ކޮރޯނާ ވައިރަހުން ދިފާއުވާން ވެކްސިން ހޯދަން ސާކުގެ ގައުމުތަކުން ޗައިނާއާ ގުޅެނީ

Loading

Facebook
Twitter
WhatsApp

ސްރީލަންކާއާއި ބަނގްލާދޭޝް ފަދަ ދެކުނު އޭޝިއާގެ ގައުމުތަކުން، ކޮރޯނާ ވައިރަހުން ރައްކައުތެރިވާން ޖަހާ ވެކްސިން ހޯދަން، ޗައިނާގެ ފަހަތުގައި ސަފު ހަދަން ފަށައިފިއެވެ. ބޭނުމަކީ ކޮންމެ ގައުމަކަށް ވެސް ގިނަ އަދަދަކަށް ބޭނުންވެފައިވާ ވެކްސިން ފުރިހަމަ ޔަގީންކަމާއެކު، މިލިއަނުން މިލިއަނުން ވެކްސިން އުފައްދަމުންދާ، ޗައިނާއިން އިތުބާރު ހުރި ގޮތެއްގައި ހޯދުމެވެ.

ސިޔާސީ ކަންތައްތައް ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި ވެކްސިން ހޯދަން އިންޑިއާ ކަނޑުގެ ގައުމުތަކުން ޗައިނާކޮޅަށް ޖެހުމަކީ، އިންޑިއާކަނޑުގައި ބާރާއި ނުފޫޒު ފެތުރުމަށް ޗައިނާއަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

ރާއްޖެއާ އެކުވެރި އިންޑިއާއަށް މިވަގުތު ދިމާވެފައިވާ ދަތި ހާލާމެދު ހިތާމަކުރަން ޖެހެއެވެ. އިންޑިއާގެ މައި ސަރުކާރުން އުޅެނީ ވެރިރަށް ދިއްލީގެ ރައްޔިތުންނަށް ބޭނުންވާ ވެކްސިނާއި ބޭސްވެރިކަމާ ގުޅޭ އެހީތެރިކަން ވެސް ފޯރުކޮށް ނުދެވިގެންނެވެ.

ކޮވިޝީލްޑް ވެކްސިން އިންޑިއާއިން ފުރަތަމަ އުފައްދަންފެށި ދުވަސްވަރު ވަރަށް ފަޚުރުވެރިކަމާއެކު އަވަށްޓެރި ގައުމުތަކަށް ”ވެކްސިން ޑިޕްލޮމަސީ“ގެ ދަށުން އިންޑިއާއިން ކޮވިޝީލް ބަހައި އަޑުގަދަކޮށް ހެދިކަމަށް ވިޔަސް، ގައުމުގެ ނިކަމެތި ފަގީރުންނަށް ބޭނުން ވެފައިވާ ވެކްސިން އުފެއްދުމުގައި ވެސް އިންޑިއާ ވަނީ ފޭލުވެފައެވެ. އެހެންވެ ކޮންމެ ވެސް މިންވަރަކަށް އިންޑިއާއިން ވެކްސިން ހަދިޔާކުރި އިންޑިއާ މީހުންގެ ނުފޫޒުގަދަ ސީޝެލްފަދަ ގައުމުތަކުން ވެސް ވަނީ ވެކްސިން ހޯދަން ޗައިނާ ކޮޅަށް ޖެހިފައެވެ.

ޗައިނާގެ ކާމިޔާބު އުފެއްދުމެއް ކަމުގައިވާ ސައިނޯފާމް، ވެކްސިންގެ 11 ލައްކަ ޑޯޒު ޗައިނާއިން ވަނީ އެ ގައުމާ އިންތިހާއަށް ގުޅުން ބަދަހި ސްރީލަންކާއަށް ދީފައެވެ. އަދި ޗައިނާއިން ވަނީ މި މަހު ބަނގްލާދޭޝްއަށް ވެސް ފަސް ލައްކަ ޑޯޒް ވެކްސިން ހަދިޔާކޮށްފައެވެ. ހަމައެއާއެކު އަބަދުވެސް އިންޑިއާގެ ސިޔާސީ މުށުތެރޭގައި އޮންނަ ނޭޕާލަށް ވެސް 10 ލައްކަ ޑޯޒު ވެކްސިން ދިނުމަށް ޗައިނާއިން ވަނީ ވައުދު ވެފައެވެ. ޗައިނާއިން ވައުދެއް ވުމަކީ އެ ވައުދެއް ފުދުން ފަދަ ކަމެކެވެ.

ޕާކިސްތާނަށް ޗައިނާއިން ވެކްސިން ދިނުމުގެ އިތުރަށް އެ ގައުމުގައި ވެކްސިން އުފެއްދުމަށް ޗައިނާއިން ވަނީ އެހީތެރިވެދީފައެވެ. އެ އެހީގެ ދަށުން ޕާކިސްތާނުން މިހާރު ވަނީ ”ޕާކް ވެކް“ގެ ނަމުގައި ކޮރޯނާ ވައިރަހުން ދިފާއުވުމަށް ވެކްސިނެއް އުފައްދަން ފަށާފައެވެ.

އިންޑިއާއިން ގައުމުތަކަށް ބެހި ވެކްސިނަށް ފަހު، ދެވަނަ ޑޯޒުގެ އިންތިޒާރުގައި ލަސްވެފައި ތިބި ގައުމުތަކުން ހަދާނެ ގޮތް ހުސްވެގެން ރައްޔިތުންނަށް ވެކްސިން ޖެހުމަށް، ޗައިނާގެ އެހީތެރިކަން ހޯދުމަކީ ހައިރާން ވާންޖެހޭ ވަރުގެ ކަމެއްނޫނެވެ. އެހެނީ ފަޚުރުވެރި ކަމާއެކު ވެކްސިން ބަހައި ހެދި އިންޑިއާއަށް ވެކްސިން ބަހައި ނުނިމެނީސް، ކުރިމަތިވި ކޮރޯނާ ވައިރަހުގެ ނުރައްކާތެރި ރާޅުން އެގަމުގެ ވެރިން އުޅުއްވަނީ ގައުމު ސަލާމަތް ނުކުރެއްވިގެންނެވެ.

ދުނިޔޭގައި ކޮރޯނާ ވައިރަސް ފެތުރުނު ގައުމުތަކަށް ބަލާއިރު، އެންމެ ބޮޑު ނިކަމަމެތި ކަމާއި ވޭނާ ކުރިމަތިލާން ޖެހުނީ އިންޑިއާގެ ރައްޔިތުންނަށެވެ. އެފްރިކާގެ އެންމެ ފަގީރު ގައުތަކުގެ ހާލަތަށްވުރެ އިންޑިއާގެ ނިކަމެތިކަން ބޮޑުވެ ގައުމު ލަދުވެތިކަމުގެ ކަނޑަކަށް ޣަރަޤުވިއެވެ. ކަން އެހެން އޮތުމުން ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުން ބެލީ އިންޑިއާއަށް އިތުބާރުކޮށްގެން ތިބެ، އެ ގައުމުތައް އިންޑިއާއަށް ޖެހުނު ނިކަމެތި ހާލުގައި ނުޖެހެނީސް، އަވަހަށް ޗައިނާގެ އެހީތެރިކަން ހޯދައި ރައްޔިތުން ސަލާމަތް ކުރުމަށެވެ.

ދެކުނު އޭޝިއާގެ ކަންތައް ދިރާސާ ކުރާ ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި ޗައިނާގެ ސިޔާސަތާއި އެހީ ދުނިޔެއަށް ފެތުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ކުރަން، ކޮރޯނާ ވައިރަސްގެ އެންމެ ހިތްދަތި ދުވަސްވަރުގައިވެސް ޗައިނާއަށް ވަނީ މަތިވެރި ފުރުސަތެއް ލިބިފައެވެ. އެކަން ފަހިވީ ޗައިނާގެ ހިންގުންތެރިކަމާއި ރޭވުންތެރިކަމާއި ތަނަވަސްކަމުގެ ސަބަބުންނެވެ.

ޗައިނާގެ ވެކްސިން ފުރަތަމަ އުފެއްދި ދުވަސްވަރު ދުނިޔޭގެ ބައެއް ގައުމުތަކުން އެ ވެކްސިންއާ މެދު ބަލަމުން އައީ ޝައްކުގެ ނަޒަރަކުންނެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެ ވެކްސިނަށް އިތުބާރު ކުރުމުގެ އިތުރަށް ދިރާސާތަކުން ޗައިނާގެ ސައިނޯފާމްއަކީ ކޮރޯނާ ވައިރަހުން ދިފާއުވުމަށް ބޭނުންކުރަން ވަރުގަދަ ހަތިޔާރެއްގެ ގޮތުގައި ދައްކަން ފެށުމުން އެ ވެކްސިންއަށް މުޅި ދުނިޔެ ވަނީ ދަހިވެތިވެފައެވެ.

ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ޗައިނާގެ ކުރިއެރުން އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް ދެން ނުހުއްޓުވޭނެއެވެ. ޗައިނާގެ ވެކްސިން ވެސް ނުހުއްޓުވޭނެއެވެ. ޗައިނާގެ ޑިޕްލޮމެސީއެއްވެސް ނުހުއްޓުވޭނެއެވެ. ޗައިނާގެ ބެލްޓް އެންޑް ރޯޑުވެސް ނުހުއްޓުވޭނެއެވެ.

ދިއްލީގައި ހިންގާ އޯވަސީޒް ރިސާޗް ފައުންޑޭޝަންގެ ހަރްޝަން ޕަންތު ބުނިގޮތުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިންޑިއާގެ ވެކްސިން ޕްރޮގްރާމް ހަރުދަނާ ނުކުރެވިއްޖެނަމަ ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުގައި ޗައިނާ މުހިއްމު ކުޅުންތެރިއެއްގެ ދަރަޖަ ހޯދާނެއެވެ.

ހަގީގަތަށް ބަލާއިރު، ބަނގްލާދޭޝްއާއި ސްރީލަންކާ ފަދަ ގައުމުތައް ޒަމާނީ ތަރައްގީއާއި އިގުތިސާދީ ކުރިއެރުމުގެ ތެރެއަށް ގެންދިއުމުގައި މުހިންމު ބައިވެރިއެއްގެ ވާޖިބު ޗައިނާއިން މިހާރުވެސް ދަނީ މޮޅަށް އަދާކުރަމުންނެވެ.

ސްރީލަންކާގެ ސިޔާސީ ތަޖުރިބާރުން ގަބޫލުކުރާ ގޮތުގައި ޗައިނާގެ ބާރާއި ނުފޫޒު ކުރީއްސުރެ އިންތިހާހަށް ސްރީލަންކާގެ މައްޗަށް ފެތުރިފައިވަނިކޮށް ކޮރޯނާ ވެކްސިންގެ އެހީން ކުރިއަށްވުރެ ބާރަށް ޗައިނާއިން ވަނީ ލަންކާ ސިޔާސީ ގޮތުން ބަނދެލާފައެވެ.

އިންޑިއާއަކީ ”ދުނިޔޭގެ ފާމަސީ“ކަމަށް ބޮޑު ވަޒީރު މޯދީ އަޑަށް ބާރުލައްވާފައި ވިދާޅުވިޔަސް ޗައިނާއިން ގެންދަނީ މުޅިދުނިޔެއިން އެންމެ ގިނައިން ވެކްސިން އުފައްދާ ގައުމުގެ ޝަރަފު ހޯދަމުންނެވެ. ޗައިނާއިން ދަނީ އޭޝިއާއާއި އެފުރިކާއާއި ލެޓިން އެމެރިކާ ބައްރުގެ އިތުރަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ޗައިނާގެ ވެކްސިން ފޯރުކޮށްދީ ދުނިޔެއިން ކޮރޯނާ ވައިރަސް ނައްތާލުމަށް އެހީތެރިވަމުންނެވެ.

ރާއްޖެއާ އެކުވެރި އިންޑިއާއަށް މިވަގުތު ދިމާވެފައިވާ ދަތި ހާލާމެދު ހިތާމަކުރަން ޖެހެއެވެ. އިންޑިއާގެ މައި ސަރުކާރުން އުޅެނީ ވެރިރަށް ދިއްލީގެ ރައްޔިތުންނަށް ބޭނުންވާ ވެކްސިނާއި ބޭސްވެރިކަމާ ގުޅޭ އެހީތެރިކަން ވެސް ފޯރުކޮށް ނުދެވިގެންނެވެ. ކަން އެހެން އޮތްއިރު ސާކްގެ ގައުމުތަކުން ޗައިނާގެ ހިޔާވަހިކަމުގެ ދަށަށް ދިއުމަކީ ހައިރާން ވާންޖެހޭ ވަރުގެ ކަމެއްނޫނެވެ. އަދި އިންޑިއާގެ އެހީތެރިކަމެއްގެ އިންތިޒާރުގައި ވަގުތުތައް ގުނަން ތިބުމަކީ ވަރަށް މޮޔަކަމެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް