އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ގާއިމް ކުރަން އުޅޭތީ ދުންޔާ ކަންބޮޑުވުން ފާޅުކޮށްފި

Loading

Facebook
Twitter
WhatsApp

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރުމަށް އިންޑިއާއިން ނިންމުމާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ދުންޔާ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ރާއްޖޭގައި ގައުމެއްގެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރާނަމަ އެކަން ހާމަކުރަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރުން ރައްޔިތުންނާ ހިއްސާކުރުމުގެ ކުރީން އިންޑިއާއިން އެފަދަ މައުލޫމާތެއް އާންމު ކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ދުންޔާ ވިދާޅުވިއެވެ.
އިންޑިއާގެ ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަނެއް ހުންނައިރު އެގައުމުގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް ހުރެއެވެ.

ދުންޔާ ވިދާޅުވީ ޑްރިވެންޑްރަމްގައި ދިވެހި ކޮންސިއުލޭޓް އޮފީހެއް ހުރީ އެ ތަނުގައި އެތައް ހާސް ދިވެހިން ތިބެ އެތައް ހިދުމަތެއް ހޯދަން ޖެހޭތީ ކަމަށާ ނަމަވެސް އައްޑޫގައި އެފަދަ ހާލަތެއް ނެތް ކަމަށެވެ. އެކަމަނާ ވިދާޅުވީ އައްޑޫ ސިޓީއަށް ތަރައްގީ އާއި ކުރިއެރުން އައުމަކީ އެ ކަމަނާވެސް އެދިވަޑައިގަންނަވާ ކަމެއް ކަމަށާ ނަމަވެސް އެ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އެޅުމުގެ މުހިންމުކަން ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

”އުތުރުތިލަފަޅުގެ އެގްރީމަންޓެއްގެ ޑްރާފްޓް ވަރަށް ގިނަ ދިވެހި ރައްޔިތުންނަށް މިހާރު ވަނީ ފެނިފައި. އަދި އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ބޭސްކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާކަމީ ވަރަށް ގިނަ ދިވެހިރައްޔިތުން ކަންބޮޑުވާ ކަމެއް. އެހެންވީމަ މިދަނޑިވަޅުގައި ކޮންސިއުލޭޓެއް މި ހުޅުވަނީ ކޮން ބޭނުމެއްގައިތޯ ސުވާލުކޮށްލަން ޖެހޭ،“ ދުންޔާ ވިދާޅުވިއެވެ.

 

އިންޑިއާގެ ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވަނީ މިއަހަރު ނިމުމުގެ ކުރިން އައްޑޫގައި ކޮންސިއުލޭޓް ގާއިމުކުރުމަށެވެ. ކެބިނެޓްގެ އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.

އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި އެޅުމަށް  ނިންމުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.  މިކަމާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އަދި ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އިންޑިއާއިން ކޮންސިއުލޭޓް އޮފީސްތަކާއި ރާއްޖެއަށް އަތްގަދަކުރަމުން ދަނީ ސިޔާސީ ލީޑަރުންގެ ދޫތައް ބައްނދުކުރުމަށް ފަހުކަމަށެވެ.

މި މައްސަލަ އާ ގުޅިގެން އައްޑުއަށް ނިސްބަތްވާ މަޝްހޫރު ޕއރޮފެސަރު ހުސައިން އުގައިލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގައި އެހެން ގައުމެއްގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ކުރިން އެއީ އަތޮޅުގެ ތަރައްގީއާއި ކިހާ ގާތްގުޅުމެއް އޮތްކަމެއް ތޯ އެނގެން ޖެހޭކަމަށެވެ.

” އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ގަބޫލު ކުރެވޭވަރަށް ވިޔަފާރީގެ ކުރިއެރުން އަމަލީ ގޮތުން މިހާރު ފެންނަން ޖެހޭ. އެހެންނޫންނަމަ، ކަންތައްތައް ކުރުމުގައި އިސްފަސް ވުމުގެ ޖާގަ އެބައޮތް. އަދި މިވަގުތު ކޮންސިއުލޭޓެއް ގާއިމު ކުރުމުގައި އަތޮޅުގެ ވެރިންނާއި ސަރުކާރު މަޝްއޫލުވުމުގެ ސަބަބުން އަތޮޅުގެ ހަގީގީ ތަރައްގީއަށް ބުރޫއަރާ ގޮތްވުން ވެސް އެކަށީގެންވޭ“ އުގައިލްގެ ޕޯސްޓްގައި ވެއެވެ.

.ކޮވިޑާ ގުޅިގެން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކާ ގުޅިގެން ރައީސް މުހައްމަދު ސާލިހް ވިދާޅުވީ އައްޑޫގައި ކޮންސިއުލޭޓެއް ހެދުމަށް އިންޑިއާ ސަރުކާރުން އަދި މިހާތަނަށް ދިވެހި ސަރުކާރާ އެކު މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.

ރައީސް ވަނީ އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހެދުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އަދި މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.

މަކަމާގުޅިގެން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގެ ކެބިނެޓުން އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް ނިންމީ އިންޑިއާގެ ސަރުކާރުން ގެންގުޅޭ ”ނެއިބަހުޑް ފަސްޓް ޕޮލިސީ“ އާއި ”ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން“ގެ އަމާޒުގައި ރާއްޖެ އަކީ މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ވުމުން ކަމަށެވެ.

އިންޑިއާ އިން ބުނާގޮތުން އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް ބޭނުންވި ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ފަށާނީ އެ މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ހުއްދަ ދިނުމުންނެވެ.

 

Loading

One Response

  1. މި ދިވެހި ސަކާރުން ހުއްދަ ލިބި ހެޕީ އަވާރސްގައި ދެކެވި އެއްބަސްވެވޭ ކަންތައްތައް އެކުރަމުން ގެންދަނީ. ދޮގެއް ހެދެން ނެތިގެން ނޫނީ ތެދެއް އެޖެންޑާ19 އަކުން ނަހަދާނެ. ހަމަ ތެދެކެވެ. ދިވެހިންނަށް މި ކޮވިޑް19 ކަހަލަ ފަނާކުރަނިވި އެއްޗެއް މި އެޖެންޑާ19 އަކީ: ވެކްސިނެއްވެސް ނެތް. ވެކްސިން ޖަހައިފިއްޔަ ވޭރިއެންޓް ބަދަލުކޮށްގެން އެޓޭކް ވަރުގަދަ އެބަކުރޭ. ސަލާމަތެއް ނެތެެވެ. ދުޢާ ކުރޭ މިޙާލަތް ބަލަދުކޮށްދެއްވާތޯ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް