މާލޭގެ މަގުމަތިން އަންހެނަކު ގަދަކަމުން ގެންގޮސް ގޯޅިގަޑެއްގެ ތެރެއަށް ވެއްދި މައްސަލައިގައި ތުހުމަތުވާ ދެ މީހުންގެ މަށްޗަށް ދައުވާކޮށްފި އެވެ.
އެ ދެ މީހުން ހައްޔަރުކުރީ މަގުމަތިން ހިނގާފައި ދިޔަ އަންހެނަކު ހުއްޓުވައި، އޭނާގެ ނުރުހުމުގައި ގަދަކަމުން ކޮޓަރިއަކަށް ވައްދާ ރޭޕް ކުރަން އުޅުމުގެ ތުހުމަތުގައި މިދިޔަ އޭފްރީލް 16 ވަނަދުވަހުގައެވެ.
މާފަންނު އީދު މިސްކިތް ކައިރީ ހިނގި މިހާދިސާއާއި ގުޅިގެން ދައުވާކުރަނީ ހދ. ވައިކަރަދޫ މިލާފަރު، އަލީ ރަޝީދު 23، އާއި ހދ. ނޭކުރަންދޫ ވިނަރެސް އާދަމް ވިޝާން 18، ގެ މައްޗަށެވެ. މި ދެމީހުންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވީ މިމަހުގެ 25 ވަނަދުވައެވެ.
މި ދެމީހުންގެ މައްޗަށް އުފުލާފައިވަނީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހެއްޓުމުގެ ކުށުގެ ދައުވާއާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. މި ދެމީހުންގެ މައްޗަށް ޝަރުތުތައް ކަނޑައެޅުމަށްފަހު މި ދެމީހުން ބަންދުން ދޫކޮށްލީ މިމަހުގެ 19 ވަނަދުވަހުއެވެ.
ފުލުހުން ބުނީ މި ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑްތައް އޮންނަ ދެ މީހުންކަމަށެވެ.
އަންހެނަކު ގަދަކަމުން ގޯޅިއަށް ވައްދާ މަންޒަރު ފެންނަ ވީޑިއޯ އެއްވެސް ވަނީ އާއްމުވެފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ދެ މީހަކުވެގެން އެ އަންހެމީހާ ގަދަކަމުން މަގުމަތިން ގެންގޮސް ގޯޅިގަނޑަކަށް ވައްދައެވެ. ގޯޅި ގަނޑަށް އޭނާ ވައްދަން އުޅުމުގެ ތެރޭގައި ކައިރީގައި މަޑުކޮށްގެންތިބި ބައެއްގެ ފައިކައިރިއަށް އެ އަންހެމީހާ ވެއްޓެއެވެ. ނަމަވެސް މަޑުކޮށްގެންތިބި ދެ މީހުން އެ އަންހެންމީހާ އަށް އެހީވުމުގެ ބަދަލުގައި ބަލަންތިބީއެވެ.
އެ އަންމީހާ އަށް އެހީވީ އެވަގުތު ނަމާދުން ފަައިބައިގެން ދިޔަ މީހުން އޭނަގެ ހަޅޭކުގެ އަޑަށް އޭނާ ވެއްދި ގެއަށް ވަދެގެން ކަމުގައި ވެއެވެ.