ޢުމްރާވެރިން ގޮވައިގެން މާލެއިން ޖިއްދާއަށް މިއަދު ދަތުރުކުރުމަށް ހަމަޖެހިފައިވާ މޯލްޑިވިއަންގެ ފްލައިޓް، ސަލާމަތީ ސަބަބުތަކަށްޓަކައި ފަސްކޮށްފި ކަމަށް އެ އެއާލައިނުން ބުނެފިއެވެ.
މޯލްޑިވިއަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރަށް ގާތުން ބަލަމުންދާކަމަށެވެ.
އެގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށާއި، މިހާރު އޮތް ހާލަތަކީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ފަދަ ހާލަތެއް ކަމަށް ލަފާކުރެވޭ ކަމަށްވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
މޯލްޑިވިއަނުން ބުނީ، ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭ ކަން ކަމަށެވެ.
މިކަމާ ގުޅިގެން ޙައްޖު ކޯޕަރޭޝަނުން ދަތުރުވެރިންގެ ކިބައިން މަޢާފަށް އެދިފައިވާއިރު، މަސްރަޙު ހަމައަކަށް އެޅި ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން، ދަތުރަށް ފައިސާ ދައްކާފައިވާ މީހުންނަށް އިތުރު އަގަކާ ނުލައި ދަތުރުކުރެވޭނެ ފުރުސަތު ފަހިކޮށްދޭނެކަމުގެ ޔަގީންކަން އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.
މޯލްޑިވިއަނުން ބުނީ، އެ ސަރަހައްދުގެ މަސްރަޙު ހަމައަކަށް އެޅި، ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން ދަތުރު ކުރާނެ ތާރީޚެއް ފަސިންޖަރުންނަށް ފަހުން އަންގާނެ ކަމަށެވެ.
![]()
