އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން އިންޑިއާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލް ކުރައްވައިފިއެވެ.
ބައިނަލް އަގުވާމީ މީޑިއާތަކުން ޚަބަރު ދިން ގޮތުގައި ބޮރިސް ޖޯންސަންގެ ދަތުރުފުޅު ފަސްކުރެއްވީ އިންޑިއާގައި އާދަޔާ ޚިލާފަށް ބާރަށް ކޮރޯނާ ވައިރަސް ފެތުރެމުން ދިއުމުގެ ސަބަބުންނެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބޮރިސް ޖޯންސަން ދެން އިންޑިއާއަށް ވަޑައިގަންނަވާނީ މިއަހަރުގެ ފަހުކޮޅުގައެވެ. އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ބޮރިސް ޖޯންސަން ޖެނުއަރީ މަހުގެ ފަހުކޮޅު އިންޑިއާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅުވެސް ފަސްކުރަން ޖެހުނީ ކޮރޯނާ ވައިރަހުގެ ސަބަބުންނެވެ.
މިދުވަސްވަރަކީ އިންޑިއާގައި ކޮރޯނާ ވައިރަސް ރެކޯޑު އަދަދަކަށް ފެތުރެމުންދާ ދުވަސްވަރެކެވެ. ފާއިތުވެ ދިޔަ ހަތަރު ދުވަހުގެ ތެރޭގައި ވިދިވިދިގެން ކޮންމެ ދުވަހަކު ދެ ލައްކައަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވެއެވެ. އަދި ދުވާލެއްގެ މައްޗަށް ހާހަކަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
އިންޑިއާގައި އިންތިހާއަށް ކޮރޯނާ ވައިރަސް ފެތުރެމުންދާ ދުވަސްވަރެއްގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އެކިއެކި އެއްވުންތައް ބާއްވައި ކެމްޕޭން ޖަލްސާތައް ކުރަމުންދާތީ ވަރަށް ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
ވެރިރަށް ނިއުދިއްލީގައި ކޮރޯނާ ވައިރަސް އާދަޔާ ޚިލާފަށް ފެތުރެމުންދާތީ ހޮސްޕިޓަލްތަކަށް އެނދާއި އޮކްސިޖަން ސިލިންޑަރ ހޯދުމަށް ޗީފް މިނިސްޓަރ އަރުވިންދު ކެޖްރެވާލް ވަނީ ބޮޑު ވަޒީރު މޯދީއަށް ދަންނަވާފައެވެ.