ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑަށް 1 އަހަރާއި 7 މަހުގެ ޖަލު ހުކުމެއް އިއްވައިފި

Loading

Facebook
Twitter
WhatsApp

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ، 1 އަހަރާއި 7 މަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. ދީނާގެ މައްޗަށް ދައުވާކުރަނީ، ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއްނެތި، އެ މަސައްކަތަށް ވާ ފައިސާ އެ ކުންފުންޏަށް ދޫކުރި މައްސަލައިގައެވެ.

އެގޮތުން މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމީ މަހުގެ 12ވަނަ ދުވަހު އެވެ.މި މައްސަލައިގައި ހުކުމް އިއްވުމަށް ބޭއްވި މަޖިލީހުގައި ދިފާޢުން ވަނީ، ދައުވާ ލިބޭ ފަރާތަކީ ޖަލު ބަންދުގައި ހުންނަން ޖެހޭ ފަރާތެއް ކަމުގައި ނުދެކޭ ކަމަށް ފާހަގަކޮށްފައެވެ. އަދި މި ކުށުގެ އަދަބުގެ ގޮތުގައި ގޭބަންދަށް ބަދަލުކޮށް ޖޫރިމަނާ ކުރުމަށް ވަނީ އެދިފައެވެ. ހަމައެހެންމެ ސިއްޙީ ހާލަތު ހުރިގޮތުން ޖަލުގައި ހުރުމުގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ކަމަށާއި، އެކަންކަން އަންގާ ލިޔެކިޔުންތައް ހުށަހަޅާފައިވާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ. އެހެންވެ، ޖަލު އަދަބު ފިޔަވައި އިތުރު އަދަބެއް ކަނޑައެޅުމަށް ޤާނޫނު ތަންދޭކަންވެސް ވަނީ ފާހަގަކޮށްފައެވެ.ނަމަވެސް ދައުލަތުގެ ވަކީލު ވަނީ، ދީނާއަކީ ދައުލަތުގެ އިދާރާއެއްގެ އިސް މަޤާމެއް އަދާކުރި ފަރާތަކަށްވާތީ އޭނާގެ އަދަބު ބޮޑުކުރެވިދާނެކަން ފާހަގަކުރައްވާފައެވެ. އޭނާއަކީ ކުޑަކުދިންތަކެއް ބަލަމުންދާ މީހަކަށްވާތީއާއި، މީގެކުރިން ކުށުގެ ރެކޯޑެއް ނެތް ފަރާތަކަށްވާތީ އެއީ އަދަބު ލުއިކޮށްދެވިދާނެ ހާލަތްތަކެއްގެ ގޮތުގައި ދައުލަތުން ފާހަގަކުރިއެވެ.މިގޮތުން މި މައްސަލައިގައި ދައުލަތުންނާއި ދިފާޢުން ހުށަހެޅުއްވި ކަންކަމަށް ރިއާޔަތް ކުރައްވައި، ކްރިމިނަލް ކޯޓުން ވަނީ ދީނާއަކީ ޖަލު ބަންދުގައި ނުބެހެއްޓޭނެ ފަދަ ސިއްޙީ ހާލަތެއް ހުރި މީހެއްކަން އެނގޭނެ ލިޔުމެއް ކޯޓަށް ހުށަހަޅާފައި ނުވާ ކަން ހާމަކޮށްފައެވެ. އަދި އޭނާގެ މައްޗަށް ސާބިތުވި ކުށަކީ، ޖިނާއީ ބޮޑު ކުށެއް ކަމަށްވާތީ 1 އަހަރާއި 7 މަހާއި 11 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް