މިދިޔަ ހޮނިހިރު ދުވަހު ޔަމަންގެ ސަރުކާރުން ބުނެފައިވާ ގޮތުން ސަދަން ޓްރާންސިޝަން ކައުންސިލުގެ ހަނގުރާމަވެރި ޖަމާޢަތަކުން “ އެގައުމުގެ ގަވަނަރޭޓެއް ކަމަށްވާ ސޮކޮޓްރާ އަށް ފުރިހަމަ އިންގިލާބެއް ގެނެސްފިއެވެ.“ އެ ގައުމުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.
ޔަމަންގެ ރަސްމީ ޚަބަރު ފަތުރާ އިދާރާއިން ރިޕޯރޓު ކޮށްފައިވާ ގޮތުން: ”ސޮކޮޓްރާގައި ޓްރާންސިޝަނަލް ކައުންސިލުގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ގެނެސްފައިވާ އިންގިލާބުގެ ސަބަބުން އެޕްރޮވިންސުގެ ސްޓޭޓް އިންސްޓިޓިއުޝަން ތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.“
”ތަފާތު ނުރައްކާތެރި ހަތިޔާރު ތަކާއެކެ ދިން މި ހަމަލާތަކުގައި ސްޓޭޓް އިންސްޓިޓިއުޝަން ތަކާއި، ރައްޔިތުންގެ މުދަލާއި ގެދޮރުގެ އިތުރުން ސަރުކާރުގެ ކޭމްޕުތަކާއި ހެޑްކުއާޓަރ ތަކަށް ވެސް ގެއްލުން ލިބިގެންދިޔައެވެ.“
މިކަމާ ގުޅިގެން ސަރުކާރުގެ އޮފިޝަލު ވަނީ ”މިފަދަ ހަމަނުޖެހުންތަކާއި ހަމަލާތައް ހުއްޓުވައި، ރިޔާދް އެގްރީމެންޓުގައި ވާ ކަންތައްތައް ފުރިހަމަ ކޮށްދިނުމަށް“ ސައުދީ ސަރުކާރުގެ ކޯލިޝަނަށް ގޮވާލައިފައެވެ.
”ސަރުކާރުން މިފަދަ ކަމެއް ބަލައިނުގަންނާނެއެވެ.“
އަދި ހަމައެހެންމެ، މީޑިޔާ އާއި މުއާމަލާތު ކުރުމުގެ ހުއްދަ ނެތުމާއެކު، ނަން ހާމަ ކުރެވެންނެތް ފަރާތަކުން ބުނެފައިވާ ގޮތުގައި ”ސަދަން ޓްރާންސިޝަން ކައުންސިލުގެ ޖަމާޢަތުގެ މީހަކު ވަނީ ސޮކޮޓްރާގެ އެއާފޯރސް ކޭމްޕުގެ ކޮމާންޑަރު، ކޮލޮނެލް އަބްދުއް ރަޙްމާން އަލް ޒަފްނީ ހައްޔަރުކޮށް، އެހެން ސަރަހައްދަކަށް ގެންގޮސްފައެވެ.“
މިދިޔަ ހަފްތާގައި ސަދަން ޓްރާންސިޝަން ކައުންސިލުން އެޑެން އާއި ދެކުނުގެ ޕްރޮވިންސް ތަކުގެ ވަގުތީ ގޮތުން ވެރިކަން ކުރަމުންދާ ރަށުގައި ސެލްފް ގަވަރނެނެސް އަދި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރުމާ ގުޅިގެން ސޮކޮޓްރާގެ އިތުރައް އެހެނިހެން ދެކުނުގެ ޕްރޮވިންސް ތަކުގައި ވެސް ނުތަނަވަސްކަން އުފެދިގެންދިޔައެވެ.
ޔަމަންގެ ސަރުކާރާއި، ހަދްރަމައުތުގެ ޕްރޮވިންސްތައް، ޝަބްވާ، އަލް-މަހްރާ، އަބްޔާން، އަދި ސޮކޮޓްރާއިން ވެސް ވަނީ ސަދަން ޓްރާންސިޝަން ކައުންސިލުގެ ނިންމުމަށް ދެކޮޅު ހަދާފައެވެ. މިކަމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާޑުކިއުން އަމާޒުވެގެންދިޔައެވެ.
މާރޗް މަހުގެ 15 ވަނަ ދުވަހު، ޔަމަންގެ ރައީސް އަބްދުއް ރައްބު މަންސޫރު ހާދީ ގެ އިސްނެގުމާއެކު ގިނަ މަސްތަކެއް ވަންދެން އެގައުމުގެ އެތައް މިލިއަން ރައްޔިތުން، ސައުދީ ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަން ތަކާ ދެކޮޅަށް މުޒާހަރާ ކޮށްފައި ވަނިކޮށް، ދިމާވި މައްސަލައަކާއި ގުޅިގެން އެގައުމަށް ވަނީ ނުހަނު ބޮޑު ހިތާމައަކާ ކުރިމަތިލާންޖެހިފައެވެ. މެދު ނުކެނޑި ހިނގަމުންދިޔަ މުޒާހަރާ ތަކުގެ ސަބަބުން ޔަމަންގެ ހޫޘީ ރެބެލްސް އިން ވަނީ ވެރި ރަށް ސަނާ ހިފަހައްޓައި، ރައީސް އަބްދުއް ރައްބު މަންސުރް ހާދީ، ސައުދީ އަރަބިއްޔާގެ ގައުމެއްކަމަށްވާ ރިޔާދަށް ދިއުމަށް މަޖުބޫރުކުރުވިއެވެ.
ރައީސް ހާދީގެ ވެރިކަން ގެއްލުމާ ގުޅިގެން، ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިން، ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގެ އިސްނެގުމަކާ ނުލައި، ޔަމަނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ނިންމިއެވެ. މިއީ މި ދެގައުމުން ޔަމަންގައި ހިންގަމުންދާ ގިނަ ހަމަނުޖެހުންތައް ފެށިގެން އައި ގޮތެވެ.
ސައުދީ އަރަބިއްޔާއާއި ޔޫއޭއީ ގެ ސިފައިން ވަނީ ޔަމަންގެ ބޯޑަރުތައް ކޮންޓްރޯލް ކޮށް، އެއްގަމާއި ކަނޑާއި އަދި ވައިގެ މަގުން އެގައުމަށް އެއްވެސް އެއްޗެއް އިމްޕޯޓު ކުރުން މަނާ ކޮށްފައެވެ. މިގޮތުން، ކާބޯތަކެއްޗާއި ބޭސް ފަދަ ތަކެތި އެތެރެ ކުރުން ވެސް ވަނީ ހުއްޓުވާފައެވެ. ގިނަ ބަޔަކަށް މިކަންތައް ސިފަ ކުރެވިގެން ދިޔައީ ހޫޘީ ސަރުކާރަށް އެގައުމުގެ ރައްޔިތުން ދެމުން ދިޔަ އެއްބާރުލުން ކުޑަ ކުރުމަށްޓަކައި ކޮށްފައިވާ ކަމެއްގެ ގޮތުގައެވެ. ޔޫއެން އާއި، އެހެނިހެން ގިނަ އިންސާނީ ހައްގުތަކަށް ބާރުއަޅާ ޖަމްޢިއްޔާ ތަކުން ވަނީ، ކޮންމެ ގަޑިއިރަކުން އެޤައުމުގެ ސިއްޙީ މައްސަލަ ތަކަކާ ގުޅިގެން، ނުވަތަ ބަނޑުހައިހޫނު ކަމުގެ ސަބަބުން ކުޑަކުއްޖަކު މަރުވުމަށް މަގުފަހި ކުރުވި، މިއަމަލު ކުށްވެރިކޮށްފައެވެ.
ޔޫއެން އިން ބުނާ ގޮތުން، ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހިގަމުން ދިޔަ ހައިޖާނުގެ ތެރޭގައި ޔަމަންގެ އެތައް ހާސް ރައްޔިތުންނެއް މަރުވެ، ގާތްގަނޑަކަށް 3.7 މިލިއަން މީހުން ގައުމުން ބޭރުކުރެވި، ބަނޑުހައި ހޫނު ކަމުގެ ތެރޭގައި އުޅެން ޖެހިފައި ވެއެވެ.
މިކަމުގެ ސަބަބުން ގައުމުގެ އިންފްރާސްޓްރަކްޗަރަށް ވަނީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ލިބިފައެވެ. މިގޮތުން، ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އިން ވައިގެ މަގުން ދީފައިވާ ހަމަލާ ތަކުގެ ސަބަބުން އޯވަރލޭންޑް ރޫޓު ތަކަށާއި ވައިގެ ބަދަރުތަކަށް ވެސް ވަނީ ގެއްލުން ވެފައެވެ.