ކޮވިޑް ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަންފަށައިފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނަ ބަލިމީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މެޑިކަލް ފެސިލިޓީގައި އޮތް މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމު ވެފައެވެ.

ވީޑިއޯއަކުން ފެންނަނީ ބަލި މީހާކައިރީ ހުރި ޒުވާން ފިރިހެނަކު ބަލި މީހާއާ ދިމާއަށް ނުރުހިފަ ބަސްތަކެއް ބުނުމަށްފަހު ބަލިމީހާގެ މޫނުމަތީގައި ޖަހިތަނެވެ. އަދި ޖެހުމާ އެކު ބަލި މީހާ ބާރަށް ރޯ އަޑުވެސް ވީޑިއޯ އިން އިވެ އެވެ.

މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް މުހައްމަދު މިރޭ ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހަކަށް އަނިޔާކޮށްފައިވަނީ އާއިލާގެ ފަރާތުން ހަމަޖައްސާފައި ހުރި މީހެއް ކަމަށެވެ. އެއީ ބިދޭސީ އެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ހާދިސާގެ މައުލޫމާތު އާއިލާއަށް މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އަނިޔާ ކުރި މީހާގެ މައްސަލަ ބަލަމުންދާ ކަމަށެވެ. މިވަގުތު ބަލި މީހާ ކަންކަން ބަލަހައްޓަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ސިއްހީ އެހީތެރިން ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މެޑިކަލް ޓީމުން އެ ބަލިމީހާގެ ކަންކަން މިހާރު ބަލަމުންދާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މި މައްސަލަ އާ ގުޅިގެން ރޭ ފުލުހުން ބުނީ ހުޅުމާލޭ މެޑިކަން ފެސިލިޓީގައި އޮތް ދިވެހި ބަލިމީހަކަށް އެމީހާގެ ޢާއިލާގެ ފަރާތުން ހަމަޖައްސާފައި ހުރި އެހީތެރިޔަކު އަނިޔާކުރި މައްސަލައެއް އެ މެޑިކަލް ފެސިލިޓީން ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

މިމައްސަލަ ހުށަހެޅުމާއެކު، މައްސަލައިގެ ތުހުމަތުގައި އުމުރުން 31 އަހަރުގެ ބަންގަލަދޭޝް ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީއަކީ އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން ހިންގަމުންދާ ތަނެކެވެ. މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފެސިލިޓީގައި ބިދޭސީ މީހާ ހިންގި އަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް