައް، އެފަދަ ވާހަކަތައް ދެއްކުމުގެ ހައިސިއްޔަތެއް ނުދިން ކަމުގައި ވިޔަސް، ދަލު ބޭރުން ޖެހިގެން، ޗައިނާގެ އަތްދަށަށް ރާއްޖެ ގެންދަން އުޅޭ ވާހަކަ ދައްކަވައެވެ. ހަގީގަތަކަށް ބެލުމުގެ ބޭނުމެއް ނެތެވެ. ހިޓިލަރުގެ ޕުރޮޕެގަންޑާ މިނިސްޓަރު، ޖޯސެފް ގޮއެބްލްސް ވިދާޅުވެފައިވާ ފަދައިން، އަބަދު އެކައްޗެއް ކިޔައި ތަކުރާރުކުރުމުން، ދޮގުކަމުގައި ވިޔަސް، މީހުން ގަބޫލުކުރަން ފަށާނެތީއެވެ.  ޚާއްސަ ގޮތެއްގައި، އެމީހުންނަކީ އަމިއްލަ ވިސްނުން ބޭނުންނުކުރާ ބަޔަކަށް ވީނަމައެވެ. މިފަދަ ވާހަކަތައް ރައިސްންގެ ރައީސް ދައްކަވާ ކޮންމެ ފަހަރަކު، ޗައިނާއިން، ރަސްމީ ސިފައެއްގައި، އެގައުމުގެ ސިފާރާ މެދުވެރިކޮށް، ރައީސުންގެ ރައީސްގެ ދޫފުޅުން ނިކުންނަ ޗާބޫކީ ވާހަކަތަކަށް ރައްދުދެއެވެ. އަދި، ތަފާސް ހިސާބުތަކަށް ރިއާޔަތްކޮށް، ޗާބޫކީ ދުލުގެ ވާހަކަފުޅުތަކަކީ ހަގީގަތާ މުޅިން ޚިލާފު ވާހަކަތަކެއް ކަމުގައި ބަޔާންކުރެއެވެ.

އެންމެ ފަހުން، މިފަދަ ޗާބޫކީ ވާހަކަތަކެއް ނިކުތީ މީގެ ދެދުވަހެއް ކުރިންނެވެ. ‘އެރަބް ނިޔުސް’ގައި ކަލްކަތާގެ ނޫސްވެރި ލިޔުންތެރިއަކު ލިޔުއްވި ލިޔުއްވުމަކާއި ވިދިގެންނެވެ. (އެލިޔުމުގެ ލިންކު ތިރީގައި ދެވިފައިވާނެއެވެ.) މި ލިޔުމުގައި އަދުގެ ދިވެހި ސަރުކާރަށް ފާޑުކިޔާފައި ވެއެވެ. ޅަ ޑިމޮކުރަސީއެއްގެ ބިނާގައި އެޅެމުންދާ ރެނދުތަކެއްގެ ވާހަކަ، ލިޔުންތެރިޔާ ފާހަގަކުރައްވާފައި ވެއެވެ. ހުރިހާ ބާރުތަކެއް އެއްކޮށް، އެކެއްގެ ބާރުގެ ދަށަށް ބާރުތައް ގެނެވެމުންދާ ކަމަށް، ލިޔުމުގައި އިޝާރަތްކުރެވިފައި ވެއެވެ. މީގެ އިތުރުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައި ގަނެވެމުންދާކަމާއި ސަރުކާރަށް ފާޑުކިޔުމާއި ނުރުހުން ފާޅުކުރުމަށް ހުރަސްއަޅައި އެފަދަ ކަންކަން ކުރާމީހުން ހުއްޓުވައި ބަންދުކުރެވޭތޯ މަސައްކަތްކުރާ ވާހަކަވެސް ލިޔުމުގައި ލިޔެވިފައި ވެއެވެ. މީގެ އިތުރުން، ސަރުކާރުގެ ވަޒީފާތައް ދިނުމުގައި، ގާތް ތިމާގެ މީހުން އިސްކުރުމާއި (ނެޕޮޓިޒިމް)، އަދި އެފަދަ މީހުންގެ ބޮލުގައި ކުށުގެ ތުހުމަތު އެޅޭ ވަގުތު، ތަހުގީގުކުރުމެއް ނެތި، އެމީސް މީހުން މިނިވަންކުރުމުގެ ވާހަކަތައް ވެސް ލިޔުމުގައި ގެނެވިފައި ވެއެވެ. މީގެ ހެއްކެއްގެ ގޮތުގައި، ދާދި ފަހުން ސަފާރިއެއްގައި، ކެންޏާގެ ބޭކަނބަލަކާ ކުރިމަތިވި ޖިންސީ ގޯނާކުރުމުގެ ހާދިސާއާއި އެކަމުގައި ޝާމިލުވީ، ސަރުކާރުގެ ބައެއް އިސްފަރާތްތަކަކާ ގުޅޭ މީހުންގެ ވާހަކަތައް ވެސް، އެ ލިޔުމުގައި ނަންގަނެވިފައި ވެއެވެ.

ސެންގުޕްތާގެ މިލިޔުމަށް ރައްދު ދެއްވަމުން ރައީސުންގެ ރައީސްގެ ވާހަކައަކީ ކޮބައިތޯއެވެ؟ ފަހަރެއްގައި ވެސް، އެ ލިޔުމުގައި އުފުލާލެވިފައިވާ މައްސަލަތަކުގެ ވާހަކަތަކަށް ރައްދެއް ނުދެއްވައެވެ. އެ ލިޔުމުގައި ބަޔާން ކުރެވިފައި ހުރީ ދޮގުވާހަކަތަކޭ ވިދާޅެއް ނުވެއެވެ. ނަމަވެސް އޭނާ އެޅުއްވީ އޭނާގެ ސީނީ ތާކިހާ ކޮޅެވެ! އާދެ، ހަގީގަތް ފޮރުވައި، ކަންތައްތައް އޮޅުވާލުމުގެ ޗައިނާގެ ތާކިހަލެވެ. ޗައިނާގެ ވާހަކަތައް ދައްކައި، ސީމާ ސެންގުޕްތާ ލިޔުއްވާފައިވާ ވާހަކަތަކަށް ހިރަފުސް އަޅައި ފޮރުވާލުމުގެ ވާހަކައެވެ. ސީނީ ތާކިހާ އަޅުއްވައި، ހަގީގަތް ފޮރުއްވައި، ރައީސުންގެ ރައީސްގެ ޗާބޫކީ ދޫފުޅުގެ ބޭނުންފުޅު ކުރެއްވިއެވެ. ކުރީ ސަރުކާރުން ރާއްޖެ ޗައިނާއަށް ވިއްކާލާފައި އޮތް ވާހަކައެވެ. މިވެނި އަދަދަކަށް ރަށްތަކާއި ބިންތައް ވިއްކާލާފައި އޮތް ވާހަކައެވެ. ހަގީގަތަކަށްވާ ނަމަ، މިއީ ވަރަށް ވެސް ފަސޭހައިން ސާބިތުކޮށް ދެވިދާނޭ މައްސަލައެކެވެ. ރަށްތަކާއި ބިންތަކުގެ ކޮންމެވެސް ތަފްސީލެއް ހާމަކޮށްލަދެއްވުމުން އެކަމުގެ ހެކި ލިބޭނެއެވެ. ނަމަވެސް މިކަން ހާމަވެގެން ނުދެއެވެ. އާދެ، އެއް ވާހަކައެއް، އެއީ ތެދެއް ކަމުގައި ވިޔަސް ނޫނީ ދޮގެއް ކަމުގައި ވިޔަސް، ތަކުރާރުކުރެވެމުން، ހަގީގަތަކަށް ވެގެންދާނެކަމަށް ބެލުމުގެ ‘ހަމައަށް’ ރިއާޔަތް ކުރެވިގެންނެވެ. ދެން، އަނެއްކާވެސް، ކުރީ ފަހަރުތަކުވެސް، ޗާބޫކީ ދޫފުޅުގެ އެތިފަހަރުތައް އައުމުން، ޗައިނާއިން ރައްދުދޭ ފަދައިން، މި ވާހަކަތައް، ހެއްކާއި އެކު، ޗައިނާއިން ދޮގުކުރިއެވެ. އަދި، ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ދެގައުމުވެސް، އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމުކުރުމުގެ މައްޗަށް ބިނާވާ ގުޅުމެއް ކަމާއި، ޗައިނާގެ ލޯންތައް ދެއްކުމުގައިވެސް ބޮޑެތި ލުއިތަކެއް ޗައިނާއިން ރާއްޖެއަށް ދީފައި ވާކަންވެސް، މިކަމާ ވިދިގެން، ޗައިނާއިން ނެރުނު ބަޔާނުގައި ވެއެވެ.

ކޮންމެ އަކަސް، މިތާގައި ދެތިން ނުކުތާއެއް ފާހަގަކޮށްލަން ޖެހެއެވެ. ފުރަތަމަ ނުކުތާއަކީ ސީމާ ސެންގުޕްތާގެ ލިޔުމުގައި ޗައިނާގެ ނަންވެސް ނުގަންނަކަމެވެ. އެ ލިޔުމުގައި ހުރި މުހިއްމު ނުކުތާތައް މަތީގައި ލިޔެވިފައި އެވަނީއެވެ. ދެން، ކޮންމެ ބޭފުޅަކުވެސް، ވިދާޅުވެލަން ބޭނުންފުޅުނަމަ ލިޔުން އެއޮތީ ފެންނާށެވެ. ޑިމޮކުރަސީގެ ރޫހާ މުޅިން ޚިލާފު އަމަލުތައް ކުރެވޭކަމާއި، ވަޒީފާ ދިނުމުގައި ގާތް ތިމާގެ މީހުން އިސްކުރުމާއި، އިދިކޮޅު މީހުން ހުއްޓުވަން މަސައްކަތް ކުރުމުގެ ވާހަކައެވެ. މިއިން އެއްވެސް ކަމަކަށް ރައްދު ނުދީ ޗައިނާގެ ވާހަކަ ނެގެމުން ދޭހަވަނީ، ސީމާ ސެންގުޕްތާ ލިޔުއްވާފައި ވަނީ ތެދުވާހަކަތަކެއް ކަމެވެ. އަދި، އެކަމާ ރައީސުންގެ ރައީސްވެސް އެއްބަސްވެ ވަޑައިގަންނަވާކަމެވެ. މީގެ އިތުރުން މިނަންގަތް ކަންކަމަށް އެހެން އެއްވެސް ރައްދެއް ދިނުމަށް ނުކުޅެދިފައިވުމުން، ޗައިނާގެ ވާހަކަ ނަގަން ޖެހުނީ ކަމެވެ. އާދެ، ސީނީ ތާކިހާ އަޅުއްވައި ހަގީގަތް ފޮރުވޭތޯ މަސައްކަތް ކުރެވުނީއެވެ.

މިފަދަ ގޮތަކަށް ކަންތައް ކުރުން – ކަމަކަށް ތުހުމަތުކުރެވުމުން، އެކަމަށް ރައްދު ނުދީ، ކަމާ ނުބެހޭ ވާހަކަ ދެއްކުން – މިއީ، މިހާރު ވަރަށް އާންމު ކަމެކެވެ. ސަރުކާރުގެ އިސް ފަރާތްތަކުން ފަސާދައިގެ އަމަލުތައް ހިންގަނީއޭ ބުނެވިއްޖެ ނަމަ ރައްދަކީ އެކަން ނުކުރާ ވާހަކަ ބުނުމެއް ނޫނެވެ. ކުރީ ސަރުކާރުން ވެސް އެކަން ކުރިވާހަކަ ބުނުމެވެ. ގާނޫނޫތައް ހަލާކުރަނީއޭ ބުނެވިއްޖެ ނަމަ، އޭގެ ރައްދަކީ، އެކަން ދޮގުކުރުމެއް ނޫނެވެ. ކުރީ ސަރުކާރުން ވެސް އެކަން ކުރީ އެގޮތަށް ކަމަށް ބުނުމެވެ. އެންމެ ފަހުން ފެނުނު މިކަހަލަ މިސާލަކީ، މިހާރު ހިލިގެން މިއުޅޭ ޖިންސީ ގޯނާގެ މައްސަލަތަކާ ވިދިގެން އައި މިފާޑުގެ ރައްދެކެވެ. ޓުއަރިޒަމް މިނިސްޓުރީގެ މުވައްޒިފުންތަކަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައާއި އަދިވެސް ވެރިކަންކުރާ ޕާޓީގެ ބައެއް މެމްބަރުން ޝާމިލުވާ މިފަދަ މައްސަލަތަކާ ވިދިގެންނެވެ. މި މައްސަލަތަކުގެ ރައްދަކަށް ވާންޖެހޭނީ އެކަން، ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއްވެސް ބައެއް އިސްތިސްނާނުކޮށް، އެފަދަ އަމަލުތައް ހިންގި މީހުންނާ މެދު ގާނޫނީ ފިޔަވަޅުއަޅައި ގާނޫނުގައި ކަނޑައެޅިފައި އޮތް އަދަބެއް ދިނުމެވެ. ނަމަވެސް، ކަންތައް ވެގެން ދިޔައީ މުޅިން މިގޮތަކަށް ނޫނެވެ. ނަމަވެސް، ފެނިގެން ދިޔައީ އަނެއްކާވެސް ސީނީ ތާކިހާ އެޅި މަންޒަރެކެވެ. ފޭސްބުކް ފަދަ، ޚަބަރުތައް ފަތުރާ އިޖުތިމާއީ ވަސީލަތްތައް މެދުވެރިކޮށް، ވެރިކަން ކުރާ ޕާޓީގެ ބައެއް މެމްބަރުން ނެރުނީ ކުރީގެ ފަނޑިޔާރަކު ޝާމިލުވާކަމަށް ބުނާ ފޮޓޯއެއްގެ މަންޒަރެވެ. ކަސްބީ އަންހެނަކާ އެކު ހިންގާ ބަދުއަޚުލާގީ މަންޒަރެއް ދައްކާ ފޮޓޯއެކެވެ. މިއީ ޝައްކެއް ނެތް ގޮތުގައި އަޚުލާގީ އަދި ރާއްޖޭގެ ގާނޫނީ ހަމަތައް ހުއްދަކުރާ އަމަލެއް ނޫނެވެ. ނަމަވެސް، މި ފޮޓޯ ދެއްކުމުން، އިއްފަތް ފޭރުމަކީ އިއްފަތް ފޭރުން ނޫންކަމަށް ވޭހެއްޔެވެ؟ ނޫނީ އިއްފަތް ފޭރުމުގެ ކުށުގެ ބޮޑުކަން ކުޑަވޭ ހެއްޔެވެ؟ ނޫނީ، ކުރިން ބަދުއަޚުލާގީ އަމަލެއް މީހަކު، ހޮޓަލެއްގައި، ހިންގާފައިވާތީ، ސަރުކާރުގެ ބަޔަކަށް، ސަރުކާރުން ހިފާފައިވާ ހޮޓަލެއްގައި މިކަން ކުރުމުގެ ހުއްދަ ލިބޭނީ ހެއްޔެވެ؟ ނޫނެކެވެ. ނަމަވެސް … އަނެއްކާވެސް، ސީނީ ތާކިހާ އެޅުމުގެ މަންޒަރެކެވެ. ހަގީގަތް ފޮރުވަން، ނުވަތަ ކުރެވޭ ނުރަނގަޅު ކަމެއްގެ ނުރަނގަޅުކަން ކުޑަކުރަން ކުރެވޭ މަސައްކަތެކެވެ.

ދެން އަނެއް ނުކުތާއަކީ މިއެވެ. ކުރީގެ ސަރުކާރު އޮތީ އާންމު އިންތިޚާބަކުން ބަލިކުރެވިފައެވެ. އަދި، އަދުގެ ސަރުކާރު އައީ ކުރީ ސަރުކާރުގެ ‘ގޯސްތައް’ ރަނގަޅުކުރުމަށެވެ. ކުރީ ސަރުކާރުން ކުރި ކަންތައްތައްކޮށް ކުރީ ސަރުކާރުގެ ނުރަނގަޅު އަމަލުތައް އިޔާދަކުރާކަށް ނޫނެވެ. ރައީސް ސޯލިހުގެ ރިޔާސީ އިފްތިތާހީ ޚިތާބުގައި މިކަން ބަޔާންކުރެއްވިއެވެ. (މިޚިތާބާ ބެހޭ ލިޔުމެއް ތިރީގައި ވާނެއެވެ. ހަނދާންއާކޮށްލުމުގެ ގޮތުންނެވެ.) އާ ސަރުކާރެއް ގެނެވުނީ ކުރީ ސަރުކާރުގެ ފަސާދަ ނައްތާލުމަށެވެ. ކުރީ ސަރުކާރުގެ އިސްތިބްދާދިއްޔަތު ދުރުކޮށް ޑިމޮކުރަސީ ގާއިމުކުރާށެވެ. ކުރީ ސަރުކާރުން ރާއްޖެ ދަރުވާލި ދަރުވާލުމުގެ ދަރަނިތައް ދައްކައި ރާއްޖެ މިނިވަންކުރާށެވެ. ކުރީ ސަރުކާރުގެ ރައީސް ވަނީ ޝަރީއަތްކުރެވި ޖަލު ހުކުމެއް ތަންފީޒުކުރެއްވުމުގައެވެ. ދެން، އެ ރައީސަކަށް، އޭނާގެ ސަރުކާރުން ކުރި ކަންތައްތައް ނުކުރެވޭނެއެވެ. އެހެން ކަމަށްވާއިރު، މިހާރުގެ ސަރުކާރުން، ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ކުރުމުގެ ބަދަލުގައި ކުރީ ސަރުކާރުގެ އަމަލުތައް އިޔާދަކުރީމައި ކަންތައް ކުރެވެނީ ރަނގަޅަށް ކަމުގައި ބުނެވިދާނެ ހެއްޔެވެ؟ ދޮގު ވާނީ ދޮގަށެވެ. ކޮންމެ ދުލަކުން ދޮގު ހެދިކަމުގައި ވިޔަސް ވެހެވެ. ވައްކަމާއި ފަސާދަ ވާނީ ވައްކަމާއި ފަސާދައަށެވެ. ކޮންމެ އަތަކުން އެކަން ކުރި ކަމުގައި ވިޔަސް ވެހެވެ. ތިމާ ހަދާ ދޮގު، އެހެން މީހަކު ދޮގު ހެދިއޭ ބުނުމަކުން ތެދަކަށް ފުރޮޅިގެން ނުދެއެވެ. ތިމާކުރާ ވައްކަމާއި ފަސާދައިގެ އަމަލުތައް، އެހެން މީހުން ވެސް އެކަން ކުރެއޭ ބުނުމަކުން، އެންމެ ރަނގަޅުކަމަކަށް ވެގެންނުދެއެވެ. އާދެ، މިފަދައިން ކަންތައް ކުރަން އުޅުމުން، ސީނީ ތާކިހާ އެޅުމޭ ބުނެވިދާނެއެވެ. ހަގީގަތެއް ނެތް ކަމާ ނުވެސް ބެހޭ ވާހަކައެއް ދައްކައި ތިމާ ކުރާ ކަމެއްގެ ހަގީގަތް، ފަސްއަޅައި، ފޮރުވަން އުޅުމުންނެވެ. ސީމާ ސެންގުޕްތާގެ ވާހަކަތަކަށް ފަސްއަޅައި، އެވާހަކަތަކުގައިވާ ހަގީގަތްތައް ފޮރުވުމުގެ ގޮތުން، އެކަމާ އެއްވެސް ގުޅުމެއް ނެތް، ހަގީގަތާވެސް ޚިލާފު، ވާހަކަތަކެއް ނަންގަވައި، ރައީސުންގެ ރައީސް ޗާބޫކީ ދޫ ފުޅުން ޗައިނާގެ ބުރިކަށީގައި ހައްމުއްޓެއް އެޅުއްވުމަކީ ސީނު ތާކިހާ އެޅުމުގެ ލާމަސީލު މިސާލެކެވެ.

ދެން އަނެއް ނުކުތާއެވެ. ސީނީ ތާކިހާ އަޅައި ކުރީ ސަރުކާރެކޭ އެއްގޮތަށް، ސީމާ ސެންގުޕްތާގެ ލިޔުމުގައި ބަޔާންކުރެވިފައިވާ ފަދައިން، މިހާރުގެ ސަރުކާރުން ވެސް ހިންގާ ފަސާދައާއި، ކުރީގައި ނަންގަނެވުނު، ޑިމޮކުރަސީގެ އުސޫލުތަކާ ޚިލާފު ކަންތައްތައްތަކުގެ އިތުރުން، އެހެން ކަމެއް ވެސް ފާހަގަ ކޮށްލަން ޖެހެއެވެ. ކުރީ ސަރުކާރުން ރާއްޖެ ޗައިނާއަށް ވިއްކާލާފައިވާ ވާހަކަ، ރައީސުންގެ ރައީސާ އޭނާގެ ސަންގު ގޮއްވާ މީހުން، ދައްކައި ގޮއްވަމުންދާ އިރު، އެކަމުގެ ހައްލަކީ އިންޑިޔާއަށް ރާއްޖެ ވިއްކާލުން ހެއްޔެވެ؟ ލިބުނުހާ ތަނަކުން އިތުރަށް ލޯނު ނެގުން ހެއްޔެވެ؟ އިންޑިއާއިންނާއި އަދި ޗައިނާއިން ވެސް މެއެވެ! އާދެ، ޗައިނާއަށް ވިއްކާލާފައިވާ ކަމަށް ސީނީ ތާކިހާ އެޅި ދޫތައް ގޮވަމުންދާއިރު، ޗައިނާގެ ބައެއް ބޭންކުތަކުން، މިހާރުވެސް، އިތުރަށް ލޯނުތައް ނަގާ ވާހަކަތައް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ. އެކަމުގެ ހައްލަކީ ޚަރަދުތައް ކުޑަކުރުމެއް ނެތި، ބަދަލު ދިނުމުގެ ނަމުގައްޔާއި ބޭކާރު ސިޔާސީ މަގާމުތުއް އުފައްދައި، ގާތް މީސްމީހުންނަށްދީ ދައުލަތުގެ ޚަޒާނާ ހުސްކުރުން ހެއްޔެވެ؟

ފަސާދައިގެ ތުހުމުތުތަކާއި ކަންކަން ހިންގާލުމުގެ ގާބިލިއްޔަތެއް ނެތް ކަމުގެ ތުހުމަތު އަދުގެ ސަރުކާރާ ވެސް ކުރެވޭ ހިނދު، މި ހަގީގަތް ފޮރުވުމުގެ އިތުރުން، ރައީސްންގެ ރައީސް، ސީނީ ތާކިހާ އަޅުއްވައިގެން، ޗައިނާއަށް ރާއްޖެ އޮތީ ދަރަނިވެރިވެ، ވިކި ފަޔޭ ވިދާޅުވެ، އަޑުގަދަކުރައްވަމުން، އެކަމާ ދޭތެރޭ އަޅަން ޖެހޭ އެއްވެސް ފިޔަވަޅު ނޭޅުއްވުމުން، ހާމަވާ އެހެން ކަމެއް ވެސް އެބަ އޮތެވެ. މިއިން އަންގައިދެނީ، މިއީ އިންޑިޔާގެ ފަރާތުން އޭނާއާއި ހަވާލުކުރެވިފައި އޮތް ދައުރު އަދާކުރެއްވުމުގެ ގޮތުން ކުރާ ކަމެއްކަމުގައެވެ. އަދި، ރާއްޖޭގައި އިންޑިޔާގެ ބާރު ތަމްކީނުވަމުންދާ މަސައްކަތް ފޮރުވުމަށްޓަކައި ވެސް ކުރެވޭ ކަމެއްކަމުގައެވެ. ސީނީ ތާކިހާ އަޅައި، ޗައިނާއަށް ރާއްޖެ ވިއްކާލައިފިޔޭ ގޮވާ ގޮވުމުގެ ހަގީގީ މާނައަކީ، އިންޑިޔާއަށް ރާއްޖެ ވިއްކާލުމުގެ މަސައްކަތް ކުރެވެމުންދާތަން ރާއްޖޭގެ އާންމު ލޯތަކަށް ފޮރުވަން އުޅުމެވެ. އާދެ، ‘ޗުޓްޒްޕާ’ގެ މިސާލެކެވެ. ދައްތަގައިގައި ކޮއްކޮ ޖަހާފައި މަންމަ އައުމުން، ކޮއްކޮ ރޮއިގެންފާ، ޖެހީ ދައްތަކަމަށް ދައްކުވައި، ދައްތަ ބަދުނާމުކުރާ ފަދައިންނެވެ. ރާއްޖެ ވިކިދާނީ ޗައިނާއަކަށް ނޫނެވެ. ކުރީގައި ނަންގަނެވުނު، ބޮޑެތި ބާރުތަކުގެ – އެއްކޮޅުން އިންޑިޔާއާއި ޗައިނާ، އަނެއް ކޮޅުން ޗައިނާއާއި އެމެރިކާ މިބާރުތަކުގެ – ވާދަވެރިކަމާއި ހަތުރުވެރިކަމުގެ ނަތީޖާއެއްގެ ގޮތުން، ބޮޑެތި ބާރުތަކުގެ ސިޔާސީ ރާޒުވާ ކުޅިގަނޑުގައި ގުރުބާންކޮށްލެވޭ މަނަލެއްގެ ގޮތުގައި ރާއްޖެ ވެގެންނެވެ. ކިތަންމެ ކުޑަ ގައުމެއް ވެސް، މަނަލެއްގެ ގޮތުގައި ރަސްގެފާނަށް ‘ކާލެވޭނީ’ އެކަމަށް އެހީވެދޭނެ، ރަސްގެފާނުގެ އޭޖެންޓުން ތިބެގެންނެވެ. ރައީސުންގެ ރައީސް، ސީނީ ތާކިހާ އަޅުއްވައިގެން، އެ ކުޅުއްވަނީ އެ ދައުރެވެ.

ކޮންމެއަކަސް، އަޅުގަނޑުމެންގެ މިއަދުގެ މުހާވިރާ ބަހުގެ މާނަ ސާފުވެދާނެ ކަމަށް ހީކުރަމެވެ. ސީނީ ތާކިހާ އެޅުމަކީ މީހެއްގެ ބޮލުގައި ތުހުމަތެއް ނުވަތަ ތުހުމަތުތަކެއް އެޅުވޭ ހިނދު، އެކަން ފޮރުވުމުގެ ގޮތުން، ކަމާ ނުބެހޭ އެހެން ވާހަކަތަކެއް ދެއްކުމެވެ. މިއަދުގެ ސަރުކާރުގެ ފަސާދާއާއި ނުކުޅެދުމުގެ އަމަލުތައް ދިފާއުކުރުމުގެ ގޮތުން، އެކަންކަން އިސްލާހު ނުކޮށް، ކުރީ ސަރުކާރުގެ ފަސާދައިގެ ވާހަކަތައް ގެންނަފަދައިންނެވެ. އަދި، މީގެ އިތުރުން، ޗައިނާއަށް ރާއްޖެ ވިއްކާލައިފިޔޭ ބުނެ ތަކުރާރުކޮށް ވާހަކަ ދެއްކުމުގެ ހަގީގީ ބޭނުމަކީ ސީދާ އިންޑިޔާގެ އަސްކަރީ ބާރުގެ ދަށުގައި އޮތްތަނަކަށް ރާއްޖެ ހަދަން އުޅޭ ހަގިގަތަށް ފަސްއަޅައި ފޮރުވުމެވެ. ޗައިނާގެ ވާހަކަ ދައްކައި އެކަމުގައ މީހުން މަޝްޣޫލުކުރުވައި، ރާއްޖޭގައި އިންޑިޔާގެ ހަންފެތުރަމަށް ކުރެވެމުންދާ ވާހަކަތައް އަޑުއެހުމަށް ޖާގަ ނުދިނުމެވެ. އާދެ،  ހިޓިލަރުގެ ޖަރުމަނުގެ ޕުރޮޕެގަންޑާ ނުވަތަ ‘ހަގީގަތެއް ނެތް ވާހަކަ’ ފަތުރާ މިނިސްޓަރު ޖޯސެފް ގޮއެބްލްސް ވިދާޅުވިފަދައިން، ދޮގެއް ވިޔަސް، އެކަށީގެންވާ އަދަދަކަށް ތަކުރާރު ކުރެވިއްޖެ ނަމަ، އެ ދޮގު ތެދަކަށްވެ، މީހުންނަށް ގަބޫލުކުރެވި ދެއެވެ. ސީނީ ތާކިހާ އަޅައިގެން ރާއްޖޭގައި ވެސް އެއް ވާހަކަ، އެއީ ހަގީގަތެއް ނޫންކަމަށް ވިޔަސް ދެއްކެނީ އެކަން ތެދަކަށް ބަދަލުކޮށް، ފޮރުވިފައިވާ އެޖެންޑާއެއް ހިންގާލުމުގެ ބޭނުމުގައެވެ. ނަތީޖާއަކީތޯއެވެ. ތަން އަޅުވެތިވެ ދިޔުމެވެ. ޖަރުމަނަށް ވެސް ވީފަދައިންނެވެ. މިކަން މިހެން ނުވެދާނީ އާންމުން ހޭލުންތެރިވެގެންނެވެ. މީހުން ދައްކާ ވާހަކަ، މީހާގެ މޫނަށް ނުބަލައި، އެ ވާހަކަ މޭރުންކޮށް އޭގެ ހަގިގީ އަގު ވަޒަންކުރަން އެނގިގެންނެވެ. ޚާއްސަ ގޮތެއްގައި ސީނީ ތާކިހާ އަޅައިގެން މީހުން ވާހަކަ ދައްކާ ނަމައެވެ!

 

 

1 ހިޔާލު

  1. Hageegathugaives thi ee kanhigamundhaagoiy khomme meehahuves party sikundin visnanee partyn dhuvaaluge mendhuru a ee reygandey buneema ok vefa thibenee kudhinney qaumuge maslahathu iskurey alhuvethikamakee nikamethikameh ekan ihsaas vaanee efadhakameh medhuverivumun rayyithuney ehbayaku aneh bayaku jazbaathee masthuga koalhemundhanee ehves khiyaalehfikurehnethi mikamaavisnaalunkeehtho

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ