އިންޑޮނީޝިޔާގެ ޑޭ-ކެއާ ސެންޓަރެއްގައި ކުދިންނަށް އަނިޔާކޮށް އަޅާނުލާ ދޫކޮށްލާފައި ބޭތިއްބި ކަމުގެ ކުށުގައި އެތަނުގެ ޕްރިންސިޕަލް ފަސް އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ.
ލައިސަންސްވެސް ނުނަގާ ހިންގަމުން އައި ކުދިން ބަލަހައްޓާ ތަނެއް ކަމަށްވާ ”ލިޓްލް އަރީޝާ ސެންޓަރު“ އެޕްރިލް މަހު ކުރި ރެއިޑެއްގައި އެތަނުގައި ތިބި ތުއްތު ކުދިންގެ އަތާއި ފައި ބާފޮތިން ބަދެފައި ތިބިތަން ފެނުނު ކަމަށް ވެއެވެ.
މިކޭސް ހާމަ ވުމާއި ގުޅިގެން ގިނަ ބަޔަކު ރުޅިއައިސް އެގައުމުގައި ހުރި އެހެން ޑޭކެއާ ސެންޓަރު ތަކުގައި ކަންތައް ހިނގަމުންދާގޮތް ބަލާ ދިނުމަށް ގޮވާލާފައިވެއެވެ. ރެއިޑްތަކަށް ފަހު އިދާރާތަކުން ހާމަ ކޮށްފައިވާ ގޮތުގައި އެފަދަ އެތައް ތަނެއް ލައިސަންސް ނެތި ހިންގަމުން ގެންދާކަން ވަނީ ހާމަ ވެފައެވެ.
ލިޓްލް އަރީޝާގެ ޕްރިންސިޕަލް އަނީތާ ޕަލޫޕީ އާއި އެކު އެތަނުގައި މަސައްކަތް ކުރާ 11 ސްޓާފް މެމްބަރުންގެ އިތުރުން ސެންޓަރު ހިންގަމުން ގެންދާ ފައުންޑޭޝަންގެ ވެރިޔާގެ މައްޗަށް ދައުވާ އުފުލުނެވެ.
ބުރާސްފަތި ދުވަހު އަނީތާއަށް ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވެފައިވަނީ އެތަނުގެ ތެރޭގައި ދާއިމީ ގޮތެއްގައި ކުދިންނަށް އަނިޔާކޮށް ހަރުކަށިކަން ދެއްކުމުގެ ޝަގާފަތެއް ކުރިޔަށް ގެންދިއުމަށް އަނީތާ ދޫކޮށްލާފައިވާކަން ސާބިތުވާ ކަމުގައެވެ.ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން 510 މިލިއަން ރުޕިޔާ(27،900ޔޫއެސް ޑޮލަރު) ގެ ޖޫރިމަނާއެއްވެސް އޭނާގެ މައްޗަށް އިއްވާފައި ވެއެވެ.މިފައިސާ ނުދެއްކިއްޖެ މަނަ އޭނާގެ މުދާ ސަރުކާރަށް ނަގާ ނީލަމުގައި ވިއްކާލެވޭނެ ކަމަށްވެސް ފަނޑިޔާރު ވިދާޅުވެފައި ވެއެވެ.
އަނިޔާލިބުނު ބައެއް ކުދިންގެ ބެލެނިވެރިން ބުނާ ގޮތުގައި ޕްރިންސިޕަލް އަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމަކީ ކުދިންނަށް ލިބުނު އަނިޔާގެ އަސަރުތަކާއި އަޅާބަލާއިރު މާކުރު މުއްދަތެކެވެ.
ލިޓްލް އަރީޝާ ފައުންޑޭޝަންގެ ޗެއާމަން އަށް ކުރުމަށް ދައުވާކުރި ފަރާތްކަމަށްވާ ޕްރޮސެކިއުޓަރުން އެދިފައިވަނީ 10 އަހަރުގެ ޖަލު ހުކުމަކާއި 900މިލިއަން ރުޕިޔާގެ ޖޫރިމަނާ އެކެވެ.އޭނާގެ މައްޗަށް އަދި ހުކުމް ކުރުން އޮތީ ކުރިއަށެވެ.
![]()
