އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ އެ ބިލް ފާސްކުރީ 38 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
މިދިޔަ އަހަރު އެޕްރީލްގައި ބޭއްވުމަށް ތާވަލް ކުރި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރީ، ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ވުޖޫދުކޮށްގެންނެވެ.
އެ ގާނޫނުގެ ދަށުން އިންތިހާބު ބޭއްވެން އޮތީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމާއެކު ކަމާ ބެހޭ ފަރާތްތަކުން އިންތިހާބު ބޭއްވުމަށް ސިއްހީ ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމުންނެވެ.
މިއަދު ފާސް ކުރި ބިލުގައި އެންމެ ފުރަތަމަ އިންތިހާބާ ގުޅޭ ވަރަށް ގިނަ މުއްދަތުތައް ކުރު ކުރާ ގޮތަށް އޮތެވެ. މި ގޮތުން ކެމްޕޭން ކުރުމަށް ހުޅުވާލާ މުއްދަތާއި، ރީރަޖިސްޓްރޭޝަނަށް ހުޅުވާލާ މުއްދަތާއި، ވޯޓުލާ މީހުންގެ ނަންތައް ހިމެނޭ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތާއި، ކެންޑިޑެސީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތުތައް ވެސް އޭގެ ތެރޭގައި ހިމެނެއެވެ.އެކަމަކު ކޮމިޓީއިން ބިލު ދިރާސާ ކުރުމަށް ފަހު ވަނީ އެ މާއްދާ އުވާލުމަށް ނިންމައި އެ ގޮތަށް ބިލް އެކުލަވާލާފައެވެ.
އީސީއިން ވިދާޅުވެފައި ވަނީ އިންތިހާބު ބޭއްވެން އޮންނާނީ ކެމްޕޭން ކުރުމަށް މަދުވެގެން ދެ މަސް ދުވަހުގެ މުއްދަތެއް ދެވޭ ގޮތަށެވެ. އެހެންކަމުން މިހާރު ނިންމާފައި އޮތީ ފެބްރުއަރީ މަހު ފުރުސަތު ހުޅުވާލާ ގޮތަށް އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އިންތިހާބުގެ ވޯޓްލުން ބޭއްވުމަށެވެ.
އެ ބިލަށް އަމަލު ކުރަން ފަށާނީ، ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ.