ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ހާއްސަ ޕެކޭޖެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ހަމަޖައްސާ ޕެކޭޖްގެ ދަށުން ޖިމްތަކާއި، ސެލޫންތަކާއި، ކެފޭތަކާއި ރެސްޓޯރަންޓްތަކުގެ އިތުރުން އެހެނިހެން ކުދި ވިޔަފާރިތަކަށް އެހީތެރިކަން ލިބޭނެކަމަށެވެ.
މިނިސްޓަރު ޓްވީޓްގައި އިތުރަށް ވިދާޅުވީ މިނިސްޓްރީގެ ޓީމުގެ ގިނަ މެންބަރުންތަކެއް ކޮވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން މި ޕެކޭޖް ތައާރފްކުރުމަށް ލަސްތަކެއްވާ ވާ ކަމަށާ ނަމަވެސް ވަރަށް އަވަހަށް މި ޕެކޭޖް ތައާރަފްކުރުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ.
We have been working on a development assistance stimulus for smes especially gyms, saloons, cafes restaurants and more. Unfortunately due to many in our team coming down with Covid this is taking more time. Insha allah very soon.
— Fayyaz Ismail (@faya_i) June 2, 2021
ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް އެހީވުމަށް ހާއްސަ ޕެކޭޖެއް ތައާރަފްކުރަން އިއުލާންކޮށްފައި މިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަނެއް ވަމުންދާ ދަނޑިވަޅެއްގައެވެ.
ސަރުކާރުން އެޅި ޚާއްސަ ފިޔަވަޅެއްގެ ގޮތުން ކެފޭ ރެސްޓޯރަންޓް، ޖިމް އަދި ސެލޫންތައް ވަނީ ބަންދުކޮށްފައެވެ.
ކޮވިޑް-19ގެ ގެއްލުންތަކުން އަރައިގަތުމަށް މީގެކުރިންވެސް ވަނީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެސްއެމްއީ ބޭންކުން ވިޔަފާރިތަކަށް އެހީތެރިވުމަށް މި ޕެކޭޖްގެ ދަށުން 341.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އަމިއްލަ ވިޔަފާރިތަކަށް 19.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މި ޕެކޭޖްގެ ދަށުން އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ ކޮމާސްގެ ދާއިރާއިންނެވެ. އެއީ 201 މިލިއަން ރުފިޔާއެވެ. ދެ ވަނައަށް އެންމެ ގިނައިން ލޯނު ދޫކުރީ އިމާރާތްކުރުމުގެ ސިނާއަތަށެވެ. އެއީ 59.4 މިލިއަން ރުފިޔާއެވެ. 55.3 މިލިއަނާއިއެކު ތިން ވަނައަށް އެންމެ ގިނައިން ލޯނު ދޫކުރީ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށެވެ.