އީގަލް ހިލްސް ކުންފުނީގެ ދައުވަތަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދިޔަ ދިވެހި ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ކުރަމުންދާ ފުރައްސާރައާއި އަގުވައްޓާލުމުގެ ކެމްޕޭންތައް އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ.
ނޫސްވެރިންގެ ޖަމްއިއްޔާ އިން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ވަނީ، އެ ދަތުރަކީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ޔޫއޭއީގެ ޑިވެލޮޕަރެއް ކަމަށްވާ އީގަލް ހިލްސް އިން އިންތިޒާމުކުރި މީޑިއާ ދަތުރެއް ކަމަށާއި މި ދަތުރުގައި ބައިވެރިވި ނޫސްވެރިންގެ އަގުވައްޓާލައި، އެ ފަރާތްތަކާ މެދު ނަފްރަތު އުފެއްދުމަށް ސޯޝަލް މީޑިއާގައި ފޮޓޯތައް ދައުރުކޮށް ވީޑިއޯތައް ހަދަމުންދާ ކަމަށެވެ. އެ ނޫސްވެރިންނަކީ ”ގައްދާރުން“، ”ޒަޔަނިސްޓުން“ އަދި ”ޔަހޫދީން“ ގެ ގޮތުގައި ލޭބަލްކޮށް ހުތުރު ބަހުން ފުރައްސާރަ ކުރަމުންދާ ކަމަށާއި
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ އެ ނޫސްވެރިންނާ މެދު ނަފްރަތު އުފެއްދުމުގެ ގޮތުން ފޮޓޯތައް ދައުރުކޮށް، ވީޑިއޯތައް ހަދަމުން ކަމަށް އެ ސިޓީގަައި ވަނީ ބުނެފައެވެ.
އެމްޖޭއޭއިން ބުނީ ނޫސްވެރިން މަސައްކަތް ކުރަނީ އެ ބަޔަކު ނިސްބަތްވާ މީޑިއާތަކުގެ އެޑިޓޯރިއަލް ސިޔާސަތުތަކާ އެއްގޮތަށް ކަމަށްވާއިރު، ޕްރޮފެޝަނަލް ޒިންމާ އަދާކުރުމުން ވަކިވަކި ނޫސްވެރިންނަށް ކުރާ ފުރައްސާރައަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިފަދަ އަމަލުތަކުގެ ސަބަބުން ނޫސްވެރިންނާއި އެމީހުންގެ އާއިލާތަކުގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދި، ޒާތީ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށެވެ.
މިގޮތުން މި ޝަކުވާ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ކެމްޕޭންތަކުގެ ފަހަތުގައި ތިބި ފަރާތްތަކުގެ ރަސްމީ ތަހުގީގެއް ފެށުމަށާއި، އަނިޔާ ލިބުނު ނޫސްވެރިންގެ ސަލާމަތީ ރިސްކް އެސެސްމެންޓެއް ވަގުތުން ހެދުމުގެ އިތުރުން، އެ ފަރާތްތަކަށާއި އާއިލާތަކަށް އެކަށީގެންވާ ފުލުހުންގެ ހިމާޔަތް ހަމަޖައްސައިދިނުމަށް ނޫސްވެރިންގެ ޖަމިއްޔާއިން ވަނީ އެދިފައެވެ.
![]()
