އަދާލަތު ޕާޓީގެ ރައީސް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުއްﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކުރިމަތިލައްވައިފިއެވެ.
އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ތިން ވަނަ ދައުރަށް ޕާޓީގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު މި މަހު 21 2ވަނަ ދުވަހަށް ހަމަވިއިރު އެ މަގާމަށް ކުރިމަތި ލާފައިވަނީ ދެ ކެޑިޑޭޓުން ކަމަށެވެ.
އެމަގާމަށް ކުރިމަތި ލެއްވި ދެ ބޭފުޅުން ނަކީ ހޯމް މިނިސްޓަރު އަދި މިހާރުވެސް އެ ޕާޓީގެ ރައީސްކަން ކުރައްވަމުން ގެންދަވާ އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުކަމަށް އެ ޕާޓީން ހާމަކުރެއެވެ.
މިނިސްޓަރ އިމްރާނާއި އެކު ރަނިންމޭޓެއްގެ ގޮތުގައި ޕާޓީގެ ނައިބު ރައީސްކަމަށް ކުރިމަތިލައްވާފައިވަނީ ގ. އަލިޝާ އަހުމަދު ޝަރީފެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ ރަނިންގ މޭޓެއްގެ ގޮތުގައި ނައިބު ރައީސްކަމަށް ކުރިމަތިލައްވާފައިވަނީ ދަފްތަރު ނަންބަރު 3851 އަހުމަދު ނަޝީދެވެ.
އަދާލަތު ޕާޓީން އެޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވަން އިއުލާން ކުރިއިރު ޕާޓީގެ އަސާސީ ގަވާއިދު އޮތް ގޮތުން ރައީސް ކަމުގެ މަގާމަށް އަންހެނުންނަށް ވާދަކުރެވެން ނެތުމުން ބޮޑެތި ފާޑުކިއުންތަކެއް ކުރިމަތިވުމާއެކު ފަހުން ވަނީ އަންހެނުންނަށް އެ މަގާމަށް ކުރިމަތި ލެވޭގޮތަށް އެ ޕާޓީގެ ގަވާއިދު އިސްލާހުކޮށްފައެވެ. ނަމަވެސް ރައީސް ކަމަށް ކުރިމަތި ލުމަށް ދީފައިވާ ވަގުތު ހަމަވި އިރު ވެސް އެއްވެސް އަންހެނަކު މަގާމަށް ކުރިމަތިލާފައި ނުވެއެވެ.
މި މަހު 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ އަދާލަތު ޕާޓީގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭނީ މި މަހު 27 ވަނަ ދުވަހުގެ މެންދުރު ދޭއްގެ ކުރިން އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގެންފައިވާ މެންބަރުންކަމަށް އެ ޕާޓީން ބުނެއެވެ.
އެ ޕާޓީން މައުލޫމާތު ދެއްވާގޮތުގައި ޕާޓީގެ އެތެރޭގެ އިންތިހާބު މިފަހަރު ބާއްވަން ހަމަޖައްސާފައިވަނީ އޮންލައިންކޮށެވެ.
އަދާލަތުން މިހާރު ވަނީ އެ ޕާޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އެޕާޓީން ބުނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދަފްތަރުގައު ނަން ހިމެނިފައިވޭތޯ ބެލުމަށް ނުވަތަ ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން މި މަހު 27 ގެ ކުރިން vote.adhaalath.org.mv ދަފްތަރުގައި ނަން ހިމެނޭތޯ ބަލައި އަދި ޝަކުވާ އެއް ވާނަމަ އޮންލައިންކޮށް ހުށަހެޅުމަށެވެ.
އަދާލަތު ޕާޓީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމަށް ހުއްދަ ދިނުމުން ތިން ވަނައަށް ރަޖިސްޓްރީ ކުރި ޕާޓީއެވެ. އެ ޕާޓީ ރަޖިސްޓްރީ ކޮށްފައިވަނީ 2005 ވަނަ އަހަރުގެ އޯގަސްޓް މަހު 18 ވަނަ ދުވަހުއެވެ.
އަދާލަތު ޕާޓީގެ ރައީސްކަމުގެ މަގާމާއި ނައިބު ރައީސް ކަމުގެ މަގާމުގެ މުއްދަތު ވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހު 16 އަށް ހަމަވެފައެވެ. އެއީ އެޕާޓީގެ ދެވަނަ ދައުރުގެ މުއްދަތެވެ. އޭގެ ފަހުން އެޕާޓީން އިންތިހާބެއް ބާއްވާފައި ނުވެއެވެ.
One Response
ވިދާޅުވެގެން ކެމްޕެއިންއެއް އޮތްކަމަށް ދައްކަން ކުރެއްވިކަމެއް. ސަރުކާރުގައި ޕާޓީގެ ބޮޑުން ދެ އަަހަރުވަންދެން ތިބިއިރު ޕާޓީއަށް 10 ހާސް މީހުން ހަމަކޮށްނުލައްވާ ޕާޓީ ގަދަކުރަށްވަން ވިދާޅުވީމާ އަންނާނީ ހިނި ނޫންތޯއެވެ. އަދާލަތެއް ނެތް! ނަންބަދަލު ކުރަންފެނެއެވެ.