ބޮންގޮއްވާލި ވަގުތު ކައިރީގައި ތިބި މޮޅު ކުދިންގެ ބަސް ނުބުނެވޭގޮތަށް ކަންކަން ނިންމުމަކީ ބޭއިންސާފެއް: ނަޝީދު

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން އިރު އެމަނިކުފާނުގެ އަރިހުގައި އެވަގުތު ތިއްބެވި ސިފައިންގެ އޮފިސަރުންނަށް ބަސް ނުބުނެވޭ ގޮތް ހެދުމަކީ ބޭއިންސާފެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދަށް ދިން ހަމާލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުނުކުރެވޭނެކަމަށް އެމްއެންޑީއެފްން ވަނީ ހާމަކޮށްފައެވެ.

މި މައްސަލަ އާ ގުޅިގެން އެމްއެންޑީއެފް އިން އިއްޔެ ނެރުނު ނޫސްބަޔާން ޓްވީޓް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރޭންކް އެންޑް ފައިލް، ނުވަތަ އާންމު ސިފައިންގެ މީހަކު ކަންކުރި ފުރިހަމަ ގޮތް ގެއްލުވާލުމަށް ”ޓޮޕް ބްރާސް“ގެ އެއްވެސް ނިންމުމެއް ނިންމައިގެން ނުވާނެ ކަމަށެވެ.

”އަޅުގަނޑު މަރާލުމަށް ބޮން ގޮއްވާލި ވަގުތު ކައިރީގައި ތިބި މޮޅު ކުދިންގެ ބަސް ނުބުނެވޭތަށް ކަންކަން ނިންމުމަކީ ބޭއިންސާފެއް،“ ޓްވީޓްގައި ނަޝީދު ވިދާޅުވި އެވެ.

އެމްއެންޑީއެފްން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާ ގޮތް ބެލުމަށް ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާ ޗެއިން އޮފް ކޮމާންޑް އަދި ކޮމާންޑް އެންޑް ކޮންޓްރޯލުގެ އިތުރުން ސިފައިންގެ ތެރޭ ގާއިމްކޮށްފައި އޮތް އުސޫލުތަކާ ހިލާފު ކަމެއް ކަމަށާއި އެހެން ކަމުން ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާ ގޮތާ މެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީ ވުމުގެ ބަދަލުގައި، ޖަވާބު ދާރީވާނީ އެ މުއައްސަސާއިން ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އިން ލިބުނު ޒަހަމްތަކަށް ރާއްޖެއިން ބޭސްފަރުވާ ކުރުމަށްފަހު އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް