ފިލިޕީންސްގައި އެންމެ ހަރަކާތްތެރި އަލިފާންފަރުބަދަތަކުގެ ތެރޭގައި ހިމެނޭ މައުންޓް މާޔޯން ހުކުރު ދުވަހު ގޮވައި، ގާތްގަނޑަކަށް 3،000 މީޓަރު (3 ކިލޯމީޓަރު) އުހަށް ވައިގެ ތެރެއަށް ބުރައިގެން ހިނގައްޖެއެވެ.
ފިލިޕީން އިންސްޓިޓިއުޓް އޮފް ވޮލްކެނޮލޮޖީ އެންޑް ސީސްމޮލޮޖީން ބުނި ގޮތުގައި މެދުމިންވަރަކަށް ބާރުގަދަކޮށް ހިނގި މި ގޮވުން ގާތްގަނޑަކަށް ހަ މިނެޓަށް ދެމިގެން ދިޔައެވެ. އަދި އުފެދުނު އަޅީގެ ވިލާގަނޑު މަޑުމަޑުން ވަނީ ދެކުނު ހުޅަނގަށް، މީހުން ދިރިއުޅޭ ކައިރި ސަރަޙައްދުތަކާ ދިމާއަށް ދަތުރުކޮށްފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ނުވަތަ މުދަލަކަށް ގެއްލުމެއް ވި ކަމުގެ ވަގުތީ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް، ކަމާބެހޭ ފަރާތްތަކުން ވަނީ އެ ޤައުމުގެ ފަސް މަރުޙަލާގެ އިންޒާރުގެ ނިޒާމުން މި އަލިފާންފަރުބަދައިގެ އެލާޓް ލެވެލް 2 އިން 3 އަށް މަތިކޮށް، ފަރުބަދައިގެ ކަނޑުރާ ވަށައިގެން ހަ ކިލޯމީޓަރުގެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އިލްތިމާސްކޮށްފައެވެ.
އޮފިޝަލުން އިންޒާރު ދެއްވާފައިވާ ގޮތުގައި، މި އަލިފާންފަރުބަދަ މިހާރު ވަނީ މެގްމާ ގިނަ އަދަދަކަށް ބޭރުވާ އައު މަރުޙަލާއަކަށް ވަދެފައެވެ. މީގެ ސަބަބުން ލާވާ ފޭބުމާއި، ހިލަ ވެއްޓުމާއި، އަދި ނުރައްކާތެރި ހޫނު ގޭހާއި އަޅީގެ އޮއިވަރުތައް އުފެދުމުގެ ފުރުޞަތު ބޮޑެވެ. މީގެއިތުރުން، އެ ފަރުބަދައާ ކައިރިން ދަތުރުނުކުރުމަށް އެއާލައިންތަކަށް ވެސް ވަނީ އަންގާފައެވެ.
އުސްމިނުގައި 2،462 މީޓަރު ހުންނަ މައުންޓް މާޔޯން އަކީ މެނީލާގެ ދެކުނު އިރުމަތިން ގާތްގަނޑަކަށް 330 ކިލޯމީޓަރު ދުރުގައި އޮންނަ ފަރުބަދައެކެވެ. މިއީ މިއަހަރުގެ ތެރޭގައި ހަރަކާތްތެރިކަން އިތުރުވެފައިވާ ފިލިޕީންސްގެ ތިން އަލިފާންފަރުބަދައިގެ ތެރެއިން އެކައްޗެވެ.
މީގެކުރިން، ޖޫން 2023 ގައި ވެސް މި އަލިފާންފަރުބަދައިން އަޅިއާއި ވިހަ ގޭސް ބޭރުވުމުގެ ސަބަބުން 12،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހިފައެވެ.
ފިލިޕީންސަކީ ބިމުގެ ޕްލޭޓްތައް ބައްދަލުވާ ޕެސިފިކް ”ރިންގް އޮފް ފަޔަރ“ ސަރަޙައްދުގައި އޮންނަ ޤައުމަކަށް ވާތީ، އެ ޤައުމަށް ގިނަގިނައިން ބިންހެލުންތަކާއި އަލިފާންފަރުބަދަތައް ގޮވުމުގެ ހާދިސާތައް ކުރިމަތިވެއެވެ.
![]()
