އަޅާކިއުމަކީ އިސްތިރިއެކޭ ބުނޭ..

Loading

Facebook
Twitter
WhatsApp

 

ދިވެހިންގެތެރޭގައި ބެލެވިފައިއޮންނަގޮތުން އަޅާކިއުމަކީ އިސްތިރިއެކޭ ކިއުމަކީ ބޮޑު ސިހުރެކެވެ. އަދި މިއީ ދިވެހިންގެ ތެރޭގައި ވަރަށް ގިނައިން ބުނެއުޅޭ ޖުމުލައެކެވެ. ޢާންމުގޮތެއްގައި މި ޖުމުލަ ބޭނުންކޮށް އުޅެނީ ދެ ޖިންސުގެ ދެ ޒުވާނަކު ތަތްކުރުމުގެ ގޮތުންނެވެ. އެހެންގޮތަކަށްބުނާނަމަ ދެ ޖިންސުގެ ދެ ޒުވާނެއްގެ ގުޅުމަށް ފާޑުކިއުމުގެ ގޮތުންނެވެ. ނަތީޖާއެއްގެގޮތުން އެ ދެ ޒުވާނުންގެ ދޭތެރޭގައި ލޯބި އުފެދިގެން ދަނީއެވެ.. ވާނީވެސް އެހެންތާއެވެ… މުޅި މުޖުތަމާގައި އެ ދެޒުވާނުންގެ ނަން ބޭނުންކޮށްގެން އަޅާ ކިއަމުންދާނަމަ ދެން އިތުރަށް ވާނެ ބޭޒާރެއްވެސް ނޯންނާނެއެވެ. އެހެންކަމުން އަޅާކިއުން އިސްތިރިއަކަށް ވެގެންދަނީއެވެ.

އަޅާކިއުން އިސްތިރިއެކޭ ބުނާބަހުގެ ދޭހައާއި އިސްތިރިއަކަށްވާގޮތް ދެ ޒުވާނުން ތަތްކުރުމަށް ވުރެން މާބޮޑަށް ފުޅާވެގެންދާކަމުގައި ބެލެވިދާނެއެވެ. މިގޮތުން އަޅުގަނޑު ބަލާލާހިތްއޮތީ ގައުމުތަކުގެ ވެރިކަމުގެ ވެށްޓަށެވެ. އެކިއެކި ގައުމުތަކަށް ދަތުރުކޮށް އުޅުމުގެތެރޭގައި ވަރަށްބޮޑަށް ފާހަގަކުރެވުނުކަމެކެވެ. ޚާއްސަކޮށް އަޅުގަނޑުމެން މި ދިރިއުޅޭ ސަރަޙައްދުގެ ގައުމުތަކުގައި މިކަންތައް މާބޮޑެވެ.

އެކިއެކި މުހިންމުތަންތަނާއި މައިދާންތަކާއި ގޯޅިގޯޅީގެ ކަންމަތީގައި ސިޔާސީ ލީޑަރުންގެ ބޮޑެތިހާ ޕޯސްޓަރުތަކާއި ކުރެހުންތައް ބަހައްޓައި އަދި އޭގެއިތުރުން އެބޭފުޅުންނަށް ނިސްބަތްކޮށް ތަޢުރީފްގެ ހާހޫރަތަކާއި ގޮވެލިފަތިތައްވެސް ލިއެފައި ހުންނަނީ ވަކި ޝުމާރެއް ބަލައިގެނެއްނޫނެވެ. މިތާގައި ހާހޫރައޭ އަޅުގަނޑު މިބުނީ އެއީވެސް ދިވެހިންގެތެރޭގައި ސިހުރު އިސްތިރި ފަދަ މާނައެއްގައި ބޭނުންކުރާ ބަހަކަށް ވާތީއެވެ. އަދި ގަބޫލުކުރެވޭގޮތުގައި އެއީ ހަމަ ސިހުރު ހާހޫރަވެސް މެއެވެ. މިހެންބުނަންޖެހެނީ އަބަދާ އަބަދު އެ ޕޯސްޓަރުތަކާއި ފޮޓޯތަކާއި ތަޢުރީފުގެ ހާހޫރަތައް ފެނުމަށްވުރެން ބޮޑަށް އިންސާނުންގެ ސިކުޑިއަށް ވަސްވާސް ދޭނެ އެހެންކަމެއް މަދުވާނެތީއެވެ. ސިހުރުހެދުމާއި ވެރިކަމާއި މިއީ އަންޒަމާނުއްސުރެން ވަރަށް ގާތް ދެ އެކުވެރިންނެވެ. އަދި ހަމައެހާމެ ހަތުރު ވެރިކަންބޮޑު ދެ ދުޝްމަނުންވެސް މެއެވެ.

ޔޫރަޕްގެ ގައުމުތަކުގައިވެސް އެއްޒަމާނެއްގައި ސިހުރުވެރިންނަކީ ވެރިކަންކަންކުރަން އޭރުތިބި ބަޔެއްގެ އެންމެ ބޮޑެތި އެކުވެރިންނެވެ. އަދި ހަތުރުވެރިކަމުގެ ގޮތުން އިދިކޮޅު ސިހުރުވެރިން ދަންޖައްސާ މަރާފައި ހުރީކީވެސް މަދެއްކޮށްނޫނެވެ. ޔޫރަޕްގެ ގައުމުތަކުން މިހާރު މި އާދަކާދަ ފޮހެވިގެންގޮސް އެކަން ހަނދާކުރަންވެސް ބޭނުންނުވާކަހަލައެވެ. ތާރީޚުކިޔަވާދޭއިރުވެސް މިކަހަލަ ޒަމާނެއް އައިކަންވެސް ފާހަގަ ނުކުރެއެވެ.

އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށްގިނަގޮތްގޮތުން ތަފާތުގޮތަކަށް އެހެންމީހުންގެ ކަންތައްކޮޕީ ކުރާ ތަނެކެވެ. އެހެންމީހުން ކުރާ ކަންތައްތަކުގައި ނުވަތަ ކަންތައް ކުރާގޮތުގައި އަމިއްލަ ކުލައެއް ކޮންމެވެސް ވަރަކަށް އޭގައި ޖައްސައިގެންނެވެ. ވެރިކަމަށް މީހުންގެނައުމާއި ވެރިކަމުން މީހުން ބާލަން ސިހުރުގެ ބޭނުންވެސް ކުރިކަން ތާރީޚުން އެނގެއެވެ. ނަމަވެސް ޢާންމުގޮތެއްގައި އަޅުގަނޑުމެންގެ ސިހުރަކީ މުޅިންތަފާތު ޑިޒައިނަކަށް ފަރުމާކޮށްފާއޮތް އެއްޗެކެވެ. އަޅުގަނޑުމެންގެ ރައްޔިތުންގެ ބޮލަށް ސަވާރުވާން ބޭނުންކުރާ އެންމެ ޢާންމު އުކުޅަކީ ވެރިކަމުގެ ނަމެވެ. އުތީމުގެ ވެރިކަން، ދިޔަމިގިލީވެރިކަން، ހުރާގޭ ވެރިކަން އަދި އަތިރީގޭ ވެރިކަން ވެލާނާގޭ ވެރިކަން މިފަދަ ނަންނަމެވެ. އެންމެފަހުން މިހާރު ޕީޕީއެމްގެ ވެރިކަން އެމްޑީޕީގެ ވެރިކަން މިގޮތަށެވެ. މަގްސަދަކީ މިފަދަ ނަންތަކަށް ރައްޔިތުން ހޭނުއްވުމެވެ. އިންތިޚާބުތަކުގެ ވަގުތުތަކުގައްޔާއި ގާނޫނު އަސާސީ ކިޔާއިރެއްގައި މެނުވީ ރައްޔިތުންގެ ވެރިކަން މިއީ އޮންނަ އެއްޗެއްކަންވެސް ހަނދާނުން ފޮހެލުމެވެ.

ޕީޕީއެމް ނުވަތަ އެމްޑީޕީ އިން ވިޔަސް އެ ކުރަނީ ރައްޔިތުންގެ ވެރިކަމެކޭބުނެ ރައްދުދޭނެ ބަޔަކުތިބޭނެއެވެ. އެކަމަކު ދެލޯމަރާލާފައި ހަގީގަތާމެދު ވިސްނާލައިފިނަމަ އެކަންއޮތީ އެހެންތޯ އަމިއްލަނަފްސަށް ކޮންމެ މީހަކުވެސް ސުވާލުކުރާނެއެވެ. މިކޮވިޑް ދުވަސަވަރުގައި ރައްޔަތުންގެ ވެރިކަން ރައްޔަތުންނަށް ކޮށްދެވިފައިވާގޮތުން މިއީ ކިހާވަރެއްގެ ރައްޔަތުންގެ ވެރިކަމެއްކަން އަދި ކޮންބަޔަކަށް ކޮށްދެވޭ ކޮންކަހަލަ ވެރިކަމެއްކަން އެނގި ގައިމުވެއްޖެއެވެ.

އަޅުގަނޑުގެ ދުޢާއަކީ ދިވެހިންގެ ވެރިކަން ދިވެހިންނަށް ލިބުމެވެ. އަޅާކިޔުން އިސްތިރިއަކަށް ބަދަލުވެގެންނަމަވެސް މި ބައި ލައްކަ އައްވުރެ މަދު މީހުންކޮޅު އަޅުވެތި ވެރިކަމުން ސަލާމަތްވެ ގައުމެއްގެ ގޮތުގައި އޮތުމެވެ.

 

Loading

7 Responses

  1. ބަހުގެ ގޮތުން އަޅާކިޔުމަކީ އެކަތި އަނެކެތީގެ ތަފާތު ހާމަކޮށް ދިނުމުގެ ގޮތުން ބުނެއުޅޭ ބަހެއް. އަޅުވާ ކިޔުމަކީ އެއްޗަކާ ނުވަތަ މީހަކާ އެހެން މީހަކާ (ހިތާވުން) ދެޖިންސުގެ ދެމީހުންގެ މެދުގައި ގުޅުމެއް އުފެދި އާލާވުމަށް ބުނެއުޅޭ ބަހެކެވެ. އަޅާކިޔުމާ އަޅުވާ ކިޔުމަކީ ތަފާތު ދެމާނައެއްގައި ބުނެއުޅޭ ތަފާތު ދެބަހެވެ. އޮޅުވައި ނުލައްވާ! ބަސް ނޭގޭނަމަ އުނގެނި ވަޑައިގަންނަވާ!

    1. ތިބާއަށް ވަގުތުވާނަމަ އީމޭ ދެއްވާށެވެ. އަޅުގަނޑު ބޭނުން ދިވެހި ބަސް ކިޔަވާލަން ތިބާގެ އަރިހުން. ޝުކުރިއްޔާ!

  2. އަޅާ ކިޔުމާއި، އަޅުވާ ކިޔުމަކީ މުޅިން ތަފާތު ދެކަމެއް. ދައްކަން ތި އުޅެނީ، އަޅުވާކިޔުމުގެ ވާހަކަ ހެން ބޮޑަށް ހީވަނީ.

  3. ހަމައެކަނި ވެރިކަމުގެ ނަމެއްވެސް ނޫނެވެ. މިހާރަކަށްއައިސް ރައްޔިތުންގެ މަޖިލީހަކީވެސް މިއީ މިވެނި ޕާރޓީ އެއްގެ މަޖިލީހެކޭ އަހަންނަކީ މިވެނި ޕާރޓީއެއްގެ އިއްޒަތްތެރި މެމްބަރެކޭ މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ މިވެނި ޕާރޓީއަކަށޭ ބުނުން އެއޮތީ ޢަންމުވެފައެވެ. އަދި އެވަރަކުންވެސް ނުފުދެއެވެ. ކައުންސިލްތައްވެސް ނިސްބަތްކުރަނީ ކޮންމެވެސް ޕާރޓީ އަކަށެވެ. އެކަމަކު މުސާރައާއި އިނާޔަތްތައް ލިބެނީ ރައްޔިތުންގެ ޚަޒާނާއިންނެވެ. ބުއްދި ފިލައިދަނީ ހަމައެކަނި މަސްތުވެގެންނެއް ނޫނެވެ.

  4. ދިވެހިބަހުގައި ބޭނުންކުރެވޭ ބައެއްބަސްތައް ރާއްޖޭގެ އެކިހިސާބުގައި ބޭނުންކުރާއިރު ފޮތުގައި އޮންނަގޮތާ ތަފާތު ހުރެއެވެ. އަޅުގަނޑު އުޅެބޮޑުވި ހިސާބުގައި އަޅާކިއުން ދެމީހަކު ތަތްކުރުމަށް ނިސްބަތްކުރެއެވެ. ކޮންމެގޮތެއްގައިވެސް އަޅުގަނޑުގެ މަގްސަދު ޙާސިލުވެއްޖެއެވެ. ފާޑުކިއުއްވި ބޭފުޅުންނަށްވެސް އަޅުގަނޑު ބުނަންއުޅުނުއެތި އެގުނީމައެވެ. އަޅުގަނޑަށް އެ ބަހުގެ ރަނގަޅުގޮތް އޮޅުންފިލުވާދެއްވި ހުރިހާބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް