އެއްފަހަރު ބޭނުންކޮށްފަ އުކާލާ ޕްލާސްޓިކް ބައެއްތަކެތި މަނާކުރުން ފަސްވެދާނެ

Loading

Facebook
Twitter
WhatsApp

 

އެއްފަހަރު ބޭނުންކޮށްފައިވ އުކާލެވޭ ޒާތުގެ ޕްލާސްޓިން ރާއްޖެއަށް އެތެރެކުރުން މާދަމާއިން ފެށިގެން މަނާ ކުރަން ނިންމާފައި ވީނަމަވެސް މީގެއިން ބައެއް ތަކެތި މާނާކުރުމަށް ފަސްވެދާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

“ ދިވެހި ރާއްޖޭގެ އެކްޕޯޓް އިމްޕޯޓްގެ ގާނޫނު“ އަށް ގެނައި އިސްލާހުގައިވާ ގޮތުން މާދަމައިން  ފެށިގެން ނުވަ ބާވަތެއްގެ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން މަނާވާނެއެވެ. ނަމަވެސް އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19 އާއި ގުޅިގެން އެފަދަ އެއްޗިއްސަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ބުނީ ޖޫންގެ ފަހުން ރާއްޖެ ގެންނަ ޝިޕްމަންޓެއްނަމަ އެ މުދަލެއްގެ ބިލް އޮފް ލެޑިންގ ނުވަތަ އެއަރވޭ ބިލް 1 ޖޫންގެ ކުރިން ދޫކޮށްފައިވާނަމަ މުދާ ރާއްޖެ އެތެރެކުރުމަށް ކަސްޓަމްސްއިން ފުރުސަތުދޭނެކަމަށެވެ. މިގޮތައް ހަމަޖައްސާފައިވަނީ ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އެއް ޤައުމުން އަނެއް ޤައުމަށް ގިނަގުނަ ދަތިތަކެއް ހުރުމާއިއެކު ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުންކަމަށް އެ މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގުތިސާދަށް އަސަރު ކޮށްފައިވާތީ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ.

ރާއްޖެ އެތެރެ ކުރުން މަނާ، އުކާލާ ޒާތުގެ ޕްލާސްޓިކް މަނާ ކުރުމަށް ރައީސް ސޯލިހު ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު ގަރާރެއްގައި ސޮއި ކުރައްވާފަ އެވެ. އެގަރާރުގައި ވާގޮތުން ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ 12 ބާވަތުގެ ތަކެއްޗަކީ ސިންގަލް ޔޫސް ޕްލާސްޓިކުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
އޭގެތެރޭގައި ޕްލާސްޓިކް ހޮޅި،ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު ތަކާއި ކާބޯތަކެތި ބަންދުކުރާ ފޮށި، ޕްލާސްޓިކް ކޮތަޅު، ސުޕާރީ ޕެކެޓް، ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި ހިމެނެއެވެ.

މީގެތެރެއިން ބައެއް ތަކެތި މިހާރުވެސް ރާއްޖެ އެތެރެކުރުން ވަނީ ހުއްޓާލާފައެވެ. އޭގެތެރޭގައި ސްޕާރީ ޕެކެޓްވެސް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުވެސް ބައެއް ތަކެތި ރާއްޖެ އެތެރެކުރުން ވަނީ މަނާކަމަށް ކަނޑައަޅާފައެވެ. އެގޮތުން 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅުގެ އިތުރުން، 50 މިލިލީޓަރާއި 200 މިލިލީޓަރާ ހަމައަށް ހިމެނޭ ކުދި ޝޭމްޕޫ ފުޅިއާއި ސައިބޯނި ފުޅި އެތެރެކުރުން މަނާވާނެއެވެ. މީގެއިތުރުން 2023 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އިމްޕޯޓްކުރުން މަނާކުރާ ބާވަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ފުޅި ހިމެނެއެވެ.

އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ބޭނުންކުރުން 2023 ވަނަ އަހަރާއި ހަމަޔަށް ހުއްޓާލާ ގައުމަކަށް ދިވެހިރާއްޖެ ހެދުމަކީ ސަރުކާރުގެ އަމާޒަކަށްވާއިރު، ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާގުޅޭ ޕްލޭން ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރުމަހުގެ 5 ވަނަ ދުވަހުގައެވެ. ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންނުކުރާ ގައުމަކަށް ރާއްޖެ ހެދުމަކީ ރައީސްގެ ހާއްސަ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، އަދި ބޭނުންކުރުން 2023ގެ ނިޔަލަށް ހުއްޓާލުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ވަނީ ”ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން“ އެއްވެސް އެކުލަވާލާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް