އިންޑިއާގެ މޫސުމާ ބެހޭ އިދާރާ (އައި.އެމް.ޑީ) އިން ބުނި ގޮތުގައި، ތޫފާން އަރްނަބް، އިއްޔެގެ ފަތިހުގެ ވަގުތެއްގައި އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ އައްސޭރިފަށަށް އަރައި، ބޯކޮށް ވާރޭވެހި ބާރު ވަޔާއެކު ދަނީ ގެއްލުންތައް ދެމުންނެވެ.
މި ތޫފާނަކީ ”ވެރީ ސިވިއާ ސައިކްލޯނިކް ސްޓޯމް“ ނުވަތަ ވަރަށް ބާރުގަދަ ތޫފާނެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ވައިގެ ބާރުމިން ހުރީ ގަޑިއަކު 115 އާއި 125 ކިލޯމީޓަރާ ދެމެދުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 140 ކިލޯމީޓަރަށް ވައި ބާރުވެއެވެ. އައި.އެމް.ޑީ އިން ބުނީ ތޫފާން އެއްގަމަށް އެރުމުގެ މަރުހަލާ އެތައް ގަޑިއިރަކަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން އާދައިގެ ދިޔަވަރަށް ވުރެ 1 އާއި 1.5 މީޓަރު އުސްމިނުގައި ރާޅު އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، އައްސޭރިފަށުގެ ތިރި ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ނުރައްކާ އޮތް ކަމަށް ވެސް ވަނީ ބުނެފައެވެ.
ތޫފާން އެރުމުގެ ކުރިން އަންދްރަ ޕްރަދޭޝް އަދި އޮޑިޝާގެ އެކި ސަރަހައްދުތަކުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން މިއަދު ފަތިހާއި ހަމައަށް ވިޝާކަޕަޓްނަމް އަށް 216 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ކަލިންގަޕަޓްނަމް އަށް 147 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
ވިޝާކަޕަޓްނަމް އަދި ވިޖަޔަވާޑާއަށް ދަތުރުކުރަން ހަމަޖެހިފައި އޮތް ގިނަ ފްލައިޓްތަކެއް ކެންސަލްކޮށްފައިވާއިރު، ރޭލު ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރާފައެވެ. އަދި އަސަރުކޮށްފައިވާ ސަރަހައްދުތަކުން ކަރަންޓު ކެނޑުމާއި ގަސްތައް ވެއްޓިފައިވާ ކަމުގެ ރިޕޯޓުތައް ވެސް ލިބިފައިވެއެވެ. މި ޚަބަރު ޝާއިއުކުރި ވަގުތާ ހަމައަށް އެއްވެސް ސްޓޭޓަކުން މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ކަމާބެހޭ އިދާރާތަކުން އިންޒާރު ދީފައިވަނީ މިއަދާއި މާދަމާއަށްވެސް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މި ތޫފާނަށް ”އަރްނަބް“ ގެ ނަން ދީފައިވަނީ ބަންގްލަދޭޝް އިންނެވެ. މިއީ ބެންގޯލް ކަނޑުއޮޅި އަދި އަރަބި ކަނޑު ހިމެނޭ ގޮތަށް އުތުރު އިންޑިއާ ކަނޑުގައި އުފެދޭ ޓްރޮޕިކަލް ނަގޫރޮޅިތަކަށް ނަން ދިނުމަށް ކަނޑައަޅާފައިވާ ރަސްމީ ނިޒާމުގެ ދަށުން ދީފައިވާ ނަމެކެވެ.
![]()
