ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުނުކުރެވޭނެ: އެމްއެންޑީއެފް

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް އެމްއެންޑީއެފްން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ނަޝީދަށް ހަމަލާ ދިން އިރު ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް މަޖިލީހުގެ ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރި ނަމަވެސް ގައުމީ ދިފާއީ ބާރުން މި މައްސަލައިގެ އެއްބާރުލުން ދޭނެކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި ޗެއިން އޮފް ކޮމާންޑްގެ އުސޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި ޖަވާބުދާރީވާނީ މުއައްސަސާގެ ފަރާތުން ކަމަށާ އަދި ރައްޔިތުންގެ މަޖިލީހުން ނުވަތަ އެމަޖިލީހުގެ ކޮމެޓީއަކުން ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅޭގޮތުން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މައުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ އެ މައުލޫމާތެއް މުއައްސަސާއިން ފޯރުކޮށްދޭނެ ކަމަށެވެ.

އަދި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާއި ސިފައިންގެ ”ޗެއިން އޮފް ކޮމާންޑް“އާއި ”ކޮމާންޑް އެންޑް ކޮންޓްރޯލް“ އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ގާއިމްކުރެވިފައި އޮތް އުސޫލުތަކާއި ހިލާފް ކަމެއް ކަމަށާ އަދި މިކަމުގެ ސަބަބުން މުޅި ގައުމީ ދިފާއީ ބާރާއި އެބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ އަދި މިކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަމެއް ކަމަށްވެސް ޑިފެންސްން ނެރުނު ބަޔާނުގައިވެއެވެ.

އަދި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގައި އެ އުސޫލުތަކާ ހިލާފަށް އަމަލު ކުރުމަށް ސިފައިންގެ މައްޗަށް ލާޒިމްކުރާ ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއް ނެތް ކަމަށާ މި ނިންމުމަކީ ސިފައިން ރައްޔިތުންގެ މަޖިލީހަށް ޖަބާވުދާރީވުމާ ބެހޭގޮތުން ސިފައިންގެ ލަފާދޭ މަޖިލީހުން ދީފައިވާ ލަފައާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ނިންމީ ސެކިޔުރިޓީ ބްރީޗުވި ގޮތުގެ އިންކުއަރީއެއް ހަދާށެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމިޓީތަކަށް ލިބިދޭ ބާރުތައް ބަޔާންކޮށްފައިވާ ކަމަށާ މިގޮތުން ކޮންމެ މީހަކަށްމެ އަދި ކޮންމެ މުއައްސަސާއަކަށްމެ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ ކޮމިޓީއެއްގެ ސަބް ކޮމިޓީއަކަށް ހާޒިރުވެ ހެކިބަސްދިނުމަށާއި މަޖިލީހުން ބޭނުންވާ ކޮންމެ ލިޔެކިޔުމެއް ހުށަހެޅުމަށް އެންގިދާނެކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އަދި ކޮންމެ މީހަކާއި ނުވަތަ ކޮންމެ މުއްސަސާއަކާ ރައްޔިތުންގެ މަޖިލީހުން ކުރާ ކޮންމެ ސުވާލަކަށްމެ އެމީހަކަށް ނުވަތަ މުއައްސަސާއަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެ ކަމުގައިވެސް އެ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް ސަލާމަތީ ކޮންމެ ހިދުމަތެއްމެ ހިންގާންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ކަމަށާއި އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ކޮންމެ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާންވާނެ ކަމުގައި ގާނޫނު އަސާސީގެ 242 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ބޭނުން ހިފާ ގޮތާމެދު އަދި އެ މީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ.

އަދި ސިފައިންގެ މައްޗަށް ޗީފް އޮފް ޑިފެންސް ފޯސްއަށް ލިބިގެންވާ އެންމެހާ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން ހިފާގޮތާ މެދުގައާއި އޭނާގެ މަސްއޫލިއްޔަތު އަދާކުރާގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށް ކަމަށް އެ ގާނޫނުގައި ބުނާއިރު ސިފައިންގެ މައްޗަށް މިނިސްޓަރަށް ލިބިގެންވާ އެންމެހާ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން ހިފާގޮތާ މެދުގައާއި މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު މިނިސްޓަރު ސިފައިންގެ އެންމެމަތީ ވެރިޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންވާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެހެން ފަރާތަކަށް ހިއްސާ ކުރުމަކީ ކުށެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ސިފައިންގެ ހިދުމަތަކީ ސައްވީސް ގަޑިއިރުގެ ހިދުމަތަކަށްވެފައި ސިފައިންނަކީ ވާޖިބަށް ގޮވާލެވޭ ކޮންމެ ހިނދަކު ހިދުމަތަށް ނިކުންނަންޖެހޭ ބައެއް ކަމުން ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަނެތި އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ އިހުތިޔާރު ލިބިފައި ނުވާ ބައެއް ކަމަށް ސިފައިންގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންވެސް ޑިފެންސުން ވަނީ ފާހަގަކޮށްފައެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް