އެމެރިކާގައި އިޒްރޭލުގެ އަގު ވެއްޓި ފަލަސްތީނަށް ތާއީދުކުރާ މީހުން ގިނަވެއްޖެ

Loading

Facebook
Twitter
WhatsApp

މިދިޔަ މޭ މަހުގެ ތެރޭގައި އިޒްރޭލުން ޣައްޒާގެ ގެތަކަށް ބޮން އަޅައި ފަލަސްތީނުގެ ރައްޔިތުންނަށް ބިރުދައްކައި އަނިޔާދެމުންދިޔަ ތަން މުޅި ދުނިޔޭގެ އެންމެން ވެސް ވަނީ ދެކެފައެވެ.

މީސް މީޑިޔާގެ ޒަރިއްޔާއިން ފަލަސްތީނުގެ ރައްޔިތުންގެ ރުއިމުގެ އަޑުތައް އަހަރުމެން އެންމެންގެ ކަންފަތްތަކަށް އިވުނެވެ. މިކަމުގެ ސަބަބުން ގިނަ ބަޔެއްގެ ލޯތައް ހުޅުވިގެން ދިޔައެވެ.

ފާއިތުވި ގަރުނުގެ ތެރޭގައި ފަލަސްތީނު ރައްޔިތުން ތަހައްމަލު ކުރަމުން ދިޔަ ވޭނާއި ހިތާމަ ކޮންމެވެސްވަރަކަށް އިހުސާސް ކުރެވެން ފެށިއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ފަލަސްތީނުގެ ދިފާއުގައި ގިނަ ބަޔަކު މުޒާހަރާކޮށް ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލަންފެށުމެވެ. އަދި އިޒްރޭލުގެ ހަރުކަށި ލާއިންސާނީ ގަވައިދުތަކާމެދު މީހުން ސުވާލު އުފައްދައި އެމީހުންގެ އަމަލުތައް ކުށްވެރިކުރަންފެށުމެވެ. މިގޮތުން އެމެރިކާގެ ކޮންގްރެސްގެ ބޭފުޅެއް ކަމުގައިވާ އެލެގްޒަންޑްރިޔާ އޮކެސިއޯކޯޓްސް ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އިޒްރޭލަށް އެހީތެރިވަމުން ގެންދާ ގެންދިޔުން ކުށްވެރިކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ޣައްޒާގައި މަރުވި 250 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި 66 ކުޑަކުދިން ހިމެނޭކަން ފާހަގަކުރައްވައި އޭނާ ވަނީ އިޒްރޭލުގެ ހަމަލާތައް ކުށްވެރިކުރައްވާފައެވެ.

އެމެރިކާގެ ޑިމޮކްރެޓްސްގެ މެދުގައި ނެގުނު ވޯޓެއްގެ ނަތީޖާއިން ހާމަވާގޮތުގައި %33 މެމްބަރުންގެ ތާއިދުވަނީ އިޒްރޭލަށެވެ. އަދި %48 މެމްބަރުން ތާއިދުކޮށްފައިވަނީ ފަލަސްތީނަށެވެ. އެމެރިކާގެ އެކި ކަންކޮޅުތަކުގައި އެ ގައުމުގެ ރައްޔިތުން ވަނީ ފަލަސްތީން މިނިވަންކުރުމަށް ގޮވާލައި އަޑުއުފުލާފައެވެ. އަދި އެ ގައުމުގެ ރައީސް އިޒްރޭލަށް އެހީފޯރުކޮށްދެއްވުން ހުއްޓާލެއްވުމަށް އެ ގައުމުގެ ގިނަ ރައްޔިތުން ދަނީ އެދެމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް