އިސްމާއިލް ފަތުހީ ކޮވިޑް ބަލީގައި އަވަހާރަވެއްޖެ

Loading

Facebook
Twitter
WhatsApp

 

ކުރީގެ އޮޑިޓާ ޖެނެރަލް އިސްމާއިލް ފަތުހީ ކޮވިޑް- 19 ބަލީގައި މިއަދު އަވަހާރަވެއްޖެ އެވެ.

އިސްމާއީލް ފަތުހީ އަވަހާރަވީ ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރާއްޖޭގެ އޮޑިޓް ދާއިރާގަ އާއި މާލީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ހިދުމަތްތަކެއް ކުރައްވާފައިވާ ފަތުހީ އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ.

ރާއްޖޭގެ އޮޑިޓް އޮފީސް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ހިންގެވުމުގެ މޭސްތިރިއަކީ ފަތުހީ އެވެ. އަދި މީގެ އިތުރުން ފަތުހީ އަކީ ރާއްޖޭގެ އެކައުންޓިން ދާއިރާއަށް ބޮޑު އިންގިލާބެއް ގެނުވި ފަރާތެވެ.

އިސްމާއިލް ފަތުހީ އަށް 2019 ވަނަ އަހަރު ވަނީ ލައިފްޓައިމް އެޗީވްމެންޓް އެވޯޑުވެސް އަރުވައިފަ އެވެ.

އިންޑިއާގެ ބޮމްބޭ ޔުނިވަސިޓީން ކޮމާސް ޑިގްރީއެއް ހާސިލް ކުރައްވުމަށް ފަހު 1969 ވަނަ އަހަރު އޮޑިޓާ ކަމުގެ މަގާމު އެމަނިކުފާނު ހަވާލުވުމަށްފަހު ހަރުދަނާ ގޮތެއްގައި އޮޑިޓް އޮފީސް ހިންގުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން  މުވައްޒަފުން ތަމްރީނު ކުރިއެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި އޮޑިޓާ ޖެނެރަލް ކަން ކުރެއްވި އިސްމާއިލް ފަތުހީ ވަނީ 1993 ނޮވެމްބަރުން ފެށިގެން 2008 ގެ ޖެނުއަރީ 16ގެ ނިޔަލަށް އެ މަގާމު އަދާކުރައްވައިފައެވެ.

އިސްމާއިލް ފަތުހީގެ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ދައުލަތުގެ ފައިސާ ބެލެހެއްޓުމުގެ ނިޒާމު ޒަމާނީ ގޮތަށް އެކުލަވާލުމާއި ރާއްޖޭގައި ބުކްކީޕިންގް ދިވެހި ބަހުން ކިޔަވައިދެއްވަން ފެއްޓެވުމުގެ އިތުރުން އަތޮޅުތަކުގައި ދައުލަތުގެ މާލީ މަސައްކަތްތައް ކުރާ ފަރާތްތައް މާލެއަށް ގެނެސް، ތަމްރީނު ދެއްވުން ހިމެނެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ގޮފި ހުޅުވިއިރު އެ ބޭންކްގައި ސަރުކާރުގެ އޮފީސްތަކުގެ އެކައުންޓްތައް ހިންގުމުގައި ހިސާބުތައް ގެންގުޅެންވީ ގޮތް އިންތިޒާމް ކުރުމުގެ މަސައްކަތުގައި އިސްމާއީލް ފަތުހީ މުހިއްމު ދައުރެއް އަދާކުރައްވާފައިވެ އެވެ. އަދި މީގެ އިތުރުން ބީއެމްއެލް އުފެއްދުމަށްޓަކައި ބަންގްލަދޭޝްގެ ސަރުކާރާއި އަދި އެ ސަރުކާރު ހިމެނިފައިވާ ކުންފުނި، އިންޓަނޭޝަނަލް ފައިނޭންސް އިންވެސްޓްމަންޓް ކޮމްޕެނީއާ ކުރެވުނު މަޝްވަރާތަކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅަކީ ފަތުހީ އެވެ. އަދި ކަމާބެހޭ އެގްރީމަންޓް އެކުލަވައިލުމާއި، ބޭންކަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް ކުރެވުނު މަސައްކަތްތަކުގައި ވެސް ފަތުހީގެ ދައުރު ހާއްސަ ގޮތެއްގައި ފާހަގަކުރެވެ އެވެ.

46 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތްތަކެއް ކޮށްދެއްވި އިސްމާއިލް ފަތުހީއަށް 2013 ވަނަ އަހަރު ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތްވެސް ދައުލަތުން އަރުވާފައެވެ.

އިސްމާއީލް ފަތުހީ އަވަހާރަވިއިރު  އަނބިކަނބަލުން ވެސް ގެންދަވަނީ ކޮވިޑަށް ފަރުވާ ހޯއްދަވަމުންނެވެ.

ކޮވިޑުގައި އިސްމާއިލް ފަތުހީ މިއަދު އަވަހާރިވިއިރު އެ ބަލީގައި މަރުވި މީހުންގެ ޖުމްލަ ވަނީ 126 އަށް އަރައިފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް