ބަންގްލާދޭޝްގައި ގާމެންޓް ފެކްޓަރީ ތަކުގައި މަސައްކަތް ކުރާ މީހުން ހަޅުތާލު ކުރަމުން ދިއުމާއި ގުޅިގެން ގިނަ ފެކްޓަރީ ތައް ބަންދު ކުރަން ޖެހިފައިވާކަމަށް ޚަބަރު ލިބެއެވެ.މިގޮތުން ގާމެންޓް ފެކްޓަރީ ތައް ހުންނަ މައި ތިން ސަރަހައްދުން 150 އެއްހާތަން ބަންދު ކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ.
މަސައްކަތް ތެރިން ހަޅުތާލު ކުރަމުން ގެންދަނީ އެމީހުންނަށް ދެވޭ އެންމެ ކުޑަ މުސާރަ ބޮޑުކޮށް ދިނުމަށް އެދިއެވެ.
ގާމެންޓް އިންޑަސްޓްރީ އަކީ ބަންގްލޭދޭޝްގައި ވަރަށް ފުޅާކޮން ހިންގާ އިންޑަސްޓްރީ އަކަށްވާއިރު ގާމެންޓް އެކްސްޕޯޓް ކޮށްގެން އަހަރަކު 40 ބިލިއަން ޑޮލަރު ލިބޭ ކަމަށް ވެއެވެ.އެއީ އެގައުމުގެ ޖީޑީޕީގެ 10 އިންސައްތައެވެ.
ފެކްޓަރީ ތަކުގައި މަސައްކަތް ކުރާމީހުންނަށް މިހާރުދޭ މުސާރައަކީ މަހަކު 30ހާސް ޓާކާ ކަމަށް ވެއެވެ.ނަމަވެސް އެމީހުން ބުނާ ގޮތުން އެވަރު ލިބިގެން ގޭތެރޭގެ ޚަރަދުތައް ބެލެހެއްޓޭ ވަރެއް ނުވެއެވެ.
ގިނަ އަދަދެއްގެ މަސައްކަތް ތެރިން ގެންދަނީ ހޮނިހިރު ދުވަހުން ފެށިގެން ޢާޒީ ޕޫރު ގައި ޑާކާ-ޓެންގެއިލް ހައިވޭ ކައިރިޔަށް އެއްވެ މަގުތައް ބަންދު ކުރަމުންނެވެ.ޓްރެފިކް ވެސް ހުއްޓި ގަޑިއެއްހާއިރު ވުމުން ފުލުހުން ނިކުމެ ވަނީ މަގުތައް ހުޅުވާފައި ކަމަށް ވެއެވެ.
ޕްރޮޑަކްޝަން ހުއްޓިއްޖެ ނަމަ ފެކްޓަރީ ބަންދު ކުރުމުގެ ހައްގު ބަންގްލާދޭޝް ގެ ލޭބަރ ގާނޫނުން ފެކްޓަރީ ތަކުގެ އޯނަރުންނަށް ލިބިދޭ ކަމަށް ވެއެވެ.
ފުލުހުންގެ އިސް އޮފިސަރަކު މައުލޫމާތުދިން ގޮތުގައި ހޮނިހިރު ދުވަހު 13 ފެކްޓަރީ ބަންދު ކޮށްފައިވާއިރު އަނެއް ދުވަހު ހެނދުނުވެސް 16 ފެކްޓަރީ ބަންދު ކޮށްފައި ވެއެވެ.އަދި މިހާރު 150އެއްހާ ތަން ބަންދުކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ބަންގްލާދޭޝް ގެ ގާމެންޓް އިންޑަސްޓްރީގައި 4މިލިއަނެއްހާ މީހުން މަސައްކަތް ކުރާއިރު ބޮޑެތި މަޝްހޫރު ބްރޭންޑްތައް ކަމަށްވާ އެޗް.އެންޑް.އެމް، ޒާރާ އަދި ޕްރައިމާކް ފަދަ ބްރޭންޑް ތަކުގެ ހެދުންވެސް ބަންގްލާދޭޝް ގެ ފެކްޓަރީ ތަކުގައި އުފައްދައެވެ.
ބަންގްލާދޭޝް އަކީ ޗައިނާއަށް ފަހު ދެވަނަޔަށް އެންމެ ގިނައިން ރެޑީމޭޑް ހެދުން އުފައްދާ ގައުމެވެ.އަދި މިހާރު ފަށާފައިވާ ހަޅުތާލު ދިގުލާ ދާން ދިމާވެއްޖެ ނަމަ ހެދުން ބަލްކް ކޮށް ގަންނަ ފަރާތްތަކަށްވެސް އަސަރު ކުރާނެ ކަމަށް ދަނީ ބެލެވެމުންނެވެ.
![]()
