ހަރުކަށި ފިކުރު އުފެދުނީ އެމްޑީޕީގެ ސަބަބުން ..؟

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް މައުމޫނަށް ”ގޮޅާބޯ“އޭ ގޮވައި މައުމޫނުގެ އަގުވައްޓައި، ހުރުމަތް ކަނޑާލީ ކޮން ބައެއް؟

ދީނީ ޢިލްމުވެރިންނަށް ޖޯކުޖަހައި އެމީހުންގެ އަގުވައްޓަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ކޮން ބައެއް؟

މާލޭގައި ބާއްވަން އުޅުނު ސާކް ސަމިޓާ ދިމާކޮށް ދަރުބާރުގެ ގޮއްވާލަން އުޅުނީ ކޮން ބައެއް؟

ފުލުހުންނާ ދިމާއަށް ޕެޓްރޯލު ބޮން އުކައި އަލިފާން ބޯޅަ އުކައި ހެދީ ކޮން ބަޔަކު ކުރި މުޒާހަރާތަކެއްގައި؟

ފަނޑިޔާރު ޢަބްދުލާ ގާޒީ ވަގަށް ނަގަން އުޅުނީ …؟

ރާއްޖޭގެ ރަށު ކޯޓުތަކަށް 8 ފެބުރުއަރީ 2012ގައި ޙަމަލާދީ ބައެއް ކޯޓުތަކާއި ޕޮލިސް ސްޓޭޝަންތަކާއި ފުލުހުންގެ ވެހިކަލްތަކުގައި، ހުޅުޖަހައި އަންދައި އަޅިއަށް ހެދީ ކޮންބައެއް؟

އެމްއެމްޕީއާރުސީގެ ވައްކަމުގައި އަޙުމަދު އަދީބަށް ވަގަށް ނުގޮވައި ރައީސް ޔާމީނަށް ވަގަށް ގޮވަނީ ކޮން ބައެއް؟

ރައީސް ނަޝީދު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމުން ގާނޫނީ ހަމަތަކުގެ މަތީން އިސްތިއުފާ ދެއްވުމުން، ގާނޫނީ ހަމަތަކާ އެއްގޮތަށް ނާއިބު ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުން ޑރ. ވަޙީދަށް ބާޣީއޭ، ކާޅޭ ގޮވަމުން ދިޔައީ ކޮން ބައެއް؟

ސުއާލުތައް ބަރިބަރިއަށް ހިތުތެރޭގައި ފުނިޖެހިފައި ވަނިކޮށް، ރާއްޖޭގައި ހަރުކަށި ފިކުރު އުފެދިގެން އައީ އެމްޑީޕީގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤް (ޓޮމް) ތުހުމަތު ކުރައްވައި އާދީއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވައިފިއެވެ.

ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ނުފޫޒު ގަދަ އަދި އާރުލާ ވާހަކަފުޅު ދައްކަވާ ބޭފުޅެއްކަމުގައިވާ ޓޮމްގެ ވަރުގަދަ ހަމަލާއެއް އެމްޑީޕީއަށް އަމާޒުވީ، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވުން އާންމު ވެފައިވާކަމަށް ބުނެ، އެފަދަ ފަރާތްތަކާ މެދު އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޠާރިޤު އާދީއްތަ ދުވަހު މަޖިލީހުގައި ވިދާޅުވީ، ބަޔަކު ސަރުކާރަށް ނަފުރަތު އުފައްދަން ފެށީ، ކުރީގެ ރައީސް މައުމޫންގެ ޒަޢާމަތުގައި އެމްޑީޕީ އުފެދިގެން އައުމުންކަމަށެވެ.

ޠާރިޤުގެ ވާހަކަފުޅުގައި އއ. ހިމަންދޫގައި 2006 ވަނަ އަހަރު ހިނގައިދިޔަ ކަންކަންކަމަށް ހިތްވަރު ދިނީ ކޮން ބައެއްތޯ ވެސް ސުވާލު އުފައްދަވާފައިވެއެވެ. އަދި ރާއްޖޭގައި ހަރުކަށި ފިކުރު އުފެދިގެން އައީ ކުއްލިއަކަށް ނޫން ކަމަށާއި ހަރުކަށި ފިކުރު ދިރުވައި ފުޅާ ކުރުމަށް މަސައްކަތްކުރީ އެމްޑީޕީން ކަމަށް ތުޙުމަތު ކުރެއްވިއެވެ.

”އެއްފަހަރުން ހަރުކަށި ފިކުރު އައިސްގެން މިގޮތަށް ނުދާނެކަން އަޅުގަނޑު ފާހަގަކުރަން. ދީނާ ދެކޮޅަށް އަދި ޚާއްޞަކޮށް ރަސޫލާއަށް ފުރައްސާރަކޮށް އެތައް ކަންތައްތަކެއް ކުރީމަ ދެން ހަރުކަށި ފިކުރާ ހަމައަށް މި އަންނަނީ. އެމްޑީޕީ އުފެދުނީއްސުރެ އަންނަނީ މިފަދަ ކަންކަމަށް ހިތްވަރުދެމުން“ ޠާރިޤު ވިދާޅުވިއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު އާލާވަމުންދާ ވާހަކަ އެކިއެކި ތަންތަނުގައި އެންމެ ބޮޑަށް ދައްކަމުންދަނީ އެމްޑީޕީގެ މީހުންނެވެ. ކަން އެހެން އޮތް އިރު ޠާރިޤު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކައަކީ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ފިޔަވަޅުއަޅަން އެބަޖެހެއެވެ.

ކޮންމެ ދުވަހަކު ރައްޔިތުންގެ މަޖިލީހުގައި ވަގަށް ގޮވައި ބާޣީއަށް ގޮވައި، ހަދާ ގާނޫނަކުން ގައުމުން ހަރުކަށި ފިކުރު ނައްތައެއް ނުލެވޭނެއެވެ. އަދި ތަޅާނެ ކުދި ބަޔަކު ހޯދައިގެން ވެސް ގައުމުން ހަރުކަށި ފިކުރު ނައްތައެއް ނުލެވޭނެއެވެ.

ގައުމުގައި ހަރުކަށި ފިކުރު އުފެދެން ދިމާވާ ސަބަބުތައް ބަލައި ހަލާކުގެ ތެރެއަށް ގައުމު ވެއްޓެން ދިމާވެފައިވާ މައްސަލަތައް މުލުން ލުހެ ކަނޑު ފައްތަން އެބަޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤް ތުހުމަތު ކުރައްވާ ގޮތަށް، ހަރުކަށި ފިކުރު އުފެދުނީ އެމްޑީޕީގެ ސަބަބުން ކަމަށް ވާނަމަ އެމްޑީޕީން އެކަން ހުއްޓާލަން އެބަ ޖެހެއެވެ. އަދި ދުރޫސުލް އަޚުލާޤު ފުޅާދާއިރާއެއްގައި މަދުރަސާ ތަކުގައި މާއްދާއެއްގެ ގޮތުގައި ކިޔަވަދޭން ފަށައިފިނަމަ، ކޮންމެވެސް ވަރެއްގެ ހެއުބަދަލެއް ވެސް އަތުވެދާނެއެވެ.

 

Loading

2 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް