މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރަމުންދާއިރު، މި ދުވަހުގެ މައިގަނޑު އަމާޒަކީ ޢާއިލާއާއި، މުޖުތަމަޢު އަދި ޤައުމަށް ފިރިހެނުން ކޮށްދޭ ޚިދުމަތްތައް ބަލައިގަތުމާއި، އެމީހުންގެ ދުޅަހެޔޮކަމަށް އަސަރުކުރާ މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ.
މި އަހަރުގެ ޝިޢާރު ކަމަށްވާ، ”މުސްތަޤުބަލަކީ އެންމެންގެ ޙައްޤެއް“ މި ޝިޢާރުން އަލިއަޅުވާލަނީ ޢަދުލުވެރި މުޖުތަމަޢެއް ބިނާކުރުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމަށާއި، ފިރިހެނުންނާއި ފިރިހެން ކުދިންނަށް މިހާރަށްވުރެ ބޮޑު ސަމާލުކަމަކާއި އެއްބާރުލުމެއް ދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ.
އިންޓަނޭޝަނަލް މެންސް ޑޭ ޖަމްޢިއްޔާއިން ބުނާ ގޮތުގައި، ކޮންމެ އަހަރަކު ފާހަގަކުރާ މި ދުވަހަކީ ފިރިހެނުންގެ ފަރާތުން ފެންނަ ރަނގަޅު ނަމޫނާތައް ބަލައިގަތުމަށާއި، ފިރިހެން ކުދިންނަށް ބޮޑެތި ފިރިހެނުންގެ ކިބައިން ދަސްކުރެވިދާނެ އަގުހުރި ސިފަތަކާއި، ޒިންމާތަކާއި، އަޚްލާޤު ކުރިއެރުވުމަށް ބާރުއަޅާ ދުވަހެކެވެ.
މި އަހަރުގެ ޙަރަކާތްތަކުގެ ތެރެއިން، އިންޓަނޭޝަނަލް ކައުންސިލް ފޯ މެން އެންޑް ބޯއިސް (އައިސީއެމްބީ) އިން ވަނީ އެ ޖަމްޢިއްޔާގެ ފުރަތަމަ ”ގްލޯބަލް ސްޓޭޓް އޮފް މެން އެންޑް ބޯއިސް ރިޕޯޓް 2026“ ނެރެފައެވެ. މިއަދު ޝާއިޢުކުރި މި ރިޕޯޓުގައި، 50 އަށް ވުރެ ގިނަ ޤައުމުގައި ފިރިހެނުންނާއި ފިރިހެން ކުދިންނަށް ކުރިމަތިވާ ފަރަގުތަކުގެ 12 ދާއިރާއެއް ދިރާސާކޮށްފައިވެއެވެ. އޭގެ ތެރޭގައި ތަޢުލީމު، ޞިއްޙަތު، ބަފައިވަންތަކަން، ގެދޮރުވެރިކަމެއް ނެތުން، މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަން އަދި އަނިޔާވެރިކަން ހިމެނެއެވެ.
މީގެއިތުރުން، އެ ޖަމްޢިއްޔާއިން ވަނީ 2026 ވަނަ އަހަރަށް މުހިންމު ތިން ލަނޑުދަނޑިއެއް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި އދ. ގެ ކަލަންޑަރުގައި ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަސް ރަސްމީކޮށް ބަލައިގަތުމާއި، އދ. ގެ ޕްރޮގްރާމްތަކުގައި ޖެންޑަރއާ ގުޅުންހުރި ނަތީޖާތައް ރިޕޯޓްކުރުން ހަރުދަނާކުރުމާއި، ”ނިއުޔޯކް ޑެކްލަރޭޝަން ފޯ މެން އެންޑް ބޯއިސް“ އަށް ތާޢީދުކުރުން ހިމެނެއެވެ.
މިއަދަކީ ފިރިހެނުން މުޖުތަމަޢަށް ކޮށްދޭ ޚިދުމަތްތަކުގެ އަގުވަޒަންކުރުމާއެކު، އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ.
![]()
