ޕާސްޕޯޓު ނިމިފައިވާކަން އެ އިދާރާއިން އެންގުމުން ލަސްނުކޮށް އެއާ ހަވާލުވުމަށް، މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެދިއްޖެއެވެ.
އިމިގްރޭޝަނުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޕާސްޕޯޓު ނިމުމަށްފަހުވެސް ބައެއް މީހުން ޕާސްޕޯޓާ ހަވާލުނުވެ، ގިނަ ދުވަސްވާ ކަމަށެވެ.
ޕްރިންޓުކޮށް ނިމިފައިވާ ޕާސްޕޯޓުތައް ބެހެއްޓޭނީ ގިނަވެގެން 6 މަސް ދުވަހުގެ މުއްދަތަށް ކަމަށާއި، އެ މުއްދަތު ހަމަވުމަށްފަހު، ހަވާލުނުވެ ހުންނަ ޕާސްޕޯޓުތައް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ނައްތާލާނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އެ އިދާރާއިން ޕާސްޕޯޓު އަލުން ހަދައިދޭން ފަށާފައި މި ވަނީ، ދާދި ފަހުން ދިމާވި ދަތިތަކަކާ ގުޅިގެން ޕާސްޕޯޓު ފޮތް ދޫކުރުން މެދުކަނޑާލުމަށްފަހުއެވެ. އިމިގްރޭޝަނުން ބުނެފައިވަނީ، ޖަރުމަނުވިލާތުގެ ޑާމަލޮގް ކުންފުނީގެ ޕްރިންޓްހައުސްއަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެކަމާ ގުޅިގެން، ކަނޑައެޅިފައި އޮތް ތާރީޚަށް ޕާސްޕޯޓު ފޮތް ލިބުން ދަތިވުމާއެކު، އޭރު ޕާސްޕޯޓު ހަދައިދެމުން އައީ ވަކި ޚާއްޞަ ހާލަތްތަކާ ގުޅިގެންނެވެ.
![]()
