ދިވެހިން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދޭނީ ކިހިނެއް؟

Loading

Facebook
Twitter
WhatsApp

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކަކީ މުޅި މުސްލިމް އުންމަތުންވެސް ކުށްވެރި ކުރާ އަމަލުތަކެކެވެ. މި މައްސަލައަކީ ދުނިޔޭގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުންވެސް ބަލަމުންދާ އެންމެ ޒަމާންވީ އެއް މައްސަލައެވެ. މިހާ ދުވަސްވީއިރުވެސް މި މައްސަލައަށް ހައްލެއް ފެނިފައެއް ނުވެއެވެ.

ބައެއް ގައުމުތަކުން ފަލަސްތީނު ރައްޔިތުންނަށް އެހީ ވުމުގެ ގޮތުން އެމީހުންގެ ގައުމުތަކުގައި ރެފިއުޖީންގެ ގޮތުގައި ފަލަސްތީނު ރައްޔިތުން އުޅުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. ނަމަވެސް ދިވެހި ސަރުކާރުން ފަލަސްތީނަށް އެހީ ވުމުގެ ގޮތުން ކޮށްދިނީ ކޮންކަމެއް ހެއްޔެވެ؟ އެއްވެސް އިރެއްގައި ދިވެހި ސަރުކާރަކުން ފަލަސްތީނު ރައްޔިތުންނަށް ހިމާޔަތްދީ ރެފިއުޖީންގެ ގޮތުގައި އެމީހުން ބަލައިގަނެފައި ނުވަނީ ކީއްވެހެއްޔެވެ؟

ފަލަސްތީނުގެ ޒަމާންވީ މައްސަލައިގައި ދުޝްމިނުންނަކީ ކޮބައިކަން ވަރަށް ސާފެވެ. އެއީ އިޒްރޭލު މީހުންނާއި އެމީހުންގެ ސިފައިންނެވެ.

ފަލަސްތީނު ރައްޔިތުން އެމީހުންގެ އަމިއްލަ ބިން ސަލާމަތް ކުރުމަށްޓަކައި ކުރަމުންދާ އަގުބޮޑު މަސައްކަތުގައި އެމީހުންނަށް އެހީތެރިވުމުގެ ގޮތުން ލެބަނާންއާއި މެލޭޝިޔާ އަދި ތުރުކީ ފަދަ ގައުމުތަކުން ވަރަށް ގިނަ ކަންތައްތައް ކޮށްދީފައިވެއެވެ. އެ ގައުމުތަކުން ފަލަސްތީނު ރައްޔިތުންނަށް ހިމާޔަތްދީ އެމީހުންގެ އަމިއްލަ ރައްޔިތުންނެކޭ އެއްފަދައިން ތައުލީމާއި ސިއްހީ ހިދުމަތް ލިބިގަތުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

މެލޭޝިޔާގެ ބައެއް ޔުނިވާސިޓީތަކުން މިދިޔަ އަހަރުވެސް ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް ސްކޯލަޝިޕްގެ ފުރުސަތުތައް ހުޅުވާލާފައިވެއެވެ. މީގެއިތުރުން ތުރުކީ ވިލާތުގައި ދިރިއުޅެމުންދާ ފަލަސްތީނު ރައްޔިތުންނަށް އެ ގައުމުގެ ސަރުކާރުންވަނީ ހިމާޔަތްތެރިކަން ކަށަވަރުކޮށްދީފައެވެ. ފަލަސްތީނު ރައްޔިތުންނަށް ހިމާޔަތް ދީފައިވާ ކޮންމެ ގައުމަކުންވެސް ފާހަގަ ކުރާ ގޮތުގައި ފަލަސްތީނު ރައްޔިތުންނަކީ ކާންދޭ އަތުގައި ދަތްއަޅާ ބައެއް ނޫނެވެ. އެމީހުން އެ ގައުމުތަކުގެ ސަރުކާރުތަކާއި ގުޅިގެން އެގައުމުތަކަށް ނުހަނު ބޮޑެތި ހިދުމަތްތައް ކޮށްދީފައިވެއެވެ. އަދި އެ ގައުމުތަކުގައި އުޅޭ ހައްދުފަހަނާއަޅާފައިވާ ޖަމާއަތްތަކާއި ގުޅުމުގެ ޝައުގުވެރިކަން ފަލަސްތީނު ރައްޔިތުން ފާޅުކޮށްފައެއްނުވެއެވެ. އެ ގައުމުތަކުގެ އިކޮނޮމީއަށް ފަލަސްތީނުގެ ރެފިއުޖީންގެ ސަބަބުން ލިބުނީ ކުރިއެރުންކަން އެމީހުން އުފަލާއެކު ފާހަގަ ކުރެއެވެ. އެހެންކަމުން ފަލަސްތީނު އިޒްރޭލުގެ އަތްދަށުން ސަލާމަތްވެ އެމީހުންނަށް އަލިމަގެއް ފެންނަންދެން އެމީހުންނަށް ހިމާޔަތްތެރިކަން ފޯރުކޮށްދިނުމަކީ އެ ގައުމުތަކަށް ލިބިފައިވާ ފަޚުރެއްކަމުގައި އެމީހުން ދެކެއެވެ.

ރާއްޖޭގެ ރައްޔިތުން މިކަމާމެދު ވިސަނާލުން ކިހިނެއްތޯއެވެ؟ ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން އަޑުއުފުލުމުގެ އިތުރުން ކުރެވިދާނެ އެހެން ކަންކަމަކީ ކޮބައިތޯ ބެލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް