ފަލަސްތީނަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް މާލޭ ސިޓީގެ އައު މޭޔަރު ޑރ. މުޢިއްޒު ކުށްވެރިކުރައްވައިފި

Loading

Facebook
Twitter
WhatsApp

ފަލަސްތީނަށް އިޒުރޭލުން ދެމުންގެންދާ ޢުދުވާނީ ޙަމަލާތައް މާލޭ ސިޓީގެ އައު މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ ހުވާކުރެއްވުމަށްފަހު ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި މި ދަނޑިވަޅުގައި ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ދިމާވެފައިވާ ހާލު ހަނދާނަށް ގެންނަވައި ވިދާޅުވިއެވެ.

”ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް މާލޭ ސިޓީގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ކުށްވެރިކުރަން.“ މުޢިއްޒު އިތުރަށް ވިދާޅުވިއެވެ. ”އަޅުގަނޑުމެން މާލޭ ސިޓީގެ ރައްޔިތުން އެދެނީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް އިންސާފު ލިބިގެންދާން! އަމާންކަން ލިބިގެންދާން.!“

ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ސަރުކާރާ މުޚާޠަބުކުރައްވައި މާލޭ ސިޓީގެ އައު މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި މާލޭގެ ސިޓީ ކައުންސިލުން ރައްޔިތުންގެ އަމާޒުތަކަށް ވާސިލުވާ، ނަތީޖާ ނެރެދިނުމަށް ބުރަ، އިޚުލާޞްތެރި މަސައްކަތް ކުރާނޭކަމުގައި ވިދާޅުވިއެވެ.

”އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނަތީޖާ ނެރެދޭނަން. މިކައުންސިލް ވެގެންދާނީ ނަތީޖާ ނެރެދޭ ކައުންސިލަކަށް. މިކަމުގައި އަޅުގަނޑުމެންނަށް އެންމެ ބޮޑު އެއްބާރުލުމެއްދޭން އެންމެ ބޮޑަށް އެދެނީ ސަރުކާރުގެ ފަރާތުން.“ މުޢިއްޒު ވިދާޅުވިއެވެ. ”ސިޓީ ކައުންސިލް ހިންގުމުގައި އަދި ސްޓްރެޓެޖިކް އެކްޝަން ޕްލޭން ހަގީގަތަކަށް ހެދުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ބޭނުން. އެއީއަޅުގަނޑަށް އަދި ކައުންސިލްގައި ތިއްބެވި 18 ބޭފުޅުންނަށް ދެއްވާ އެއްބަރުލުމެއްނޫން! އެއީ މާލޭ ރައްޔިތުންނަށް ދެއްވާ އެއްބާރުލުމެއް. ފައިދާ ވާނީ ރައްޔިތުންނަށް.“

ޑރ. މުޢިއްޒުގެ ވާހަކަފުޅުގައި މާލޭ ސިޓީކައުންސިލަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ޔަގީން ކުރައްވާކަމަށް ވިދާޅުވިއެވެ.

”އެއްބާރުލުން ދޭހާ ހިނދެއްގައި ސިޓީކައުންސިލް ވެގެންދާނީ ސަރުކާރުގެ އެންމެ ގާތް އެކުވެރިޔާކަމުގައި.“ މުޢިއްޒު ވިދާޅުވިއެވެ.

ފަލަސްތީނަށް އިޒުރޭލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ކުށެއް ނެތް އެތައް ސަތޭކަ ބަޔަކު މަރުވެ އެތައްހާސް ބައެއްގެ ގެދޮރު ނެތިގެންގޮސްފައިވެއެވެ.

ފަލަސްތީނަށް އިޒުރޭލުން ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް ވަގުތުން ހުއްޓާލުމަށް އދ.ގެ އިތުރަށް އޯއައިސީއާއި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ދަނީ ގޮވާލަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް