ޑެޕިއުޓީ މޭޔަރުންނާއި ނައިބް ރައީސުން ހޮވާފައި ނުވާ ކައުންސިލްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ މަގާމުތަކަށް ބޭފުޅުން ހޮވުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.
ކޮވިޑް-19ގެ ހާލަތާ ގުޅިގެން ދިމާވެފައިވާ ބައެއް ދަތިތަކާހުރެ ބައެއް ކައުސިލަރުންނަށް ރަށަށް ދިއުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ބައެއް ރަށްތައް ބަންދުކޮށްފައި ވުމާއި އަދި ބައެއް ކައުންސިލަރުން ކޮވިޑަށް ޕްޒިޓިވް ވުންފަދަ ކަންތައް ހިމެނެއެވެ.
އެލްޖީއޭ އިން ބުނީ ކައުންސިލަރުންނަށް މުއްދަތު ދިނީ ކޮވިޑް 19ގެ ހާލަތަށް ވެސް ބެލުމަށްފަހު ކަމަށެވެ.
އެ އޮތޯރިޓީން ބުނީ ކައުންސިލަރަކު މިހާތަނަށް ރަށަށް ނުދެވި ހުރި ނަމަ ވެސް އޭނާ ރަށަށް ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށް ފަހުވެސް އެ އޮތޯރިޓީން ދީފައިވާ މުއްދަތުގެ ތެރޭގައި އެ މަގާމުތަކަށް ބޭފުޅުން ހޮވޭނެހާ ދުވަސް އެބައޮތް ކަމަށެވެ.
ކައުންސިލްތަކުން ޑެޕިއުޓީ މޭޔަރުންނާއި ނައިބް ރައީސުން ހޮވަނީ އެ ކައުންސިލެއްގައި ތިބޭ ހުރިހާ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
އެލްޖީއޭ އިން ވަނީ ހަމަ މި މުއްދަތުގެ ތެރޭގައި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް އާއި ނައިބު ރައީސުން ހޮވަންވެސް އަންގާފަ އެވެ.
ޑެޕިއުޓީ މޭޔަރު ނުހޮވާ އޮތް ހަމައެކަނި ކައުންސިލަކީ މާލެ ސިޓީ ކައުންސިލް އެވެ. ބައެއް ކައުންސިލުތަކުން މިހާރުވެސް ނައިބް ރައީސުން ވަނީ ހޮވާފައެވެ.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް މިހާރު ވާދަކުރައްވަނީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއުއާއި، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީގެ އިތުރުން މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް އެވެ.