ކޯވިޑް މެނޭޖްކުރުގައި ސަރުކާރު ފޭލުވެއްޖެ؟ ރައީސް ވިދާޅުވީ ފޭލުވެފައި އޮތްކަމަށް ގަބޫލު ނުކުރައްވާކަމަށް

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 މެނޭޖު ކުރުމުގައި ސަރުކާރު ފޭލުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމު ވިދާޅުވާތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ.

ހަމަ އެ ވާހަކަ، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރުގެ އިތުރަށް އެހެން ބައެއް ބޭފުޅުން ވެސް ރައްޔިތުންގެ މަޖިލީހުގައި ދިވެހި ރައްޔިތުންގެ ހައްގުގައި އެތައް ފަހަރަކު ތަކުރާރު ކުރައްވާފައި ވެއެވެ.

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުއާލެއްގެ ޖަވާބުގައި ވާހަކަފުޅު ދައްކަވަމުން ރޭ ވިދާޅުވީ، ކޮވިޑް މެނޭޖު ކުރުމުގައި ފޭލުވެފައި އޮތްކަމަކަށް އެމަނިކުފާނު އަދިވެސް ގަބޫލެއް ނުކުރައްވާކަމަށެވެ.

”ކޮވިޑް މެނޭޖު ކުރުމުގައި ފޭލުވެފައި އޮތްކަމަކަށް އަޅުގަނޑު އަދިވެސް ގަބޫލެއް ނުކުރަން.“ ރައީސް ކަނޑައެޅިގެން މުޠުލަޤަށް ވިދާޅުވިއެވެ. ”އަޅުގަނޑުމެން ވަރަށް ރަނގަޅަށް މެނޭޖު ކުރަމުން މިއައީ.“

ދެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ހަގީގަތާ ވަރަށް ގުޅޭ ވާހަކަ އެކެވެ.

”މިހާރު މިއޮތީ ކުޑަ ދަތިކަމެއްގެ ތެރޭގައި. އަޅުގަނޑުވެސް ގަބޫލުކުރަން އަޅުގަނޑުމެންނަށް މިހެން މިކަން ކުރިއަށްދާކަމަށްޏާ، އިތުރުފިޔަވަޅުތަކެއް ނާޅާ ދާކަމަށްވަންޏާ އަދިވެސް ދަތި އުދަގޫތަކާ ކުރިމަތިވާނެ. އެހެންވެގެން އަޅުގަނޑުމެން މާދަމައިން ފެށިގެން (ބުދަދުވަހުން ފެށިގެން) އަނެއްކާވެސް އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފެށީ. އެޔާ އެކީގައި ރަނގަޅު ވާނެކަމަށް އަޅުގަނޑުމެން މި ގަބޫލުކުރަނީ.“

ބުދަދުވަހުން ފެށިގެން މިވަނީ ލޮކްޑައުނެކޭ ނުކިޔައި ފުރަބަންދެއްގައެވެ. ރައްޔިތުންނާއި ގައުމުގެ ހައްގުގައި މިފަދަ ”އިތުރު ހަރުކަށި“ ފިޔަވަޅުތަކަށް ރައްޔިތުން ކެތްތެރިވާންވާނެއެވެ.

”މީގެ ކުރީން ވެސް އަޅުގަނޑުމެން ލޮކްޑައުން ކުރިން އެހެންނަމަވެސް އޭރު ލުއިތަކެއް ދޭންޖެހުނީ ލޮކްޑައުން އަކަށް ދިޔައިމާ އެލިބޭ ދަތިތަކާއި އުނދަގޫ ރައްޔިތުން ތަހައްމަލުކުރަންޖެހޭ ދަތިތައް އެއީއަކީ އެހާ ފަސޭހަކަމަކަށް އަޅުގަނޑުމެންނަކަށް ނުވޭ.“ ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިގޮތުގައި އެޕްރީލްމަހުގެ ކުރީކޮޅު އަޅުގަނޑުމެންނަށް ދެވުނު ލުއިތައް އެއީ އެންމެ ރަނގަޅު ގޮތުގައި ކުރެވުނު ކަމެއްކަމަކަށް އެމަނިކުފާނު ގަބޫލެއް ނުކުރައްވާކަމަށެވެ.

”އެޒިންމާ ކޮންމެހެން ވަކި ބައެއްގެ ބޮލުގައި އަޅުވާކަށް ނެތިން. އެހެން ނަމަވެސް އެކަން ރަނގަޅުކުރަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ.“ ރައީސް ވިދާޅުވިއެވެ. ”އިރާދަ ކުރެއްވިއްޔާ ޑޮކްޓަރުންގެ ޓީމާ ހެލްތު މިނިސްޓްރީގެ ޓީމާ އެކީގައި މިކަން ހައްލު ކުރެވޭނެމަށް އަޅުގަނޑު މިބަލަނީ. މިގޮތަށް އަޅުގަނޑުމެންނަށް ހިފެހެއްޓިއްޖެކަމަށް ވަންޏާ ދަށަށްދާތަން ފެނިގެންދާނެ.“

ކޮވިޑް-19 ބަލިމަޑުކަމުގައި ނިޔާވާ މީހުންގެ ތެރެއިން ގިނަ ބަޔަކު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ނިޔާވާތީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދިނުމަށް ހުރި ދަތިތައް ބަލައި އެކަން ހައްލު ކުރުމަށް ސަރުކާރަށް ގޮވާލައި މަޖިލީހަށް މިއަދު ހުށަހެޅުއްވި، މައްސަލާގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވީ ފެސިލިޓީތަކުން އެކަށީގެންވާ ޚިދުމަތް ނުލިބޭކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ކޮވިޑު މެނޭޖު ކުރުމުގައި ސަރުކާރު ނުކުޅެދިފައިކަމަށާއި، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްނުދެވި ސަރުކާރާއި ވެރިން ފޭލު ވެފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ޝިޔާމުގެ އިތުރަށް ވެސް މަޖިލީހުގެ އެތައް ބޭފުޅަކު ވަނީ އެބޭފުޅުންގެ ދާއިރާގެ ރަށްރަށުގައި ކޮވިޑަށް ފަރުވާ ދެވޭ ގޮތާމެދު ހިތްޕުޅާ ނުވެގެން މަޖިލީހުގައި އެތައް ފަހަރަކު ވާހަކަފުޅު ދައްކަވާފައެވެ.

ޝިޔާމް މިއަދު ވިދާޅުވީ ސަރުކާރަށް ބިލިޔަނުން ހިލޭ އެހީގައި ފައިސާ ލިބިފައިވާއިރުވެސް ކޮވިޑްގެ ކަންކަން ހައްލު ކުރުމަށް ސަރުކާރަށް ކުރެވުނު އެއްވެސް ކަމެއް ނުފެންނަކަމަށެވެ.

ނައިފަރުގެ ހާލަތާ ބެހޭ ގޮތުން ޝިޔާމް ވިދާޅުވީ، ދެ މަސް ދުވަސް މޮނިޓަރިންގައި ނައިފަރު އޮތްއިރު، ސަރުކާރުގެ އިހުމާލު އިންތިހާއަށް ބޮޑު ކަމަށެވެ. ރަށުގައި އެކަށީގެންވާ ފަރުވާ ނުދެވޭކަމަށާއި ފަރުވާދޭނޭ ވަސީލަތްތައް ނެތްކަމަށާއި ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ރައްޔިތުންނަށް ކުރިމަތިވެފައި ވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް ކޮންޓްރޯލު ކުރުމުގައި ސަރުކާރު ފޭލުވެ ވެރިންނަށް ޒިއްމާ އަދާނުކުރެވޭ ކަމަށް ވިދާޅުވެ ޝިޔާމު ދެއްކެވި ވާހަކަފުޅުގައި މި ހާލަތު ކޮންޓްރޯލް ކުރުމަށް ސިފައިންނާ ހަވާލުކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

މާލެ ސަރަހައްދާއި ނައިފަރުގެ އިތުރަށް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކޮވިޑު ފެތުރި ކޮންޓްރޯލު ކުރުމަށް ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ބަލި ކޮންޓްރޯލު ނުވެ ދުވާލެއްގެ މައްޗަށް ހާހަކަށްވުރެ ގިނަ މީހުން ބައްޔަށް ފައްސިވަމުންދާއިރު ރަނގަޅު ފަރުވާ ނުލިބިގެން މަރުވާ އަދަދާމެދު މުޅި ގައުމުގައި ވަނީ ބޮޑު ބިރުވެރިކަމެއް ފެތުރިފައެވެ.

 

Loading

One Response

  1. ކޮން ޚިޔާލެއް? ނޫހެއްގެ ލިޔުމަކުން މިފެންނަނީ ސަރުކާރުން ނެރުއްވި ވަޒީރުންގެ ލިސްޓުގައި ބައެއް ވަޒީރުން މަދުކަމަށް. ދެން މިވަރުގެ ލިސްޓެއް ފުރިހަމަ ނުކުރެވޭ ސަރުކާރަކަށް ކުރެވޭނެ ކަމެއް ބުނެދީ.ލަދުން ބޯހަލާކު.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް