ކުރިއެރުންތައް މެދުކެނޑުމާއި، ފާޅުގައި ހިންގަމުންދާ ކޮރަޕްޝަން ތަކާއި ތަފާތުކުރުން ތަކުގެ ސަބަބުން މެލޭޝިއަށް އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ބްރެއިން ޑްރެއިން (ހުނަރުވެރި، އަދި މަތީ ފެންވަރަށް ކިޔަވައިގެން ތިބި މީހުން ގައުމު ދޫކޮށް ދިއުން) ގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު، އެސަރަހައްދުގެ ވާދަވެރި ގައުމުތަކުން އެގައުމާ އެއްފެންވަރަށް، ނުވަތަ އެއަށް ވުރެ ބޮޑަށް ކުރިއަރަމުންދާ ކަމަށް، ފިޗް ސޮލިއުޝަންސް ކަންޓްރީ ރިސްކް އެންޑް އިންޑަސްޓްރީ ރިސާޗް އިން ވިދާޅުވެއްޖެއެވެ.
ފިޗް ސޮލިއުޝަންސް ޔުނިޓުން މިއަދު ނެރެފައިވާ ރިސަރޗް ނޯޓެއްގައި، މެދުނުކެނޑި ހިނގަމުންދާ ނަސްލީ ތަފާތުކުރުންތަކަކީ ގައުމުގެ ހުނަރުވެރިން އެހެން ގައުމުތަކަށް ހިޖުރަ ކުރަން މެދުވެރިވާ ސަބަބެއް ކަމަށް އަލިއަޅުވާލާފައިވެއެވެ.
އަދި ހަމައެހެންމެ، އެގައުމުގައި މިހާރު ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން، ރާވައިފައިވާ އަދި ވައުދު ކުރެވިފައިވާ ބަދަލުތައްވެސް ނުގެނެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ސިޔާސީ މީހުން، ޕޮޕިއުލިސްޓު ގަވާއިދުތަކަށް ބާރުއެޅުމަށް މަގުފަހި ވެއްޖެއެވެ.
”މިސާލެއްގެ ގޮތުން، އަމަލުކުރުމުގައި އެގައުމުގެ އެތްނިކް މެލޭ ޖަމާޢަތް (ބުމީޕުތްރާ)ގެ ރައްޔިތުންނަށް އިސްކަން ދިނުމުގެ ސަބަބުން، އެހެނިހެން އުފެއްދުންތެރި ރައްޔިތުން ބޭރު ގައުމު ތަކުގައި މަސައްކަތް ކުރަން ނިންމައި، ބްރެއިން ޑްރެއިނެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ.“
”ގައުމެއް ތަރައްގީވެ، ކުރިއަރައި ދިއުމަށާއި، މާލީ ގޮތުން ކުރިމަތިވާ މައްސަލަތަކާއި ބްރެއިން ޑްރެއިން ފަދަ ކަންކަމުން ސަލާމަތް ވުމަށްޓަކައި، ހުނަރަކީ ވަރަށް މުހިންމު އެއްޗެކެވެ. އަދި ހުނަރުވެރިންގެ އަގު ވަޒަން ނުކޮށްފިއްޔާ ގައުމުގެ އިގްތިސާދު ކުރިއެރުވުމަށް ލިބޭ ގިނަ ފުރުސަތުތަކެއް ބޭކާރު ވެގެން ހިނގައިދާނެއެވެ.“ ރިސަރޗް ހައުސް އިން ބުނެފައިވެއެވެ.
މިފަދަ ޕޮލިސީ ތަކާ ގުޅިގެން، މެލޭޝިޔާގެ ސަރުކާރުން ގިނަ އަހަރުތަކެއް ވަންދެން ބައެއް ޖަމާޢައްތަކުގެ މީހުންނާ މެދު ވަކި ހާއްސަ އިސްކަމެއް ދިނުމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެފައި ވާކަމަށް ވެސް ބުނެފައިވެއެވެ.
ނަމުގެ ގޮތުން ”ބްރެއިން ޑްރެއިން“ ގެ މާނަ ކިތަންމެ ނުސީދާ ވިޔަސް، މިކަމުގެ ސަބަބުން ކުރާ އަސަރު، އޮޕަރޭޝަން ތަކަށް ބޭނުންވާ މިންވަރަށް ހުނަރުވެރިން ނުލިބޭ ކަމަށް ބުނެ ވިޔަފާރި ތަކާއި އެހެނިހެން ތަންތަނުގެ ވެރިން މެދުނުކެނޑި ކުރަމުންދާ ޝަކުވާ ތަކުން ވަރަށް ރަނގަޅަށް އެނގިގެން ދެއެވެ.
މިދިޔަ އަހަރު ރިކްރޫޓްމެންޓް ފަރމް ހޭސް އިން ނެރެފައިވާ ރިޕޯރޓެއްގައި ވާ ގޮތުން، މެލޭޝިޔާގެ ދެބައިކުޅައެއްބައި ވިޔަފާރިވެރިންނަކީ އެމީހުންގެ ވިޔަފާރިތަކާއި ހިދުމަތްތައް ފުޅާ ކުރުމަށް ބޭނުންވާ ވަރަށް އުފެއްދުންތެރި މުވައްޒަފުން ލިބޭނެ ކަމުގެ ޔަގީންކަން ނެތް މީހުންނެވެ.
2011 ވަނަ އަހަރުގައި، މެލޭޝިޔާއިން ދަސްވެނިވާ ކޮންމެ ފަސް ދަރިވަރުން އެއް ދަރިވަރަކީ އެހެން ގައުމަކަށް ހިޖްރަ ކުރާނޭ ދަރިވަރެއް ކަމަށް ވޯރލްޑް ބޭންކުން އިންޒާރު ދީފައިވެއެވެ.
މި މައްސަލަ އިތުރަށް ގޯސް ވެފައި ވަނީ، ކެލީ ސާވިސެސް ނަމަކަށް ކިޔާ ރިކްރޫޓްމެންޓް ފަރމް އަކުން ނެރުނު ”މެލޭޝިޔާ 2019 ސެލެރީ ގައިޑް“ގައި، އެގައުމުގެ ކުންފުނި ތަކަށް ދަސްވެނިފެފައިވާ މުވައްޒަފުން ހޯދުމުގައި ދަތިތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށް ބުނެފައި ވުމުންނެވެ.
ފިޗް ސޮލިއުޝަންސް ކަންޓްރީ ރިސްކް އެންޑް އިންޑަސްޓްރީ ރިސާރޗް އިން މިއަދު ނެރުނު ރިޕޯރޓުގައި ބުނެފައިވާ ގޮތުން މި ކަންތައްތައް ހަމައަކަށް އެޅުމަށްޓަކައި ގެންނަން ޖެހޭ ބަދަލު ތަކަކީ މެލޭޝިޔާގައި މިހާރު އޮތް މާލީ ދަތި ކަމުގެ ހާލަތު ރަނގަޅުވި ކަމުގައި ވީ ނަމަވެސް ގެނައުމަށް ދަތި ވާނޭ ބަދަލު ތަކެކެވެ.
”ނަސްލީ ތަފާތު ކުރުންތައް ހިމެނޭ ޕޮލިސީތައް ބަދަލު ކުރުމުގައި ބޮޑެތި ދަތި ތަކަކާ ކުރިމަތިލާން ޖެހޭނެ އެވެ. އަދި ހަމައެހެންމެ އެކަމުގެ ސަބަބުން ގައުމުގެ އިގްތިސާދު ދަށް ވެގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.“
މެލޭޝިޔާގެ އާބާދީ ބޮޑުވަމުންދާ މިންވަރު ލަސްވުމަކީ އެގައުމުގައި ހުނަރުވެރިންގެ އަދަދު އިތުރަށް މަދުވެގެން ދިއުމަށް މަގުފަހިވެގެންދާ ކަމެކެވެ. ރިސާރޗް ހައުސް އިން ބުނެފައިވާ ގޮތުން، 2010 ވަނަ އަހަރާ 2020 ވަނަ އަހަރާ ދެމެދު އެގައުމުގެ އާބާދީ ބޮޑުވި މިންވަރު، 2.3 އިންސައްތަ އަށް އެރި ނަމަވެސް 2020 ވަނަ އަހަރާ 2030 ވަނަ އަހަރާ ދެމެދު 1 އިންސައްތަ އަށް ދަށްވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.