ގާޒީ ބާރީ މާލީ ބަޔާނަށް މަކަރުހެދި ކަމުގެ ތުހުމަތުކޮށްފި

Loading

Facebook
Twitter
WhatsApp

ޖުވެނައިލް ކޯޓުގެ ގާޒީ، އަބްދުލް ބާރީ ޔޫސުފް، މާލީ ބަޔާނަށް މަކަރު ހެދި މައްސަލައެއް ބަލަން ނިންމައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގާޒީ ބާރީ، ވިޔަފާރި ކުރުމުގައި އަމަލީގޮތުން ބައިވެރިވުމާއި، އެ ވިޔަފާރިން މަންފާލިބި، އެކަން މާލީ ބަޔާނުގައި ހާމަކޮށްފައި ނުވާކަމުގެ މައްސަލަ އެއް ތަހުގީގު ކުރުމަށް މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތުވާ ފަނޑިޔާރުންގެ ތެރޭގައި ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ހިމެނޭތީ، އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށް އޭނާ ފަނޑިޔާރުކަމުން ވަގުތީގޮތުން ދުރުކުރަން ވެސް ޖޭއެސްސީ އިން މީގެ ކުރިން ނިންމިއެވެ.

ގާޒީ ބާރީ އަކީ ގިނަ އަހަރުތަކެއް ވަންދެން ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރައްވާފައިވާ ގާޒީއެކެވެ. ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނަވަނިކޮށް، ޖުލައި 2017 ވަނަ އަހަރު އެވެ.

ޖޭއެސްސީން އޭރު ބުނީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރީ ސުޕްރީމް ކޯޓުން އެ ކޮމިޝަނުގައި އެދިގެން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް