އެމެރިކާގެ ރައީސްކަން ކުރައްވާ ބޭފުޅެއްގެ އޮފީސް ކަމަށްވާ އޯވަލް އޮފީހަށް ދެން އަންނަ އެއްވެސް ރައީސް އަކަށް ވަކިކަހަލަ ބަދަލުތަކެއް ނުގެނެވޭ ގޮތަށް ޚާއްސަ އެގްޒެކެޓިވް އޯޑަރ އެއްގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއި ކުރައްވައިފިއެވެ.
ރިއަލްއެސްޓޭޓް ވިޔަފާރީގެ މަހުޖަނެއްގެ ގޮތުގައި ކުރިން ހުންނެވި ޓްރަމްޕް ގެ ރައީސް ކަމުގެ މިދައުރުގައި އޯވަލް އޮފީހުގެ އެތެރެޔަށް ވަނީ ބަދަލު ތަކެއް ގެންނަވާފައެވެ.އަދި ރަން ކުލައިގެ ފީޗަރ ތައް ހިމަނުއްވާފައި ވެއެވެ.
ބުރާސްފަތި ދުވަހު އެގްޒެކެޓިވް އޯޑަރގައި ސޮއި ކުރެއްވުމަށްފަހު ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އޯވަލް އޮފީސް މިހާރު އެވަނީ ނެޝަނަލް މޮނިއުމަންޓް އަކަށް ހަދާފައިކަމުގައެވެ.އަދި ވިސްނުންތެރިކަމެއްނެތި އެކިބަދަލު ތައް ގެނައުމަށް އޯވަލް އޮފީހުގެ އެކިބައިތައް ދެން ތަޅާނުލެވޭނެ ކަމުގައި ވިދާޅުވެފައި ވެއެވެ.
ރިޔާސީ ގަނޑުވަރު ވައިޓް ހައުސް ގެ ތަންތަނަށް ބަދަލު ގެނައުމަކީވެސް މީގެ ކުރިން ރައީސުން ކުރައްވާތީ ފެނުނު ކަމެއް ނޫނެވެ. ނަމަވެސް މަތީ ފެންވަރުގެ ބޯލްރޫމް އެއް ހަދަން ކަމަށްބުނެ ރައީސް ޓްރަމްޕް ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ވައިޓް ހައުސްގެ އީސްޓް ވިންގ އެއްކޮށް ތަޅާލައްވާފައެވެ. މިއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެކި ފަރާތްތަކުން އެކަމާ ދެކޮޅަށް ތެދުވެފައިވެސް ވެއެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވީ އެޕްރޮޖެކްޓަށް ވަނީ ކޮންގްރެސްގެ ރުހުން ލިބިފައި ކަމަށާ އެތަން އަލުން ހަދާނީ ޓެކްސް ދައްކާ މީހުންގެ ފައިސާއިން ނޫން ކަމުގައެވެ.
ޓްރަމްޕް ސޮއިކުރެއްވި އެގްޒެކެޓިވް އޯޑަރ ގެ ސަބަބުން އިމާރާތުގެ ސްޓްރަކްޗަރަށް ބަދަލު ގެނައުން މަނާ ކުރިނަމަވެސް ޒީނަތްތެރި ކުރުމުގެ ގޮތުން އެކިކަންތައް ކުރުމާއި، ބޭނުން ފަރުނީޗަރެއްލުމާއި އަދި ސެކިއުރިޓީ ސަބަބު ތަކަށްޓަކައި ތަނުގެ ތާރީހީ އަދި އާކިޓެކްޗަރަލް ކެރެކްޓަރ ނުގެއްލޭ ގޮތަށް ތަނުގެ ހިންގުމަށް އެކި ބަދަލު ގެނެވިދާނެ ކަމަށް ބުނެފައި ވެއެވެ.
![]()
