ސީރިއާގެ ރެފިއުޖީ ކޭމްޕެއްގައި އަލިފާން ރޯވެ، 486 މީހުން ހާލުގައި ޖެހިއްޖެ

Loading

Facebook
Twitter
WhatsApp

ލުބުނާނުގެ އިރުމަތީ ސަރަހައްދުގައި ހުރި ސީރިއާގެ ރެފިއުޖީ ކޭމްޕެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި ކޭމްޕް އެއްކޮށް އަނދައި އަޅިއަށްވެއްޖެއެވެ. މި ހާދިސާގައި އެތަނުގައި ހުރި ހުރިހާ ޓެންޓު އަނދައި، ގާތްގަނޑަކަށް 486 މީހުން ވަނީ މަގުމަތިވެފައެވެ.

ހެކިވެރިންނާއި އަނަދޯލޫ އެޖެންސީގެ ރިޕޯޓުތައް ބުނާ ގޮތުގައި، މި އަލިފާން ރޯވެފައިވަނީ ހޮނިހިރު ދުވަހު، ބިޤާޢު ވާދީގެ ޒަޙްލޭ ޑިސްޓްރިކްޓްގައި އޮންނަ ބަރް އިލިޔާސްގައެވެ. އެތަނުގައި 75 އާއިލާއެއް ދިރިއުޅެމުން ދިޔައެވެ.

މި އަލިފާނުގެ ހާދިސާގައި ކޭމްޕް އެއްކޮށް އަނދައި ހުލިވެ، ސީރިއާގެ އެތައް ސަތޭކަ ރެފިއުޖީންގެ ބޯހިޔާވަހިކަމާއި އަތުގައި ހުރި ހުރިހާ މުދަލެއް ވަނީ ގެއްލިފައެވެ. ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމަކަށް ރިޕޯޓްކޮށްފައެއް ލިބިފައެއް ނުވެއެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު، މި ޚަބަރު ރިޕޯޓްކުރި ވަގުތާ ހަމައަށް ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން މި ހާދިސާއާ ގުޅޭގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

2011 ވަނަ އަހަރު ސީރިއާގެ ދާޚިލީ ހަނގުރާމަ ފެށުނީއްސުރެ ލުބުނާނުން ދަނީ ސީރިއާގެ ގިނަ އަދަދެއްގެ ރެފިއުޖީންނަށް ހިމާޔަތް ދެމުންނެވެ. މި އަހަރުގެ ޖެނުއަރީ މަހު ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި، އެ ގައުމުގައި ސީރިއާގެ ގާތްގަނޑަކަށް 1.5 މިލިއަން ރެފިއުޖީން ދިރިއުޅެމުންދެއެވެ. މީގެ ތެރޭގައި އދ. ގެ ރެފިއުޖީ އެޖެންސީގައި ރަޖިސްޓްރީ ކޮށްފައިވާ ގާތްގަނޑަކަށް 880،000 މީހުން ހިމެނެއެވެ.

ސީރިއާގެ ރެފިއުޖީން އެނބުރި ގައުމަށް ދިއުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އަމިއްލަ އިޚްތިޔާރުގައި އެނބުރި ދިއުމުގެ ޕްރޮގްރާމެއް ލުބުނާނުން ވަނީ 2025 ވަނަ އަހަރުގެ ޖޫން މަހު ފަށާފައެވެ.

އދ. ގެ ރެފިއުޖީ އެޖެންސީން ބުނާ ގޮތުގައި، 2025 ވަނަ އަހަރުގެ ނިޔަލަށް، 500،000 އަށް ވުރެ ގިނަ ރެފިއުޖީން ވަނީ ލުބުނާނު ދޫކޮށް އެނބުރި ސީރިއާއަށް ގޮސްފައި ކަމަށް ބެލެވެއެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 240،300 މީހުން އެނބުރި ގޮސްފައިވަނީ އަމިއްލަ އިޚްތިޔާރުގައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް