މާދަމައިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް)ގެ ކަސްޓަމާ ސާވިސް ސެންޓަރު މެދުވެރިކޮށް ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ނިންމައިފި އެވެ.
ބީއެމްއެލް އިން ބުނީ މާދަމައިން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމަޔަށް އެ ސެންޓަރު ހުޅުވާނެ ކަމަށެވެ.
ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ހިދުމަތް ދޭނީ ކިއުބީ މެދުވެރިކޮށް ދޫކުރާ އޮންލައިން ޓޯކަން އަށް ވަކި އަދަދެއްގެ ކަސްޓަަމަރުންނަށެވެ.
ބީއެމްއެލް އިން ބުނީ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިން ޓޯކަން އާއެކު ޕޮލިސް ޕާމިޓް އޮންނަ ކަސްޓަމަރުންނަށް ކަމަށެވެ.
ކާޑު ނެގުމަށް ދާ މީހުން ކޮވިޑްން ރައްކާތެކިވުމުގެ ފިޔަވަޅުތައް އެޅުމަށް ބޭންކުން އެދެއެވެ. އެގޮތުން .ކާޑު ނެގުމަށް ކަސްޓަމާ ސާވިސް ސެންޓަރަށް ދާއިރު، މާސްކު އަޅައި ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުމަަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އަމިއްލަ ގަލަން ގެންދިއުމަށާއި، ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ބޭންކުން ބުނީ އުމުރުން ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ކަސްޓަމަރުން ކާޑު ނެގުމަށް ބޭންކަށް ދާން ނުޖެހޭނެ ކަމަށާއި އެފަދަ ކަސްޓަމަރުން ބޭންކަށް ގުޅުމަށް ބޭންކުން ވަނީ އެދިފަ އެވެ